ރައްޔިތުންގެ މަޖިލިސް

އިންޓަލިޖެންސް ރިޕޯޓް އިދާރާތަކާ ހިއްސާކުރަން: އިމްރާން

ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ ލަފާއާ އެއްގޮތަށް އިންޓެލިޖެންސް ރިޕޯޓް ކަމާ ގުޅޭ އިދާރާތަކާ މިހާރު ހިއްސާ ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ މޭ ހައެއް، 2021 ގައި ބޮމެއް ގޮއްވާލި ހާދިސާއަށްފަހު 241 ކޮމިޓީން ބެލި ބެލުމުން އިންޓަލިޖެންސް އިދާރާތަކަށް ހިއްސާ ނުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

އިހުމާލު ހިނގީ އޭގެ ސަބަބުން ކަމަށް ވިދާޅުވެ މެންބަރު އިބްރާހީމް ރަޝީދު ވަނީ މިހާރުގެ ތަފްސީލެއް ހިއްސާކުރެއްވުމަށް އެދިވަޑައިގެންފި އެވެ.

މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އިންޓެލިޖެންސް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް މިހާރު ގަވައިދުން ހިއްސާކުރައްވާ ކަމަށެވެ.

"އިންޓަލިޖެންސް ޝެއާކުރުމުގެ ކަންކަން ޓެރަރިޒަމް ގާނޫނުގެ ދަށުން އަދި 241 ކޮމިޓީގެ ރިކޮމަންޑޭޝަންއާ އެއްގޮތަށް މިއަދު އިންޓެލިޖެންސް ޝެއާކުރާނެ ޕްލެޓްފޯމެއް ގާއިމުކުރެވި އެ މަސައްކަތް ކުރެވި އެއާގުޅޭ، ފޮނުވަންޖެހޭ ރިޕޯޓްތައް ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ދަނީ ފޮނުވަންޖެހޭ ޓައިމްތަކުގައި ފޮނުވަމުން،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ އެންމެ ފަހުގެ ރިޕޯޓްވެސް ފޮނުއްވަވާފައިވާ ކަމަށެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ހިންގަން ޖެހޭ ތަހުގީގުކޮށް 10 މީހުން ހައްޔަރުކުރެވުނު ކަމަށް އިމްރާން ވިދާޅުވި އެވެ. ކުށަށް އެކަކު އިއުތިރާފުވެ ކުށް ސާބިތު ކުރެވިފައިވާކަން ފާހަގަކުރެއްވި އެވެ.

މެއި ހައެއްގައި ދިން ހަމަލާ ހިނގާދިޔަ ގޮތް ބެލުމަށްފަހު މަޖިލީހުން ވަނީ 40 އަށް ވުރެ ގިނަ ހުށަހެޅުން ހިމެނޭ ރިޕޯޓެއް ސަރުކާރަށް ފޮނުވާފަ އެވެ. މި ރިޕޯޓްގައިވާ ހުށަހެޅުންތަކާ އެއްގޮތަށް ސަރުކާރުން އަމަލުކުރަމުން ނުދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުން އަބަދު ވިދާޅުވަމުން ގެންދަވަ އެވެ.