އެލައިޑް އިންޝުއަރެންސް

އަލިފާނުގެ ހާދިސާއާ ގުޅިގެން އެލައިޑުން 48 މީހަކަށް ހިޔާވަހިކަންދީފި

Apr 19, 2016
1
  • އެކޮމޮޑޭޝަން ދިނީ މާލޭގެ ގެސްޓް ހައުސްތަކުން
  • އިތުރު އެހީ ދޭން އެލައިޑް ތައްޔާރު
  • ބައެއް ފަރާތްތަކުން ދަނީ އެހީވާން އިސް ނަގަމުން

ކޯސްޓްލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު 48 މީހަކަށް އެލައިޑް އިންޝުއަރެންސުން ގެސްޓް ހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސައިދީފި އެވެ.

"އަވަސް" އަށް ވާހަކަ ދައްކަމުން އެލައިޑް އިންޝުއަރެންސުގެ މެނޭޖަރު މާކެޓިން ނިއުޝާދު ޝަރީފު ވިދާޅުވީ އިއްޔެ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރާ ގުޅިގެން އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން [އެލައިޑް] ގެ އެމްޑީ އަހުމަދު އަމީލްގެ އިސްނެގެވުމަކަށް ޑިޒާސްޓާއާ ގުޅިގެން މި މަސައްކަތް ކުރަނީ. އެކޮޅުން އެދިލެއްވި ގޮތަށް އެކޮމޮޑޭޝަން ހަމަޖައްސައިދީފައި ވާނީ މާލޭގެ ގެސްޓް ހައުސް ތަކުން،" ނިއުޝާދު ވިދާޅުވި އެވެ.

"އެހީތެރިކަން ބޭނުން ވާހަކަ ބުނުމާ ގުޅިގެން އެލައިޑްގެ މުވައްޒަފުން ނުކުމެ ރޫމްތައް ހަމަޖައްސައިދިނީ."

އޭނާ ވިދާޅުވީ 48 މީހުންގެ އެކޮމޮޑޭޝަން ހަތަރު ދުވަހަށް ހަމަޖައްސައިދީފައިވާނެ ކަމަށެވެ.

"އެކޮމޮޑޭޝަން ހަމަޖައްސައިދީފައިވާނީ ބްރެކްފާސްޓް [ހެނދުނުގެ ސަޔާ] އެކުގައި. މި ވަގުތު ދީފައިވާނީ ހަތަރު ދުވަސް. ނަމަވެސް އިތުރު މުއްދަތު ބޭނުންވާނަމަ އެކަން ވެސް ކޮށްދޭނެ،" ނިއުޝާދު ވިދާޅުވި އެވެ.

ކޯސްޓް ލައިން ހާޑްވެއާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ވަގުތީ ހިޔާގައި މިވަގުތު 72 މީހުން އެބަތިބި ކަމަށް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރުން ބުނެ އެވެ.