- ކުޑަވުމުން މެންބަރުންނަށް ފައިދާ ކުރާނެ
- އަންނަ އަހަރު ނަގާނީ 0.6 ޕަސެންޓް
- އަހަރުން އަހަރަށް ބަދަލު ގެންނަ ފީއެއް
ރިޓަޔަމަންޓް ޕެންޝަން ސްކީމުން ނަގަމުން ގެންދާ، އިދާރީ ފީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުން ނިންމައިިފި އެވެ.
ޕެންޝަލް އޮފީހުން ބުނި ގޮތުގައި އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން ނަމުން ގެންދިޔަ 0.8 ޕަސެންޓް، 0.6 ޕަސެންޓަށް ކުޑަ ކުރަން ނިންމާފައިވާ ކަމަށެވެ.
އެޑްމިނިސްޓްރޭޓިވް ފީއަކީ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން، މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް (އެމްއާރުޕީއެސް) އާއި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަން ސްކީމް ހިންގުމުގެ ހަރަދުތަކާއި ޕެންޝަން ސްކީމްތައް ހިންގަން ނަގަމުން ދިޔަ ފީ އެވެ.
ފީއަށް ބަދަލު ގެނައުން ކުރުކޮށް
* 2010-2014 އަށް އެއް ޕަސެންޓް
* 2015-2016 އަށް 0.9 ޕަސެންޓް
* 2017، 0.8 ޕަސެންޓް
* 2018، 0.6 ޕަސެންޓް
ޕެންޝަން އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެޑްމިނިސްޓްރޭޓިވް ފީ ކުޑަ ކުރުމަކީ މެންބަރުންނަށް ލިބޭނެ ހެޔޮ ފައިދާއެއް ކަމަށެވެ.
"މިއީ މެންބަރުންގެ އަތުން ފަންޑު ހިންގަން ނެގޭ އެއްޗެއް. އެހެންވެ މި ފީ ކުޑަވެގެން ދިއުމަކީ ޕެންޝަން ފަންޑުގައި ތިބި މެންބަރުންނަށް ފައިދާ ކުރާނެ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.
ޕެންޝަން އޮފީހުން ބުނެފައިވާ ގޮތުގައި މި ފީއަކީ އަހަރުން އަހަރަށް މުރާޖައާކުރާ ފީއަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި ވެސް ބަދަލު ގެންނަން ޖެހިއްޖެ ހިނދެއްގައި އެ ބަދަލު ގެނެވޭނެ ކަމަށެވެ.