ރައީސް އަބްދުﷲ ޔާމީން

ސަރުކާރު އޮތީ ނޫސްވެރިންނާއެކު، އެކަމަކު ނޫސްވެރިން ޒިންމާދާރުވާންޖެހޭ: ރައީސް

މި ސަރުކާރު އޮތީ ނޫސްވެރިންނާއެކުގައި ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ވަށާ ފާރެއް ވެސް ލެވިފައިވާ އަދި އެ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު އަދާކޮށް ރައްޔިތުންނާ ހަމައަށް ކަނަކަން ގެނެސްދިނުން ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ދ. މީދޫ ބިން ހިއްކުމުގެ މަޝްރޫއު ނިންމި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ނޫސްވެރިކަން ޒިންމާދާރުކަމާއެކު ކުރުން ކަމަށާއި ދޭދޭ މީހުންގެތެރޭ ޖެހޭ ޒާތީ މައްސަލަތައް ބަންޑުން ކޮށްލުން ނޫން ކަމަށެވެ. އަދި މީހުންގެ ކަރާމާތް ގެއްލޭފަދަ ވާހަކަތައް ދެއްކުން ވެސް ނޫން ކަމަށެވެ.

"ނޫސްވެރިންގެ މިނިވަންކަމަކީ ވެސް އޭގެ ވަށައި ފާރުލެވިފައިވާ ކަމެއްކަން ނޫސްވެރިންގެ ހިޔާލަށް ގެންނަން ވާނެ، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޒިންމާދާރުކަމާއެކު ނޫސްވެރިކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުން، ނޫސްވެރިކަން ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަކީ ދޭދޭ އަވަށްޓެރިންގެ ދެމެދުގައި އޮންނަ މައްސަލަތައް ބައްޑުންކޮށްލުމެއް ނޫން، އަދި މީހުންގެ ކަރާމާތަށް ގެއްލުންވާފަދަ ވާހަކަތައް މީހުން ނިކަމެތިވާ ފަދަ ވާހަކަތައް ގެނައުމެއް ވެސް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރަކީ ދިވެހި ނޫސްވެރިންނާއެކު އޮތް ސަރުކާރެއް ކަމަށާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން އިސްލާހު ކުރުމަށް ނޫސްވެރިންނަށް މަސައްކަތްކުރެވޭނެ ކަމަށެވެ.

"ގަބޫލު ކުރައްވާ މިއީ ނޫސްވެރިންނާއެކު އޮތް ސަރުކާރެއް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގައި އަޅުގަނޑު ހަމަ ދަންނަވާނީ ތަހުނިޔާއާއެކީ، ދިވެހި ނޫސްވެރިން ގަބޫލުކުރައްވާށޭ ސަރުކާރުގެ ކަންކަމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުގެ ސަމާލުކަން ގެނަންޖެހޭނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތްކޮށްދޭން މަސްއޫލުވެރި މަގާމުތަކުގައި ތިބޭ ބައެއްގެ ނޭދެވޭ ކަންތައްތަކެއް އުޅޭނަމަ އެކަންކަން ފާހަގަކޮށް އެ ވާހަކަ ދެއްކުމަކީ ނޫސްވެރިކަމުގެ ތެރެއިން ކުރެވިދާނެ ކަމެއް ކަމަށެވެ.

"ދިވެހި ނޫސްވެރިންނަކީ ދެވަނައަށް ދަންނަވާނީ ދިވެހިންނޭ، ތިންވަނައަށް ދަންނަވާނީ ކަރަމާތް ލިބެން އެދޭ ފަދައިން އެހެން މީހުންނަށް ކަރަމާތް ދޭން ވެސް ޖެހޭ ބަޔަކަށް ވެސް ވާން ޖެހޭނޭ، އެހެންވީމާ ނޫސްވެރިކަމަކީ ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެރިންގެ އެއްވެސް ހައްގަށް ސަރުކާރުން އަރައިގަނެފައިނުވާނެ ކަމަށާއި، ނަމަވެސް އަބުރާ ބެހުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. ދިފާއުގައި ވާހަކަ ނުދެއްކޭ ހާލަތެއްގައި މީހަކާ ގުޅޭ ގޮތުން ހަބަރެއް ޖަހާއިރު ވިސްނާލަންޖެހޭ ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

"ނޫސްވެރިކަމުގެ ތެރޭގައި އެއްވެސް ހައްގަކަށް ދިވެހި ސަރުކާރުން ނުގެނޭ، ނޫސްވެރިކަމުގެ ތެރޭގައި ހަމައެކަނި ކުރެވުނު ކަމަކީ މީހުންގެ އަބުރާ ބެހެން، އަބުރާ ބެހޭ ފަރާތްތަކަށް އެ މައްސަލަތައް ރައްދުވާ ފަރާތްތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ނުލިބި އަދި އެކަން އޮތީ ކިހިނެއްތޯ އަހާލާ ޖަވާބުދޭނެ ފުރުސަތެއް ނުދީ ނޫސްތަކުގައި ޖަހާލާ ޖަހާލުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ ފަދަ ކުޑަ މީސްކޮޅެއް އުޅޭ ގައުމެއްގައި އަދި އެބަޔަކު އިސްލާމީ އުސޫލުތަކަށް ތަބާވާ ބައެއްގެ ތެރޭގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، މީހުންގެ ކަރާމާތަށް އަރައިގަތުމަކީ ފާފައެއް ކަމަށާއި، ސަރުކާރާއި އެމަނިކުފާނުގެ ވާހަކަތަކާއި ސަރުކާރުން ހިންގާ ކަންކަމުގެ ވާހަކަތައް ދައްކުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އަބުރު ކަތިލައިގެން ނުވާނެ ކަމަށެވެ. ހަމަހަމަ ހައްގުތައް ލިބޭނެ ނަމަ ނޫސްވެރިން ވެސް އެމީހުންގެ ހައްގުތަކަށް ބަލަން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.