ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް

މަޝްވަރާގައި ނަޝީދާއި އިމްރާން ހިމަނަން ނިންމައިފި

ކުރިޔަށް ނުގޮސް މިހާތަނަށް ހުއްޓިފައި އޮތް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ރައީސް މުހައްމަދު ނަޝީދާއި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ބައިވެރި ކުރަން ސަރުކާރުން ނިންމައި އެކަން އިއުލާން ކޮށްފި އެވެ. ސަރުކާރުގެ މި ނިންމުން އިއުލާންކޮށް ދެއްވީ ސަރުކާރުގެ ފަރާތުން މަޝްވަރާތަކުގައި އިސްކޮށް ހުންނަވާ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އެވެ.

މިރޭ ރައީސް އޮފީހުގައި އދ. ގެ ވަފުދާއެކު ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްކޮންފަރެންސެއްގައި ޑރ. ޝައިނީ ވިދާޅުވީ މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ނަޝީދާއި އިމްރާން ބައިވެރި ކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.

ޓެރަރިޒަމް ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ. ޓެރަރިޒަމް ކުށް ސާބިތުވެ 12 އަހަރުގެ ޖަލު ހުކުމެއްކޮށްފައިވާ އިމްރާން ހުންނެވީ މި ވަގުތު ގޭގަ އެވެ.

ޝައިނީ ވިދާޅުވީ ބައްދަލުވުންތައް ކުރިއަށް ގެންދަން ސިޔާސީ ޕާޓީ މަޝްވަރާތަކަށް ޖަލަށް ޒިޔާރަތްކޮށް އެ ބޭފުޅުންނާއެކު މަޝްވަރާތައް ކުރިއަށްގެން ގޮސް ސަރުކާރުގެ އިހުލާސްތެރިކަން ދައްކަން ނިންމާފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދު މި މަޝްވަރާތަކުގައި ބައިވެރިވާން ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމުގައިވާނަމަ ރާއްޖެ ވަޑައިގަތުމަށް ސަރުކާރުގެ ފަރާތުން ގޮވާލައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަންދުގައި ތިބޭ މީހުނަށް މަޝްވަރާގައި ބައިވެރިވެ ނުވެވޭ ގޮތަށް ކުރިން ނިންމި ނަމަވެސް އެ ނިންމުން ބަދަލުކުރީ މަޝްވަރާތައް ކުރިއަށް ގެންދަން އެއީ މުހިންމު ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާތީ ކަމަށާއި ދޫތަކެއްދީގެން ވެސް މަޝްވަރާތައް ކުރިއަށްގެންދަން ސަރުކާރުން ބޭނުންވަނީ ގައުމުގެ ރައްކާތެރިކަމާއި ގައުމުގެ އިގްތިސޯދީ އަދި އިޖުތިމާއީ ހަމަޖެހުމަށްޓަކައި ކަމަށެވެ.

ޕާޓީތަކުގެ މަޝްވަރާއަށް މިރޭ ޕާޓީތަކަށް ދައުވަތު ފޮނުވާނެ ކަމަށާއި މަޝްވަރާތައް ކުރިއަށް ގެންދަން ސަރުކާރަށް ދެވެން އޮތް ލުޔެއް ދޭނެ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

"މި މަޝްވަރާތަކުން ކޮންމެވެސް ކަހަލަ ހައްލަކަށް އާދެވި ގައުމު ކުރިއަށް ގެންދިއުމަށްޓަކައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއި ގޮތުން ގައުމު މިއަށްވުރެ ރަނގަޅު ގޮތަކަށް ކުރިއަށް ގެންދިއުމަށް ރައީސް ޔާމީނަށް ފުރުސަތު ލިބިވަޑައިގަންނަވާނެ. ޕާޓީ ތަކާއެކު ވާހަކަ ދައްކައިގެން ކޮންމެސް ކަހަލަ އަލި މަގެއް ލިބޭނެ،" ޝައިނީ ވިދާޅުވި އެވެ.

ހުރިހާ ޕާޓީތަކާއި ކަހަލަ ގޮތަކަށް މިހާރު ވާހަކަ ދެކެވިފައިވާ ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.