ރެފިއުޖީން

މެޑިޓެރޭނިއަން ކަނޑަށް ރެފިއުޖީއިންތަކެއް ގެނބުނު ހާދިސާ ބަލަނީ

ހަތަރު ސަތޭކަ އާއި 500 އާއި ދެމެދުގެ ރެފިއުޖީއިން އަރުވައިން ދަތުރު ކުރި ބޯޓެއް، މެޑިޓެރޭނިއަން ކަނޑަށް އަޑިއަށް ގޮސް، ގިނަ އަދަދެއްގެ ރެފިއުޖީއިން ގެނބުނު ހާދިސާ ތަހުގީގު ކުރަން އދ. އިން ނިންމައިފި އެވެ. އެ ބޯޓު އަޑިއަށް ގޮސްފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

އދ. އިން ވަނީ މި ހާދިސާ ތަހުގީގު ކުރަން ގްރީސްއަށް ޓީމެއް ވެސް ފޮނުވާފަ އެވެ.

އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުންގެ ތެރެއިން ސަލާމަތްވި މީހުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ، އެ ބޯޓުގައި ތިބި އެންމެން ސަލާމަތްކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި މަންޒަރު ބަލަން ތިބުން ނޫން ކަމެއް ނުކުރެވުނު ކަމަށެވެ.

މި ބޯޓުގައި ތިބީ އިކޮނޮމިކް މައިގްރަންޓްސް ކަމަށް ބައެއް ނޫސްތަކުން ދަނީ ރިޕޯޓު ކުރަމުންނެވެ. ބައެއް ރިޕޯޓުތަކާއި މަންޒަރު ދުށް މީހުންގެ ބުނާ ގޮތުން، ބޯޓު އަޑިއަށް ދިޔަ ހާދިސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ގެނބިގެން މަރުވެފަ އެވެ.

ހާދިސާ ތަހުގީގު ކުރާނެ ކަން އިއުލާން ކޮށްފައިވަނީ އދ. ގެ ރެފިއުޖީއިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއިންނެވެ.