- ޕެންޝަން ފައިސާ ބަހައްޓާނީ ރަހުނުގެ ގޮތުގައި
- އަމިއްލަ ކުންފުނިތަކުގެ ފްލެޓުތައް ވެސް ގަނެވޭނެ
- މި ފައިސާއަކީ އަތަށް ލިބޭނެ ފައިސާއެއް ނޫން
ޕެންޝަން ފަންޑުގެ ފައިސާ ރަހުނެއްގެ ގޮތުގައި ބަހައްޓައިގެން ގެދޮރު ގަނެވޭނެ 500 އަށްވުރެ ގިނަ މީހުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި އެބަތިބި ކަމަށް ޕެންޝަން އޮފީހުން ބުނެފި އެވެ.
ގެދޮރުވެރިކުރުމުގެ ޕްރޮގުރާމުތަކަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެ ގޮތަށް ޕެންޝަން ގާނޫނަށް ގެނައި އިސްލާހާ ބެހޭ ގޮތުން ޕެންޝަން އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ އޮފީހުގައި ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ޕެންޝަން ގާނޫނަށް އިސްލާހު ހުށަހަޅާފައިވަނީ އެ އޮފީހުން ކަމަށާއި، މީގެ ބޭނުމަކީ ގެދޮރު ގަތުމަށް ބޭނުންވެ ފުރަތަމަ ދައްކަން ޖެހޭ 20 ޕަސެންޓް ނުދެއްކި ތިބި މީހުންނަށް މަގެއް ހުޅުވައިދިނުން ކަމަށެވެ.
"އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަނިކު ވިދާޅުވީ ރާއްޖޭގެ ސޯޝަލް ހައުސިންގެ ބާޒާރުގައި އަގުތައް އުޅެނީ 1.5 މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށެވެ. މި އަގަށް ބަލާނަމަ ވެސް ޕެންޝަން ފަންޑުގައި ތިބި 550 މީހުންނަށް ފްލެޓް ހޯދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ފައިސާއަކީ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދައްކަން އަތަށް ދޭނެ ފައިސާއެއް ނޫން ކަމަށާއި، މީގެ ބަދަލުގައި މި ފައިސާ ބޭންކުގައި ރަހުނު ކުރާނެ ކަމަށެވެ.
"މި ފައިސާ ދެއްކުމަށް ބޭންކަށް ފެލިސިޓައިޒް ކޮށްދެނީ. ނުވަތަ ގެރެންޓީއެއް ދެނީ. އެ މުވައްޒަފެއްގެ އެބަހުއްޓޭ 20 ޕަސެންޓް ފައިސާ. ނަމަވެސް ފްލެޓް ގަންނަން ނަގާ ލޯނު ނުދެއްކޭ ހިސާބުން އެ 20 ޕަސެންޓް ފައިސާ ބޭންކަށް ދެނީ،" މަނިކު ވިދާޅުވި އެވެ.
"މި ސްކީމުގައި ބައިވެރިވުމުން ފްލެޓް ގަންނަން ދޭ ލޯނު 100 ޕަސެންޓް ލިބޭނެ. އެ ލޯނު އަދާކުރަމުން ގޮސް ހަލާސްވީމަ އެ ނިމުނީ. އޭރުން ފައިސާ ވެސް ރައްކާ ކުރެވިފައި ހުންނާނީ. ޕެންޝަން ފައިސާ ވެސް ނުކެނޑޭނެ،" މަނިކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ސްކީމަކީ ހަމައެކަނި ސަރުކާރުން ކުރިއަށް ގެންދާ ސޯޝަލް ހައުސިން އަށް ހާއްސަ ބަދަލެއް ނޫން ކަމަށާއި، މި ބަދަލުގެ ސަބަބުން އަމިއްލަ ކުންފުނިތަކުން ހިންގާ ހައުސިން ސްކީމްތަކުގައި ވެސް ބައިވެރިވެވޭނެ ކަމަށެވެ.
"މި ފަންޑަކީ އަބަދު ވެސް އިތުރުވަމުންދާ އެއްޗެއް. ކޮންމެ އަހަރަކު އެތަށް ބަޔަކު މި ޕެންޝަން ފަންޑަށް އިތުރު ވަމުންދާނީ،" މަނިކު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އުފަލަކީ ޕެންޝަން ފަންޑުގައި މީހުން ބައިވެރިވާން ފުރުސަތު ދިނުން."
މަނިކު ވިދާޅުވީ މި ސްކީމު ފެށުމަށް ވާންޖެހޭ ބައެއް ތައްޔާރީތައް އެބަހުރި ކަމަށެވެ. މީގެތެރޭގައި މިކަމާ ބެހޭ ގަވާއިދެއް ހެދުންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.