ރައީސް އަބްދުﷲ ޔާމީން

"ހިނގާ ކަންކަން ލިޔަންވީ، އަބުރު ނަގައެއް ނުލެވޭނެ"

  • ލިޔާ ލިޔުންތަކަށް މަރުހަބާ ކިޔާނެ
  • އަބުރު ނަގާލަން ފުރުސަތެއް ނެތް
  • ނުލިބެނީ ކޮން މިނިވަންކެއްތޯ ސުވާލުކުރެއްވި

ދައުލަތުން ހިންގާ ކަންކަން ނޫސްތަކުގައި ކިތަންމެ ވަރަކަށް ޖެހި ނަމަވެސް އެކަންކަން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. ރައީސް ވިދާޅުވީ، މީހެއްގެ ދިފާއެއް ނެތް މަރުހަލާއެއްގައި އަބުރު ކަތިލުމަށް ޖާގައެއް ނޫސްވެރިންނަށް ވެސް ނޯންނާނެ ކަމަށެވެ.

"ގެދޮރުވެރިކުރުން"ގެ ނަމުގައި މިރޭ ޖުމްހޫރީ މައިދާންގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިއަދު ދިވެހިން ނޫސްވެރިންތަކެއް ސްރީލަންކާގައި ތިއްބަވާ ބޭރުގެ ޑިޕްލޮމޭޓުންނާއެކު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ވިދާޅުވީ، ނޫސްވެރިންނަށް ނުލިބިގެން އުޅެނީ ކޮން މިނިވަންކަމެއް ކަމެއް ސާފުނުވާ ކަމަށެވެ. އަދި ރާއްޖޭގައި ނެތީ ކޮން މިނިވަންކެއްތޯ ރައީސް ވަނީ ސުވާލުކުރައްވާފަ އެވެ.

"މިއަދު ވެސް އަޅުގަނޑު ދުށިން ސިލޯންނަށް އަޅުގަނޑުމެން ނޫސްވެރިންކުރި ޒިޔާރަތަކީ ކޮބައިތޯ، ނޫސްވެރިކަމުގެ މިނިވަންކަން ނެތް ވާހަކަ، ކޮން މިނިވަންކަމެއްތޯ މިތާ ނެތީ، ކޮން މިނިވަންކަމެއް ނެތިގެންތޯ މިއުޅެނީ، އެ މިނިވަންކަމަކީ މީހުންގެ އަބުރު ނަގާލުމަށްކުރާ މަސައްކަތްތައް ހުއްޓުވުމަށްކުރާ މަސައްކަތެއްތޯ، އެއީ ތޯ މިނިވަންކަން ނެތުމަކީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދައުލަތުންކުރާ ކަންކަން ނޫހެއްގައި ޖަހާނެ މިންވަރަކަށް ޖަހަންވީ ކަމަށާއި، ނަމަވެސް ދައުލަތުގެ މުއައްސަސާއެއްގެ އަބުރެއް ނަގައެއް ނުލެވޭނެ ކަމަށެވެ.

"ނޫހެއްގައި ޖަހާނެ ވަރަކަށް ދައުލަތުންކުރާ ކަންކަން ޖަހަންވީ ދައުލަތުގެ މުއައްސަސާއެއްގެ އަބުރެއް ނަގައެއް ނުލެވޭނެ، އެހެންނަމަވެސް ދައުލަތުން ހިންގާ ކަންކަމާ ގުޅޭ ގޮތުން އަރިހުރަހަށް ޖަހާނެ އެއްޗެއް ޖެހުން އެއީ އޭފޯ ސައިޒު ވިޔަސް އޭތްރީ ސައިޒް ވިޔަސް ޖަހަން ކެރުނު ވަރަކަށް ޖަހަންވީ، އެއީ އަޅުގަނޑުމެން މަރުހަބާ ކިޔާނެ ކަންކަން،" ރައީސް ވިދާޅުވި އެވެ.

ދައުލަތުން ހިންގާ ކަންކަން ނޫސްތަކުގައި ޖެހި ނަމަވެސް، އެމީހެއްގެ ދިފާއެއް ނެތް މަރުހަލާއެއްގައި އެމީހެއްގެ ވާހަކަ ދައްކާ އަބުރު ނަގާލާކަށް ޖާގައެއް ނުދެވޭނެ ކަމަށާއި އެއީ ވާނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެކަންކުރުމަށް ނޫސްވެރިކަމުގެ މިނިވަންކަމޭ ނެތޭ ބުނެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.