ސީކްރެޓް ރެސިޕީ

ސީކްރެޓް ރެސިޕީ: ސިއްރުކަމެއްނެތި ދިވެހިން ކުޅުދިޔާކޮށްލައިފި!

"ސީކްރެޓް ރެސިޕީ" އޭ ކިޔާތަނެއްގެ ވާހަކަ މީހުން ދައްކާތީ އިވެ އެވެ. މެލޭޝިޔާގައި ހުންނަ ސީކްރެޓް ރެސިޕީގެ ކާ އެއްޗެހީގެ މީރު ވާހަކަ އެ ތަނަށް ގޮސްފައި ތިބި ރައްޓެހިން ދައްކާ އުޅެ އެވެ. އެތަނުން ކެއުމުގެ ފުރުސަތެއް ލިބިފައި ނެތުމުން ދޭނެ ރައްދެއް ނޭނގި އިނުން ނޫން ގޮތެއް ނޯވެ އެވެ.

މާބޮޑު މައުލޫމާތެއް ނޭނގި ހުއްޓާ އިވުނީ ރާއްޖޭގައި ވެސް "ސީކްރެޓް ރެސިޕީ" ހުޅުވި ހަބަރެވެ. އެންމެ ފަހުން ސީކްރެޓް ރެސިޕީއަށް ވަދެލާނެ ފުރުސަތެއް "އަވަސް" އަށް ލިބިއްޖެ އެވެ.

އެތަނަށް ދެވުނު އިރު ފުރިބާރުވެފައެވެ. މީހުން ގިނަކަމުން ނިކުންނަން ވެސް ހިތަށް އެރި އެވެ. އެތެރެއަށް ވަންނަން ހިނގައި ގަތުމާއެކު ރީތިކޮށް ހިނިތުންވެލައިގެން ހުރި ކުއްޖަކު އައިސް ދެ ވަނަ ފްލޯ އިން މޭޒެއް ދައްކާލި އެވެ. އެ މޭޒު ހުރީ ވަކިންނެވެ. އެތަން ބޮޑަށް ވައްތަރީ ކުޑަ ވަރެއްގެ މީޓިން ރޫމަކާ އެވެ. ވަރަށް ހިތްގައިމެވެ. އޭރު ފުރަތަމަ ފްލޯގައި ވެސް އަދި ދެވަނަ ފްލޯގައި ވެސް ހުސް އެންމެ މޭޒެއް ވެސް ނެތެވެ.

މި ރެސްޓޯރެންޓަކީ "މޭރީ ބްރައުން" ވެސް ރާއްޖެއަށް ގެނެސްދިން ކުރީގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ އާމިރު މަންސޫރުގެ ބެލުމުގެ ދަށުން ހިންގާ ރެސްޓޯރެންޓެކެވެ. އޭނާއަކީ ލިލީގެ ހިއްސާދާރެކެވެ.

ތަމްރީނު ކޮށްފައިވާ މުވައްޒަފުން

އެހެން ވެސް ގިނަ ރެސްޓޯރެންޓު ތަކެކޭ އެއްގޮތަށް މިތަނުގައި ވެސް ދިވެހިންނަށް ވުރެ ގިނައީ ބިދޭސީ މުވައްޒަފުންނެވެ. މި މުވައްޒަފުންނަކީ "ސީކްރެޓް ރެސިޕީ މޯލްޑިވްސް" އަށް ސީދާ ތަމްރީނުކޮށްގެން ގެނެސްފައިވާ މުވައްޒަފުންތަކެކެވެ.

"މިތަނުގައި މަސައްކަތް ކުރަން މުވައްޒަފުންވާނީ ތަމްރީނު ތަމްރީނުކޮށްފައި، އެ މުވައްޒަފުންނަށް ތިން މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މެލޭޝިޔާގައި ވާނީ ކުރިއަށް ގެންގޮސްފައި، އަދި މިހާރު އެ މުވައްޒަފުން އެހެން މުވައްޒަފުން ތަމްރީނު ކުރަމުން ދަނީ،" ލިލީގެ އޮޕަރޭޝަން މެނޭޖަރު ރެސްޓީރެންޓްސް މުހައްމަދު އަޒްމާން ވިދާޅުވި އެވެ.

މި ރެސްޓޯރެންޓުގައި ފްރެންޗައިޒް ކެއުންތައް ތައްޔާރުކުރަން މުވައްޒަފުން ތަމްރީނު ކުރުމުގައި އިސްކޮށް ހަރަކާތެރިވަނީ މެލޭޝިއާގެ ޓްރެއިނިން މެނޭޖަރު ޖޯސެފް ޕޯހް އެވެ. އަދި ވެސް އިތުރު ޓްރެއިނަރުން ހަރަކާތެރިވެ އެވެ. މި ޓްރެއިނަރުން މަސް ދުވަސް ނުވަތަ ދެ މަސް ދުވަސް ފަހުން މުވައްޒަފުން އެންމެ ފުރިހަމައަށް ތަމްރީނު ވާންދެން ހަރަކާތެރިވާނެ ކަމަށްވެ އެވެ. ސީކްރެޓް ރެސިޕީން ވަނީ 18 މުވައްޒަފަކަށް މެލޭޝިޔާ އިން ތަމްރީނު ދީފަ އެވެ.

މި ތަނުގެ މުވައްޒަފުންގެ ތެރެއިން ފެންނަނީ ހިތް ހެޔޮކަމާއި ގާތް ކަމެވެ. ކަސްޓަމަރުންގެ ހިދުމަތުގައި ނުކުމެ ތިބީ އުފާވެރިކަން ލިބި ފަދަ ރީތި ހިނިތުންވުމެއްގައި ރީތި ޔުނީފޯމެއްގަ އެވެ.

މުއްސަނދި މެނޫއެއް: ރަހަތައް އޮބިނޯވެ

މިއީ އެކަމަކާ މެދު އިތުރަށް ޝައްކެއް ކުރާނެ ޖާގައެއް އޮންނަންވީ ކަމެއް ނޫނެވެ. މި މެނޫގައި ނެތް އެއްޗެއް ނެތެވެ. އޭޝިޔާގެ ގައުމުތަކުގައި ގިނަ ބަޔަކު ކެއުމަށް ބޭނުންކުރާ ސޫޕްތައް ވެސް މި މެނޫގައި އެބަހުއްޓެވެ. ފްރައިޑް ރައިސްތަކާއި، ސޫޕްތަކާއި ސްޕެގެޓީ އަދި ލަޒާނިއާ ވެސް އެބަހުއްޓެވެ. އަދި މީގެ އިތުރުން ސީފުޑް އަދި ވެޖިޓޭރިއަނުންނަށްް ހާއްސަ ޑިޝްތައް ވެސް އެބަހުއްޓެވެ. މެނޫގައި ނެތް އެއްޗެއް ނެތެވެ.

ދެން އޮތީ ކޭކެވެ. ދިވެހިންގެ މެދުގައި ބޮޑަށް މަގުބޫލުވެފައިވަނީ ވެސް ސީކްރެޓް ރެސިޕީގެ ކޭކުތަކެވެ. މިހާރު ވެސް ސީކްރެޓް ރެސިޕީގެ ތަފާތު ކޭކުތައް ލިބެން އެބަހުއްޓެވެ. މި ކޭކު ތަކަކީ އަނގައަށް ލުމުން ވިރިގެން ފައިބާފަދަ އިހުސާސެއް ކުރެވޭ މީރު ކޭކު ތަކެކެވެ. އަދިވެސް ތަފާތު ވައްތަރުގެ ޑިޝްތަކާއި ކޭކުތައް ތައާރަފްކުރަން ނިންމާފައިވާ އިރު ސިއްހަތަށް ފައިދާކުރާ ކަހަލަ ކޭކުތައްވެސް އެބަހުއްޓެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވެނީ ހައި ފައިބާ ކޭކެވެ. މިއީ ސިއްހަތަށް ބަލައިގެން ކެއުން ކުރިއަށް ގެންދާ ފަރާތްތަކަށް ނިކަން ރަނގަޅު ކޭކަކަށް ވާނެ އެވެ. އަދިވެސް ސިއްހަތަށް ފައިދާކުރާ ތަފާތު ކޭކުތައް އައުން ކުރިއަށް އޮތީ އެވެ.

ސީކްރެޓް ރެސިޕީގެ ކޭކުތަކަކީ ބައިނަލްއަގްވާމީ އެތައް އެވޯޑެއް ހާސިލްކޮށްފައިވާ ކޭކުތަކެއްކަން ފާހަގަކޮށްލެވެ އެވެ. އަދި މީގެ އިތުރުން މިތަނުގެ ކޮފީ ރަހަ ބަލައިފިނަމަ އެހެން ތަނަކަށް ކޮފީއަކަށް ނާރާހާ ފުރިހަމަ މީރު ކޮފީ މިތަނުން ލިބެ އެވެ.

މަގުބޫލީ ފްރައިޑް ރައިސް ވިތް ސަޓޭ، އާއި ކޭކް

އަންގާރަ ދުވަހު މި ރެސްޓޯރެންޓް ހުޅުވުމާއެކު ފްރައިޑް ރައިސް ވިތް ސަޓޭ އެންމެ މަގުބޫލުވި އިރު ތަފާތު ވައްތަރުތަކުގެ ސޫޕްތައްވެސް ދިވެހިންގެ ފެވަރިޓް ލިސްޓަށް ވަނީ އަރާފަ އެވެ.

"އަޅުގަނޑުމެންވެސް ވަރަށް ހައިރާންވި ތަފާތު އޭޝިއަން ސޫޕްތައް ދިވެހިންނަށް ކަމުދިޔައީމަ. ވަރަށް ގިނަ މީހުން ސޫޕަށްވެސް އޯޑަ ކުރޭ، ވަރަށް ހިންހަމަ ޖެހޭ" ކުރިން ވާހަކަ ދެއްކެވި އަޒްމީން ވިދާޅުވި އެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ކޭކުތައ ވިކި ހުސްވާއިރު ޓޭކް އަވޭގެ ގޮތުގައި ކާއެއްޗެހި ގެންދާ މީހުން ވެސް އެހާ ގިނަ އެވެ.

އަގުތައް ވެސް އަތް ފޯރާ ފަށުގައި

ސީކްރެޓް ރެސިޕީގެ މީރު ރަހަތަކާއި ބަލާފައި މީގެ އަގުތައް ހަމަ ރަނގަޅެވެ. ސީކްރެޓް ރެސިޕީގެ އަގުތައް ކަނޑައަޅާފައި ވަނީ ދިވެހިންނަށް އެފޯޑް ކުރެވޭ މިންވަރަކަށެވެ. ބައެއް އަގުތައް ހުރީ ބައިނަލް އަގްވާމީ އަގުތަކާބަލާއިރު ވަރަށްވެސް ހެޔޮކޮށެވެ.

"ބައެއް މީހުންނަށް ގަބޫލުވެސް ނުކުރެވުނު އަގުތައް ބަލާފައި، އަހަންވެސް އެހި އަނެއްކާ އަގުތައް މިހިރީ ޑޮލަރުންހޭ، އަޅުގަނޑުމެން ބުނިން އަގުތައް މިހުރީ ހަމަ ދިވެހި ރުފިޔާއިންނޭ" އަޒްމީން ވިދާޅުވި އެވެ.

އަގުތަކުގެ ވާހަކަ ބާއްވާފައި ކޮލިޓީއަށް ދާއިރު މިތަނުގެ ކާއެއްޗެހީގެ ރަހަ މިހިރީ ހަމަ އިންޓަނޭޝަނަލް ފެންވަރުގަ އެވެ. އެ ޔަގީންކަން މިތަނުގެ ފަރާތުން ދިނެވެ. ރާއްޖއިން ނުލިބޭ އިންގްރީޑިއަންޓްސް ރާއްޖެ ގެނެސް އަބަދުވެސް ސްޓޮކްގައި ބަހައްޓަ އެވެ.

"ކަސްޓަމާޒް ހަމަ އެއްވެސް ވަރަކަށް ކޮލިޓީ އާ މެދު ކޮންސާން ވާކަށް ނުޖެހޭނެ. މެލޭޝިޔާއިން ލިބޭ ކޮލިޓީގައި އަދި އެރަހަ މިތަނުން ޕްރޮވައިޑް ކޮށްދޭ ޑިޝްތަކުގައި ވެސް ހުންނާނީ"

ހަމަ ގައިމުވެސް މިހާ މީރު ކެއުމެއް އަހަރެންގެ ހަޔާތުގައި ނުކަމެވެ. އެންމެންވެސް ތިބީ ކެވުނުލެއް މީރުކަމުން ހިންހަމަޖެހިފަ އެވެ.

"ހަމަ ވަރަށް ސަޅި ކެއުން. ކޭކުވެސް. ޓޭކް އަވޭއަށްވެސް ހިފައިގެން މިދަނީ، އަދިވެސް އަންނާނަނަށް. ރަހަ އާއި އަގާއި ހަމަ ވޯތު" ސީކްރެޓް ރެސިޕީން ކައިގެން ނުކުތް ކުއްޖަކު ކައިރީ އަހާލުމުން ބުންޏެވެ.

"އަޅުގަނޑުވެސް ބުނާނީ ހަމަ ރަހަތައް ވަރަށް ވަރަށް ރަނގަޅޭ، މެލޭޝިޔާގެ ސީކްރެޓް ރެސިޕީއަށްވެސް ދިޔައިން، ރަހައިގައި ނެތް އެއްވެސް ބަދަލެއް" މިއީވެސް ކަސްޓަމަރެއްގ ފީޑް ބެކެވެ.

އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން ނުލިބުން

މިއީ އެންމެ ބޮޑު ގޮންޖެހުމެވެ. ރެސްޓޯރެންޓެއްގެ ކޭޝިއަރުކަން ނުވަތަ ވެއިޓަރުކަން ކުރުމަކީ ހުތުރު ކަމެއް ކަމަށް ދިވެހިން ދެކުމެވެ. ސީކްރެޓް ރެސިޕީ މޯލްޑިވްސް އަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މިއީ އެވެ.

"ދިވެހިން މިކަމުގެ ތެރެއަށް ވައްދަން ވަރަށް ބޮޑަށް އެބަ މަސައްކަތް ކުރަން. ފުރަތަމަ މިކަން ރޭވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރަމުން މިދަނީ، މިއަދު ދެވަނަ ދުވަސް، މިހާރު އެއް ކުއްޖަކު ސިޓީ ލައިފި ކެނޑެން، ބައެއް ބެލެނިވެރިން ވެސް ބުނޭ ތިމަންނަމެން ދަރިން ލައްވާ ތިކަހަލަ މަސައްކަތްތައް ކުރާކަމަށް ބޭނުމެއް ނޫނޭ، އަސްލު ދިވެހިންގެ ވިސްނުން ހުންނަ ގޮތް މައްސަލައަކީ، އެކަމަކު ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކުދިންވެސް އެބަތިބި. މޭރީ ބްރައުންގައި ވެސް، އެކުދިންނަށް އިތުރަށް ކުރިއަރަން ފުރުސަތުތައް ހޯދައިދޭނަން" އޯވަރޯލްކޮށް މި ފްރެންޗައިޒްގެ ކަންކަން ބަލަހައްޓަވަމުން ގެންދަވާ އަޒްހާން ވިދާޅުވި އެވެ.

ލޮކޭޝަން

މާލޭގައި ސީކްރެޓް ރެސިޕީ ހުޅުވާފައި މިއިނީ ގަލޮޅުގަ އެވެ. ކާރުބާރު ބޮޑު ސަރަހައްދެއްގަ އެވެ. ކުރީގެ ޖަޔަންޓް ސުޕަ ސްޓޯރު އިންތާ ހަދާފަ މިއިން ރެސްޓޯރެންޓަކީ ބާޒާރުކޮށްލަން އުޅުމަށްފަހު ފަސޭހައިން ވަދެވޭ ހިސާބެއްގަ އެވެ. ޝޮޕިން މޯލެއް ފަދަ މަޖީދީމަގުގެ މެދު ތެރޭގަ އެވެ. ގާތްގަނޑަކަށް މާލޭގެ މެދަކާ ހިސާބުގަ އެވެ.

ކާރުބާރޫ ބޮޑު މާލޭގެ މަގުމަތީ އުޅެފައި މިތަނަށް ވަދެލުމުން ބޭރުން އެއްވެސް އަޑެއް އިވޭ ކަހަލަ އިހުސާސެއް ނުކުރެވެ އެވެ. އިންޓީރިއާ ޑިޒައިންވެސް މިހިރީ އެންމެ ފުރިހަމަ އަށެވެ.

އިތުރު ސަޕްރައިޒްތައް

ލިލީ އަކީ ބޭރުގެ މަޝްހޫރު ބްރޭންޑްތައް ރާއްޖެއަށް ތައާރަފްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކުންފުންޏެކެވެ. އެގޮތުން މޭރީ ބްރައުން ރާއްޖެ ތައާރަފްކޮށް މިހާރު ސީކްރެޓް ރެސިޕީ ވެސް މިއޮތީ ރާއްޖެ ގެނެސްފަ އެވެ. އެހެންވީމާ މުސްތަގްބަލްގައި އިތުރު ފްރެންޗައިޒްތައް ރާއްޖެ ތައާރަފް ކުރުމަކީ ހަމަ ގާތްކަމެއް ކަމަށް އަޒްމީން ވިދާޅުވި އެވެ. އަދި މީގެ އިތުރުން ސީކްރެޓް ރެސިޕީއަށް އިތުރު ޑިޝްތަކާއި ކޭކު އަދި އިތުރު ބުއިންތައް މެނޭއަށް އިތުރުވެގެންވެސް ދާނެ އެވެ.