ރާއްޖެ ކުޅިވަރު

ފަހަތުން އަރައި ނިއު ބަލިކޮށް މާޒިޔާ ފެށުން ރަނގަޅުކޮށްފި

އުރީދޫ ދިވެހި ޕްރެމިއާ ލީގު ހުޅުވަން މިއަދު ހަވީރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި 3-2އިން މާޒިޔާ ކާމިޔާބުކޮށްފި އެވެ.

ލީގުގެ ފުރަތަމަ ލަނޑު މެޗުގެ 22 ވަނަ މިނިޓްގައި އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ޖަހައިދިނީ އިއްޒަތު އަބުދުލްބާރީ އެވެ. ގޯލް އޭރިޔާތެރެއަށް މަތިން ނަގައިދިން ހުރަސް އޭނާ ގޯލުގެ މެދަށް ފޮނުވާލީ ކީޕަރު އިމްރާނު މުހައްމަދަށް ވެސް ފުރުސަތުނުދީ އެވެ.
މި ލަނޑަށް ފަހު މާޒިޔާއިން އެއްވަރުކުރީ 26 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން މިދިޔަ ދެ އަހަރުގެ މޮޅު ކުޅުންތެރިޔާ އަސަދުﷲ އަބުދުﷲ އެވެ.

ނިއުގެ ދެ ވަނަ ލަނޑު ޖަހައިދިނީ ބަލްގޭރިޔާގެ އިސްކޮޅުން ދިގު ޑިފެންޑަރު ވެލިޗެކޯ ވެލިޗޯފެވެ. މެޗުގައި ދެ ވަނަ ފަހަރަށް މާޒިޔާ އަށް އެއްވަރުކޮށްދިނީ ފަހު ހާފުގައި އިސްމާއީލް އީސާ (މެސީ) އެވެ. އަދި މާޒިޔާ މޮޅުވީ ފަހުހާފުގައި ކުޅެން ނުކުތް މުހައްމަދު އުމޭރު 78 ވަނަ މިނިޓްގައި ޖެހި ލަނޑުންނެވެ.

މި މެޗުގައި ނިއުއިން ރަނގަޅަށް ކުޅުނު ނަމަވެސް މާޒިޔާގެ ބެންޗުގައި ތިބި އުމޭރާއ އަހުމަދު ނާޝިދު (ނާއްޓޭ) އަދި ސަމޫހް އަލީ ކުޅެން ނުކުތުމުން ނިއު އަށް ހިފަހައްޓާލަން އުނދަގޫވި އެވެ.

މިއީ މި ސީޒަނުގައި މާޒިޔާ އަތުން ނިއު ބަލިވި ދެ ވަނަ މެޗެވެ. ސީޒަން ހުޅުވަން ކުޅުނު މެޗުން މާޒިޔާ މޮޅުވީ ވެސް ނިއުއަތުންނެވެ.
އަށް ޓީމު ވާދަކުރާ ލީގުގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭނީ ވެލެންސިއާ އާއި ބީޖީ އެވެ.