ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެކުގައި މިހާރު ކުޅެމުން އަންނަ ފިލްމު "ޖައްގާ ޖާސޫސް" އަށް އަންނަނީ ފިލްމުގެ ޝޫޓިން ފެށި ހިސާބުން ފެށިގެން އެކި މައްސަލަތައް ދިމާވަމުންނެވެ.
ވޭތުވި ދެ އަހަރުން ފެށިގެން އުފެއްދުމުގެ މަސައްކަތްކުރަމުން އަންނަ ފިލްމު ރިލީޒްކުރާ ތާރީހު ވަނީ ފިލްމުގެ ޝޫޓިން ނުނިމުމުގެ ސަބަބުން ދެފަހަރެއްގެ މަތިންވެސް ބަދަލުކޮށް، ލަސްކޮށްފަ އެވެ.
މި ފިލްމުގެ ލީޑް ދެތަރިން ކަމަށްވާ ރަންބީރާއި ކެޓްރީނާ މިފަހުން ރުޅިވެފައިވާތީ މިދެތަރިންގެ ހިމަނައިގެން ފިލްމުގެ ޝޫޓިން ކުރިއަށް ގެންދަން، ފިލްމުގެ ޓީމަށް އަންނަނީ ބޮޑެތި އުނދަގޫތައް ދިމާވަމުންނެވެ.
ރުޅިވިފަހުން ދެ މީހުން އެކަކު އަނެކަކާ ވާހަކަދެއްކުން ހުއްޓާލާފައިވާއިރު، ޝޫޓިންގެ ތެރެއިން ވެސް ދެމީހުން އެކަކު އަނެކަކު ކުރިމައްޗަށް އަރަނީ ފިލްމުގެ މަންޒަރެއް ނެގުމަށް އެކަނި ކަމަށްވެ އެވެ.
ނޫސްތަކުގައިވާ ގޮތުން ހޮނިހިރު ދުވަހުގެ ހެނދުނު ނުވަޔަކު ރޭގަނޑު ނުވަޔަކަށް މުމްބައި ބަލާޑް އެސްޓޭޓްގައި އޮތް ފިލްމުގެ ޝޫޓިންއަށް ކެޓްރީނާ ގޮސްފައިވަނީ ރޭގަނޑު ދިހައެއް ޖަހާ ބޮޑުވި ފަހުންނެވެ. އަދި ޝޫޓިން އަށް މޭކަޕްކޮށް ކެޓްރީނާ އަށް ތައްޔާރުވެވުނުއިރު ހުރީ ދަންވަރު ތިނެއް ޖަހާ ބޮޑުވެފައި ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެ އެވެ.
ބުނެވޭ ގޮތުގައި ރަންބީރާ ރުޅިވިފަހުން ފިލްމުގެ ޝޫޓިން އަށް ކެޓްރީނާ ލަހުން އަންނަނީ ފިލްމުގެ ޓީމަށް ޖެއްސުންކުރުމުގެ ގޮތުން ކަމަށްވެ އެވެ. އަދި ކެޓްރީނާގެ ސަބަބުން މޮރޮކޯގައި ނަގަން ހަމަޖެހިފައިވާ ފިލްމުގެ މަންޒަރުތައް ވެސް ވަނީ އެތައް ފަހަރެއްގެ މަތިން ލަސްކުރަން ޖެހިފަ އެވެ.
މިޖޫން މަހުގެ އެއްވަނަ ދުވަހުގައި މިފިލްމު މިހާރު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު، އަދި ފިލްމުގެ ބޮޑު ބައެއް އަދި ޝޫޓްކޮށް ނުނިމޭއިރު މިހާރު ރިލީޒްކުރުމަށް ކަނޑައަޅާފައިވާ ތާރީހުގައި ރިލީޒްކުރެވިދާނެ ކަމާމެދު ޝައްކެވެ.
މިފަހުން ނޫސްތަކަށް ދިން އިންޓަވިއުއެއްގެ ރަންބީރު ވަނީ މިފިލްމު ރިލީޒްކުރުން ދެން ލަސްކޮށްފިނަމަ އޭނާ އަށް ފޫނުބެދޭ ވަރުގެ ގެއްލުމަކާ ކުރިމަތިވާނެ ކަމަށް ބުނެފަ އެވެ.
"ޖައްގާ ޖާސޫސް" ޕްރޮޑިއުސްކުރަނީ ރަންބީރާއި ޑައިރެކްޓަރު އަނޫރާގް ބާސޫ އެވެ.