ނޫސްވެރިން

ނޫސްވެރިންގެ ކަންބޮޑުވުންތައް ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކޮށްފި

ރާއްޖޭގައި މިވަގުތު ނޫސްވެރިކަން އޮތް ހާލަތާއި ނޫސްވެރިންގެ ކަންބޮޑުވުންތައް ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމެޓުންނާ ހިއްސާކޮށްފި އެވެ. ކަންބޮޑުވުންތައް ހިއްސާކުރުމަށް ދިވެހި ނޫސްވެރިންގެ ފަރާތުން ތިން ނޫސްވެރިއެއް ވަނީ ލަންކާއަށް ގޮސްފަ އެވެ.

ލަންކާއަށް ގޮސްފައިވަނީ، ހަވީރު ނޫހުގެ އަލީ ނާފިޒާއި މޯލްޑިވްސް އިންޑިޕެންޑެންޓުގެ ޒަހީނާ ރަޝީދާއި ރާއްޖެ ޓީވީގެ މުހައްމަދު ޖުނައިދެވެ.

މި ތިން ނޫސްވެރިން މިއަދު ވަނީ ޔޫރަޕިއަން ޔޫނިއަން މިޝަންގެ އެންބެސެޑަރުންނާ ބައްދަލުކުރައްވާފަ އެވެ. އަދި ރާއްޖެއަށާއި ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރާއި ޖާމަނީ ސަފީރާއި އޮސްޓްރޭލިއާ ސަފީރާއި ކެނެޑާގެ ސަފީރާ ވެސް ބައްދަލުކުރެއްވި އެވެ. މީގެއިތުރުން ވެސް އިޓަލީ، ސްވިޒެލެންޑް، ޖަޕާން، ފްރާންސް، ނޯވޭ، ނެދަލެންޑްސްގެ އިސް ޑިޕްލޮމެޓުންނާ ބައްދަލުކުރެއްވި އެވެ.

އީޔޫ މިޝަން އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، މިހާރު ރާއްޖޭގެ މީޑިއާއަށް ހުރި ހުރަސްތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ "އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ބެހޭ ބިލް"ގައި ހުރި ކަންބޮޑުވުންތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ.

މީގެއިތުރުން ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިއަކަށް ދައުވާކޮށްފައިވާ ކަމުގެ މައުލޫމާތާއި ހައްޔަރުކުރި ނޫސްވެރިންގެ މައުލޫމާތުގެ އިތުރުން ހަވީރު ނޫސް ބަންދުކުރުމާ ގުޅޭ މައުލޫމާތުތައް ވެސް ވަނީ ހިއްސާކޮށްފަ އެވެ. އަދި މިހާރު މީޑިއާތަކަށާއި ނޫސްވެރިންނަށް ލިބެމުންދާ އިންޒާރުތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.

ޑިޕްލޮމެޓުންނާ ވަނީ ސަރުކާރާއި ޝަރުއީ ނިޒާމުން މިނިވަން ނޫސްވެރިކަމަށް އަޅަމުންދާ ހުރަސްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފުކޮށްފަ އެވެ. އަދި އެ ބޭފުޅުން ވަނީ ނޫސްވެރިން ހައްޔަރުކޮށް ދައުވާކުރަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެންމެ ދުވަސްވީ ނޫސް ހަވީރު ބަންދުކުރުމާއި އަބުރާ ގުޅޭ ބިލާމެދު ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.