ހާއްސަ ރިޕޯޓް

ޓީވީއިން ފެންނަ ވަރަށް ވުރެ ބޮޑު ޝަހުސިއްޔަތެއް!

ދިވެހިންގެ ހިތްތަކުން މަރިޔަމް ވަހީދާ (މަރީ) އަށް ދީފައިވާ ޖާގަ ވަރަށް ހާއްސަ އެވެ. އެއީ ހިތާއި ހިތުގެ ގުޅުމެކެވެ. މަޖިލީހުގެ ތަޅަމުގައި އިހަށް ދުވަހު އޭނާ "ކަތިލައި"، އާންމުންގެ އުނގަށް ހޫރައިލުމުން، މީހުންގެ ހިތަށް ކުރި އަސަރާއި އެ މީހުން އެކަކު އަނެކަކާ ދިމާވެގެން ދެއްކި ވާހަކަތަކުންވެސް، މަރީއަށް ދިވެހިންގެ ހިތުގައި އޮތް ލޯތްބާއި ގަދަރާއި އިހްތިރާމް ނިކަން ބޮޑަށް ހާމަވެގެން ދިޔަ އެވެ. -- މަރިޔަމް ވަހީދާ ހަމަ ތަފާތީ އެވެ.

ރާއްޖޭގެ އެންމެ މަގްބޫލު އަންހެން މޫނަކަށް މަރިޔަމް ވަހީދާ ނުވާންވީ ސަބަބެއް ވެސް ނެތެވެ.

އޭނާގެ އާދަޔާހިލާފު ކަމެއްގެ ވާހަކަ ފެށިގެން އަންނަނީ މަޝްހޫރު ދޮންބިލެތް އާއިލާގެ ތެރެއިންނެވެ. ޝައުގުވެރިކަން އެންމެ ތަފާތު ނުވަތަ މަސައްކަތުުގެ ދާއިރާ އަށް ބަލާއިރު އާއިލާގައި ހުރި އެންމެ ތަފާތު މެމްބަރަކަށް މަރީވާނެ އެވެ. ގައުމުގެ ތަރައްގީގައި ބައިވެރިވާން އޭނާ ބޭނުންވި ގޮތް އެހެން އެންމެނަށް ވުރެ ތަފާތުވީ ކަމަށް ވެސް ވެދާނެ އެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ އެގޮތަކީ ޓީވީ ޕްރެޒެންޓަރަކަށް ވުމެއް ނޫނެވެ! ޓީވީ ބެލުންތެރިންނާ ރައްޓެހި މޫނަކަށް މަރީ ބަދަލުވެގެން ގޮސްފައިވިޔަސް މަރީ އަކީ ޓީވީ އިން އެ ފެންނަ ވަރަށް ވުރެ މާ ބޮޑު ޝަހުސިއްޔަތެކެވެ. އެހުރިހާ ވާހަކައެއް ތިރީގައި މި އަންނަނީ އެވެ.

"އަވަސް ވީކެންޑަށް" ދިން ހާއްސަ މި އިންޓަވިއުގައި، ބްރޯޑްކޮމްގެ ވޯޓުން ކަޓައިގެން ދިއުމުގެ ބަންޑުންވި ޖަޒުބާތުތަކާއި އަންހެނަކަށްވުމުން މި މުޖުތަމައުގައި ކުރެވޭ އިހްސާސްވެސް ހިއްސާކުރި އެވެ. މީގެ އިތުރުން ތެދުވެރި ލޯބީގައި ދެމިހުރުމަކީ ކޮބައިކަމާއި ލޯބިވާ މީހަކާ އެކު ގިނަ ދުވަހު އުޅެން ބޭނުންވާ ޒުވާން ލޯބިވެރިންނަށް ވަރަށް ހާއްސަ ޓިޕްސްތަކެއް ވެސް ދޫކޮށްލި އެވެ.

ވަރަށް ގިނަ ދިވެހިން މަރީ ދަންނަނީ، ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި. އެކަމަކު މަރީ އަކީ އެއަށް ވުރެ ފުޅާ ދާއިރާއަކުން އަދި ތަފާތު މަސައްކަތްތަކަކުން ފާހަގަކޮށްލެވޭ މޫނެއް. އަޅުގަނޑުމެންނަށް ކިޔައިދީ ބަލަ ޓީވީ ނޫން އެހެން ދާއިރާތަކާއި މަސައްކަތްތައް؟

"ވަރަށް ރަނގަޅު ވާހަކައެއް. ޓީވީ އިން ގިނަ މީހުންނަށް މަރީ އެނގެނީ. އެހެން ނަމަވެސް، ޓީވީގެ (ދާއިރާއަކީ) ޕެޝަންއެއް. ވަރަށް ޝައުގުވެރިކަމާ އެކީ ކުރާ މަސައްކަތެއް. އެހެން ނަމަވެސް މަރީގެ އަސްލު ފުރިހަމަ މަސައްކަތަކީ، ތަރައްގީގެ ދާއިރާ. ވަރަށް ގިނަ ދުވަސްވަންދެން ޕްލޭނިން މިނިސްޓްރީގައި ވެސް އުޅުނިން. އެކަޑެމިކަލީ ކިޔެވީގެ ތަރައްގީގެ ދާއިރާ އިން. އެހެންވީމަ މިހާރު ވެސް ބައެއް މަޝްރޫއުތައް ނަގައިގެން އެކަހަލަ މަސައްކަތްކުރަނީ. އެންމެ ސީރިއަސް މަސައްކަތަކީ އެއީ."

"އޭގެ އިތުރުން މުޖުތަމަ އަށް ފައިދާހުރި އެހެން މަސައްކަތްތައް ވެސް ކުރަން. މިސާލަކަށް ވޮލުންޓްރީ މަސައްކަތްކަމުގައިވިޔަސް ނުވަތަ ޕްރޮޖެކްޓްތަކެއްގެ ގޮތުގައި ކަމަށް ވިޔަސް."

އެހެންވީމަ މަރީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މިވަރަށް މަޝްހޫރުވެ، ހަގީގީ ޕްރޮފެޝަން އަށް ވެސް ހިޔަނި އެޅޭ ހިސާބަށް މި ފޯރިއެއް ދިޔަގޮތަކީ ކޮބައިތަ؟

"ވަރަށް ގިނަ މީހުން ވަރަށް ރަނގަޅު މަސައްކަތްތައް ކުރާނެ. އެހެން ނަމަވެސް މީޑިއާ މެދުވެރިކޮށް ނުފެންނަންޏާމު ހީކުރަނީ އެއީ އެއްވެސް މަސައްކަތެއް ނޫނޭ. އެކަމަކު އަޅުގަނޑަށް ހީވަނީ މީޑިއާ މެދުވެރިކޮށް ނުފެނުނަސް އެއީ ވެސް އިހްތިރާމްކުރަން ޖެހޭ މަސައްކަތްތަކެއްހެން. އެކަމަކު މިސާލަކަށް ޓީވީ އަށް ޚަބަރުކިޔަން އެރީމަ މާ ގިނަ މީހުންނަށް އެނގޭނެ. ގޭގައި އިނދެގެން ޕްރޮޖެކްޓެއްގައި މަސައްކަތްކުރުމަށް ވުރެ ބޮޑަށް. އެއީކަން ނޭނގެ ތަފާތަކީ."

"އެކަމަކު ފައިދާކުރަވަނިވި ނުވަތަ ކޮންޓްރިބިއުޝަނަށް ބަލައިފިއްޔާމު އަޅުގަނޑަށް ހީވަނީ އެ ދާއިރާގައި ވެސް އަޅުގަނޑަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ކުރެވިފައި އެބަހުރިހެން."

ދެން އެހެން ވާހަކައެއް. މީގެ ދެ ތިން ހަފުތާއެއް ކުރިން މަރީ އަށް މީޑިއާގެ ފަލަ ސުރުހީތަކުގެ ސަމާލުކަން ލިބުނު. އެއީ ނިކަން ބޮޑަށް ސުވާލު އުފެދުނު ވޯޓެއްގައި، ބްރޯޑްކޮމް އަށް މެމްބަރުން ފާސްކުރުމުގެ ވޯޓްގައި މަޖިލީހުގެ ތަޅަމުން މަރިޔަމް ވަހީދާގެ ނަން ބޭރުކޮށްލުމުން. މަރީ ބުނީ އެއީ ވަރަށް އަންފެއާ ނަތީޖާއެކޭ؟ އެއީ ކީއްވެގެން؟

"މިހާރު ހަމަ ބްރޯޑްކޮމްގެ ވާހަކަ އަހާލާނެ ހަމަ ކޮންމެ މީހަކު، މަގުމަތިން ފެނުނަސް."

"އަޅުގަނޑު އެ ރިޒަލްޓަށް އިހްތިރާމްކުރަން. އެކަމަކު އެ ޕްރޮސީޖާ އޮންނަ ގޮތުން އަންފެއާ. އެއީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ގެންގޮސް، 40 މިނެޓް އިންޓަވިއުކޮށްފަ، އެތަނުގައި ތިއްބެވި މެމްބަރުންގެ ފުލް މާކްސް ލިބިފަ، ހަމަ އެ ބޭފުޅުން ގޮސް ވޯޓް މި ލަނީ ނޫނެކޭ ކިޔާފައި."

"އެގޮތަށް ބަލައިފިއްޔާމު އަންފެއާ. އެކަމަކު ބުނެފައި އޮތީ ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި ލިސްޓަށޭ ބޮޑަށް އިހްތިރާމްކުރަނީ. އެހެންވީމައޭ އަޅުގަނޑު ނުހޮވުނީ. އެހެންވީމަ އެއަށް ރެސްޕެކްޓްކުރަން. އެކަމަކު އަޅުގަނޑަށް ހީވަނީ ބޭކާރު ކަމެއްހެން ކޮމިޓީއަށް ގެންގޮސްގެން ބޭކާރު މަސައްކަތްތަކެއް ކުރުން."

އެ ނަތީޖާ އަށް ވުރެ ބޮޑަށް އެ ނިންމުން ބަލައިގަންނަނީ ކިހިނެތް؟ ބުނެވިދާނެތަ، މަރީ އަށް އެ ފުރުސަތު ނުދިނީ ސިޔާސީ ވިސްނުމެއްގެ ތެރެއިން ކަމަށް ނުވަތަ މިނިވަން ހިޔާލުގެ ބާރުވެރި އަންހެނަކަށް ފުރުސަތު ނުދޭން ވެގެން ވޯޓުން ތަޅައި ބޭރުކޮށްލީއޭ؟

"އަޅުގަނޑަށް ހީވަނީ އެއްވެސް މީހަކު އަޅުގަނޑު އެހާ ބޮޑަކަށް ސިޔާސީ ކަންކަމަކާ ލިންކެއް ނުކުރާނެހެން. އެއީ އަޅުގަނޑަކީ ހުރިހާ ދައުރެއްގަ ވެސް ޓީވީގަ ވެސް އަދި މިހާރު ވެސް އެ ދާއިރާގައި މަސައްކަތްކުރާ މީހެއް. އަޅުގަނޑަށް އޮތް އިންޓެގްރިޓީ އަޅުގަނޑަށް ފެނިގެން ދިޔަ މީޑިއާ އިން ވެސް. އަޅުގަނޑު ވެސް ހައިރާންވި. އެހާ ބޮޑު އިންޓެގްރިޓީއެއް އަޅުގަނޑާ މެދުގައި އޮތްކަމެއް ކުރިއަކުން ނުވެސް އެނގޭ."

"އެހެންވީމަ ހީއެއް ނުވޭ (ފުރުސަތު ނުލިބުނީ) ސިޔާސީ ކަމަކަށް ވެގެން ކަމަކަށް. އެކަމަކު އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާއިރު އަޅުގަނޑަށް ހީވަނީ އެ ނިންމުން ފެނިގެން ދިޔައީ އެއަށް މާ ބޮޑަށް ސަޕޯޓްކުރާ ގޮތަކަށްނޫންހެން."

އެ ނިންމުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ރުޅިގަދަވި އަދި ދެރަވެސްވި. ވަރަށް ގިނަ ބަޔަކު އަދި މަޖިލީހުގެ ކޮމިޓީ އަށް ވެސް ފެނުނީ، ބްރޯޑްކޮމްގެ ކޮމިޝަނަށް އެންމެ އެކަށީގެންވާ މޫނަކަށް މަރިޔަމް ވަހީދާ. އެ ފުރުސަތު ލިބުނު ނަމަ، ބަދަލަކަށް ނުވަތަ މިއަދު މި ފެންނަ މިންވަރަށް ވުރެ ރަނގަޅު ނުވަތަ އިހްލާސްތެރި ނުވަތަ ނަތީޖާ ނެރެވޭ ވަރުގެ މަސައްކަތެއް މަރީ އަށް ކޮށްދެވިދާނެ ކަމަށް ގަބޫލުކުރިންތަ؟

"އަޅުގަނޑު އެއަށް ކުރިމަތިލީ ވެސް ނިއުޓްރަލް މީހެއްގެ ހައިސިއްޔަތުން. އެއްވެސް ސިޔާސީ ކަނެކްޝަނެއް މެދުވެރިކޮށް އެގޮތަކަށް ނޫން. އަޅުގަނޑު ގައިމު ވެސް ގަބޫލުކުރަން އަޅުގަނޑުމެންނަށް ޗޭންޖެއް، ކުޑަ ނަމަވެސް ޗޭންޖެއް ނުވަތަ ޑިފްރެންޓެއް ގެނެވިދާނެ ކަމަށް."

"އެއީ އަޅުގަނޑު ގަބޫލުކުރި އެއްޗަކީ. މިހާރު މި އޮތް ކަންކަމަށް ކޮންމެވެސް ވަރަކަށް މަސައްކަތްކޮށްގެން ތަފާތުކަމެއް ގެނެވިދާނެއޭ. އޭގެ އިތުބާރު އަމިއްލަ ނަފުސަށް ވެސް އޮންނާތީ އަޅުގަނޑު ކުރިމަތިލީ."

"އެ ތަފާތަކީ، މިސާލަކަށް، ޓެކްނިކަލް މީހުން މަދު، ބޯޑްތަކުގައި ވެސް. އަޅުގަނޑަށް ފީލްވަނީ ޓެކްނިކަލް މީހުން ތިބީމަ އެ އަންނަ ތަފާތު، ސިޔާސީ މީހުންގެ އިތުރު، ބައެއް ކަންކަމުގައި، އިލްމީ ކަންކަމުގައި، މިސާލަކަށް އެޑްވައިޒް ދިނުމުގައި، އަޅުގަނޑަށް ހީވަނީ ރަނގަޅުވެގެންދާހެން."

ބައެއް މީހުން ބުނޭ، ކިޔެވުން ނުވަތަ ސެޓްފިކެޓް މުހިންމެއް ނޫނޭ. މުހިންމީ މީހަކަށް ލިބިފައި ހުންނަ ތަޖުރިބާއޭ. މަރީގެ ހިޔާލަކީ ކޮބާ؟ އަދި ކިޔަވައިގެން ތިބި ބަޔަކު ގައުމަކަށް ނުވަތަ ގައުމެއްގެ ތަރައްގީ އަށް މުހިންމުވާ ގޮތާއި ކިޔަވައިގެން އަންނަ މީހާ އާއި ފީލްޑްގައި ހަމައެކަނި ތަޖުރިބާ ލިބިފައިވާ މީހާގެ ތަފާތު އަހަރެމެންނަށް ކިޔައިދީބަލަ؟

"އަޅުގަނޑަށް ހީވަނީ އެއްވެސް މީހަކު ބުންޏަސް، އަޅުގަނޑުގެ އޮޕީނިއަން އަހައިފިނަމަ، އަޅުގަނޑު ގަބޫލެއް ނުކުރާނަން، ކިޔެވުމަކީ ބޭކާރު ކަމެކޭ. ކިޔަވައިގެން ތިބޭކަށް ނުވާނެއޭ. އެހެންވިއްޔާމު މުޅި ދުނިޔޭގައި މި ހުރިހާ މައިންބަފައިން ނޫޅޭނެ ދަރިންނަށް ކިޔަވައިދޭކަށް. ޔުނިވާސިޓީތައް ގާއިމުކުރާކަށް. އެއީ އޭގެ އެއް ހެކި."

"އޭގެ އިތުރުން، އިލްމަކީ އެއްވެސް މީހަކަށް ނުގެންދެވޭނެ އެއްޗެއް. އެހެންވީމަ ކިޔަވައިގެން ތިބި މީހުން މި ދުނިޔެ އަށް ބޭނުންވާކަން އަޅުގަނޑު ނުޖެހޭކަން ނޭނގެ ސާބިތުކޮށްދޭކަށް. ތަޖުރިބާ ވެސް ވަރަށް މުހިންމު. އެކަމަކު ތަޖުރިބާ އާއި އިލްމާ، ދޭތި އެކީގަ އެ އިންނަ ބެލެންސް އަޅުގަނޑަށް ހީވަނީ، ހަމައެކަނި ތަޖުރިބާ ހުރި މީހަކަށްވުރެ ބައެއް ފަހަރަށް ރަނގަޅުވެގެންދޭހެން. އަޅުގަނޑަށް ހީވަނީ ތަޖުރިބާހުރި މީހަކާއި ތައުލީމް ހުރި މީހަކު އެގޮތަކަށް މިނާނުކިރޭނެހެން."

އަންހެނުންނަށް ގައުމުގެ ތަރައްގީގެ ރޭހުން ފުރުސަތުދީ، ގައުމުގެ ކުރީ ސަފުގައި އަންހެނުން ބާރުވެރިކޮށް ފަތުރުވާލުމަށް ގޮވާލާ ފަރާތްތަކުގެ އަޑު މިހާ ގަދަވެފައި އޮތް ދުވަސްވަރެއްގައި އަދި ވަކިން ހާއްސަކޮށް ތައުލީމީ ގާބިލު އަންހެނާގެ ހައްގާއި މިނިވަންކަމަށް މަސައްކަތްކުރެވޭ މި ޒަމާނުގައި، ރާއްޖެ އޮތީ ކިހާ ހިސާބެއްގައި ކަމަށް މަރީ އަށް ގަބޫލުކުރެވެނީ؟

"ދެން އަޅާކިޔަންޏާމު ރާއްޖެ ކޮންމެވެސް ވަރަކަށް އެ މިންގަނޑުން ނުކުމޭ. އެކަމަކު މިހާރު ވެސް ޑިޒިޝަން މޭކިން ލެވެލްތަކަށް އަންހެނުން ދިއުމަކީ އެހާ ފަސޭހަ ކަމެއް ނޫން. މި އޮންނަނީ ދެ ގޮތް. އެއްގޮތަކީ ޕޮލިޓިކަލް ކޮންމެ ވެސް މީހަކާ ގުޅިގެން. އަނެއްގޮތަކީ، ވަރަށް މަދު މީހުންނަށް އަމިއްލަ މަސައްކަތުން އެހިސާބަށް ދެވެނީ."

"އަންހެނުންގެ ވާހަކަ ދައްކާއިރު ދެން އަބަދުވެސް މި ބުނެވެނީ ކީއްވެހޭ ހަމައެކަނި އަންހެނުންގެ ވާހަކަ ދެކެވެނީ. ދުނިޔޭގައި، އަންހެނުންނާއި ފިރިހެނުންނާ އަޅާބަލާއިރު ފިރިހެނުންނަށް ވެސް ހުރޭ ގޮންޖެހުންތަކާއި ދަތި. އެކަމަކު ނިސްބަތުން އަންހެނުންނަށް ގިނައީ. ގުދުރަތީ ގޮތުން ވެސް، ބަޔޮލޮޖިކަލީ ވެސް އަންހެނުންނަކީ ގިނަ ފަހަރަށް ގޭގައި ގިނަ ވަގުތު ހޭދަކުރަން ޖެހޭ ބައެއް. އެހެންވީމަ އެ ބެލެންސް ވެސް ނުގެނެވޭ."

"އެކަމަކު އަންހެނުންނަށް ޑިޒިޝަން މޭކިން ލެވެލްއަށް ދާން މި ރާއްޖޭގައި ވެސް ވަރަށް ގިނަ ދަތިތައް އެބަހުރި. ވަރަށް ގިނަ ކަންތައްތަކެއް ހުރަސްކުރަން ޖެހޭ. ހަމަ ފެންނަން މިއޮތީ އެކަން. އެކަމަކު އަންހެނުން ކުރިއެރުވުމަށާއި އަންހެނުންގެ ވިސްނުން ފުޅާކުރުމަށް ކުރެވޭ މަސައްކަތް ކުރިއަށް ވުރެ ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ."

އެހެންވީމަ އަންހެނަކަށް ވީތީ، ދިވެހި އަންހެނަކަށްވީތީ، ތިމަންނަ މިއަދު އެކަމާ ފަހުރުވެރިވަމޭ ބުނެވިދާނެތަ؟

"ކޮންމެ ކަމެއްގައި ވެސް ހުންނާނެ ދަތިތައް. ދެން އަޅުގަނޑުމެންނަކީ، ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި މި އޮންނަނީ. އެހެންވީމަ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުންތައް އަދި ގިނަވާނެ. އެހެން ނަމަވެސް ދިވެއްސަކަށްތީވީ އަބަދުވެސް ފަހުރުވެރިވަން. ދަތިތަކެއް ހުރެގެން ވާކަމެއް ނޫން އެއީކީ. އެކަމަކު އަންހެނުންގެ ދާއިރާ ކުރިއަށް މިދާ ގޮތް އަދި އެންމެ ރަނގަޅު ކަމަށް ނުވެދާނެ."

މަަރީ އަކީ މިނިވަން އަންހެނާގެ ނިކަން ބޮޑު ސިމްބަލްއެއް ނުވަތަ މޫނެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ފަރާތެއް. އަދި ހަމައެއާ އެކު މަސައްކަތުގެ ދާއިރާއިން ނުވަތަ ގާބިލުކަމުގެ ގޮތުން ބެލި ނަމަވެސް ކާމިޔާބު، ހުނަރުވެރިއެކޭ ބުނެވިދާނެ. އަޅުގަނޑުމެންނަށް ކިޔައިދީބަލަ، މިއަދު ހުއްޓި ތިހިރަ ފަހުރުވެރި މަގާމަށް އައުމަށް ދަތުރު ފެށި ގޮތާއި އެ ސްޓްރަގްލް؟

"އަޅުގަނޑު ވެސް މަސައްކަތުގެ ދާއިރާ އަށް ވަނީ ވަރަށް ހަގުއިރު. ގާތްގަނޑަކަށް 18 ވަރަކަށް އަހަރުގައި. އެހެންވީމަ އަންހެނަކަށްވީތީ ހުރޭ އޭރު ވެސް ގޮންޖެހުންތައް. އަދި އޭރުގަ މާ އުނދަގޫ، އަންހެން ކުއްޖަކަށްވީމަ. އެކަމަކު މަސައްކަތުގެ މާހައުލުގައި ކުރިއަށް ދާން މި އޮންނަނީ ދެ ގޮތެއް. އޭގެ ތެރެއިން އަޅުގަނޑު އަބަދުވެސް ހިޔާރުކުރަނީ ބުރަ މަސައްކަތްކޮށްގެން، ހުނަރު ދައްކައިގެން މީހުންނަށް އަޅުގަނޑު ބަލައިގަނެވޭނެ ގޮތް ދައްކައިގެން ކުރިއަށްދާން."

"އެގޮތުން ހިތުގެ އަޑިން ނިކަން ތެދުވެރިކަމާ އެކު މަސައްކަތްކޮށްގެން. އަޅުގަނޑަށް ހީވަނީ އެ ސިންސިއާރިޓީ ޗޫޒްކުރީމަހެން އަޅުގަނޑަށް މީނދީ މިހާ ހިސާބަށް އާދެވިފައި. މިސާލަކަށް ކަމަށް ކަމޭހިތުން. އެ ޕެޝަން އާއި ޑިސިޕްލިންގެ ތެރެއިން އަޅުގަނޑު މިހާ ހިސާބަށް އައީ"

"އަޅުގަނޑަކަށް ހީއެއް ނުވޭ އެހެން މީހުން އުޅޭ ގޮތްގޮތަށް އުޅެން ހަދައިގެން އެންމެ ތެދުވެރިކަމާ އެކު ކުރިއަށް ދެވިދާނެހެނެއް. ޒުވާން ކުދިންނަށް އަޅުގަނޑު ބުނެލާހިތް އޮތީ ވެސް، ބުރަ މަސައްކަތާ އެކު، ސީދާކޮށް މަސައްކަތްކޮށްގެން ކަންކަން އެޗީވްކުރަން އުޅެފިއްޔާމު ވަރަށް ކާމިޔާބު މީހަކަށްވާނެހެންނޭ."

މަރީގެ މި އާދަޔާހިލާފު ދަތުރުގައި، ތަފާތު އެކި ދާއިރާތަކުގައި ވަކިން ހާއްސަކޮށް ކުރީ ސަފުގައި މަސައްކަތްކުރައްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ. އަންހެނަކަށްވުމުން، ކުރިމަތިވި ފާޑުކިޔުމެއް ނުވަތަ ތަޖުރިބާކުރަން ޖެހުނު ތަފާތުކުރުމެއް އެއްވެސް އިރެއްގައި ދިޔަތަ؟

"އަންހެން ކުއްޖަކަށްވީތީ ވަރަށް ގިނަ ކަންތައްތައް، އެއް ފަހަރަކު ސަސްޕެންޑްކޮށްފައި ހުރި ގޭގަ ބަހައްޓާފައި ވެސް، މަސައްކަތުގައި އުޅެނިކޮށް ވަކި ކަމެއް (ސަބަބެއް) ނުބުނެ. އެކަހަލަ ބައެއް ގޮންޖެހުންތައް ހުރޭ، އެހެންވީމަ އަޅުގަނޑު ބަލަނީ އެއީ އެ ވަގުތުގަ ދިމާވާ ކަމެއްގެ ގޮތުގައި. ދެން އަނެއްކާވެސް ޗެލެންޖެއްގެ ގޮތުގައި މަސައްކަތްކޮށްގެން ކުރިއަށް ދަނީ."

"ރާއްޖޭގައި އެބަހުރި، އަޅުގަނޑު ޖެންޑާ ދާއިރާގައި މަސައްކަތްކުރިއިރުގަ ވެސް، ވޯކް ހެރެސްމެންޓް އިޝޫސްތަކާއި، މިހާރު ވެސް ރާއްޖޭގައި އުޅޭ އެކަން. އަންހެނަކަށް ވީތީ ބާކީކޮށްލާފައި ހުރުން ފަދަ ކަންތައް އާދޭ. އަންހެނަކަށްވީތީ، އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް އެބަހުރި ބައިވަރު ގޮންޖެހުންތައް."

ގިނަ ބައެއްގެ މެދުގައި މަޝްހޫރުވެފައިވާ ގޮތަށް، މިނިވަން ހިޔާލުގެ އަންހެނަކަށް މަރީ ބަދަލުކޮށްލި ގޮތް ނުވަތަ މިފަދަ އަންހެނަކަށް ވުމަށް މަރީ އަށް ހިތްވަރު ލިބުނު ގޮތަކީ ކޮބާ؟

"އަޅުގަނޑަށް ހީވަނީ މީހެއްގެ ފެށުމަކީ އާއިލާހެން. އެމީހެއްގެ އާއިލާ އިން ދަސްވާ ކަންތައްތަކެއް، މައިންބަފައިން، އެއްބަނޑު އެއްބަފާ ކުދިން އަދި ރަހުމަތްތެރިން. އެމީހުންގެ ކިބައިން، ސޯޝިއަލައިޒިން ޕްރޮސެސްގެ ތެރެއިން އަންނާނެ ބައިވަރު ކަންތައްތައް. އެހެންވީމަ އަޅުގަނޑަށް ހީވަނީ ގޭތެރެއިން ލިބޭ ކަންތައްތަކެއްހެން އަޅުގަނޑުގެ މަސައްކަތަށް މި ގެންދަނީ."

"އޭގެ އިތުރުން، ސޯޝިއަލައިޒިން ޕްރޮސެސްއެއް އެބަދޭ ޓީނޭޖު ދުވަސްވަރު ރައްޓެހިންނާ ދިމާވެގެން ވެސް. އެ ދުވަސްވަރު އަޅުގަނޑު އުޅުނީ ކިޔަވަން އިންޑިއާގައި. ދެން އިންޑިއާ އަކީ ޔުނިވާސިޓީތައް ވަރަށް ޓަފް ތަނެއް. ވަރަށް ޑިސިޕްލިން ރޫލްސްތަކެއް. އަޅުގަނޑަށް ހީވަނީ އެ ޑިސިޕްލިން އާއި މިނިވަން ހިޔާލު ދަސްވީ ކިޔަވަން އުޅުނުއިރުހެން. އެތަނުގެ ޕްރޮފެސަރުންގެ ފަރާތުން ވަރަށް ބޮޑަށް ހިތްވަރު ލިބުނު ވަކިން ހާއްސަކޮށް މިނިވަންކަމާ އެކު ނުވަތަ ނިއުޓްރަލްކޮށް ކަންކަމާ މެދު ވިސްނަން."

މަރީގެ އާއިލާއަކީ ވެސް ވަރަށް ފާހަގަކޮށްލެވޭ އާއިލާއެއް. ވަކިން ހާއްސަކޮށް އިލްމީގޮތުން ނުވަތަ ގައުމަށް ކޮށް ދެއްވަމުން ގެންދަވާ މަސައްކަތަށް. އެކަމަކު މި އެންމަނަށް ބަލާއިރު ވެސް މަރީ ފާހަގަކޮށްލެވެނީ ތަފާތެއްގެ ގޮތުގައި. މުޅިން ތަފާތު ގޮތަކަށް، ތަފާތު ދާއިރާއަކުން. ކޮބާ މީގެ ސިއްރަކީ؟

"އަޅުގަނޑުގެ އާއިލާގައި އަންހެން ކުދިން ފުދޭވަރަކަށް ކިޔެވުމަށް ޝައުގުވެރިވާނެ. ފިރިހެން ކުދިން ބޮޑަށް ސްޕޯޓްސްގެ ދާއިރާ އާއި ބިޒްނަސް އަށް. އެކަމަކު އަޅުގަނޑު މި ދިޔަައީ ވަރަށް ބޮޑަށް އާޓްސްގެ ދާއިރާ އަށް. ސޯޝަލް ސައިންސްގެ ދާއިރާ އަށް. ކިޔެވީ ވެސް އިކޮނޮމިކްސް، ސޯޝިއޯލޮޖީ، ޕޮލިޓިކަލް ސައިންސް މިކަހަަލަ އެއްޗެހި. އެހެންވީމަކަން ނޭނގެ މި ދާއިރާ އަށް މީނީ ވަދެވިފައި އަސްލު. ސްކޫލްގައި ވެސް އަޅުގަނޑަކީ އާޓް ސްޓޫޑެންޑެއް. އެހެން ހުރިހާ އެންމެން ސައިންސް ސްޓޫޑެންޓުން."

މި ފެންނަ މަރީއަކީ ހަމަ އަބަދުވެސް ވާން ބޭނުންވި މީހާ؟ އެންމެ ކުޑައިރުވެސް؟

"އެންމެ ކުޑައިރު ވާން ބޭނުންވި މީހާއެކޭ ނުބުނެވޭނެ. ގްރޭޑް ސިކްސް ސެވަންގައި އުޅުނުއިރު އަޅުގަނޑުގެ އެންމެ އެލްޑާ ސިސްޓާ އަކީ ސްޓާފް ނާސްއެއް. މިހާރު ވެސް އެ ދާއިރާގައި. ދެން އޭރު ހިތަށް އަރަނީ ސްޓާފް ނާސްއަކަށޭ ވާނީ. އެ ޑްރީމް ވެސް އިނދޭ. އެސޭއި ވެސް ލިޔަން އެގޮތަށް ސްޓާފް ނަރުހަކަށްވާން"

"އެކަމަކު ޔުނިވާސިޓީ އިންނިމުނުއިރު އެނގޭ އަޅުގަނޑު މަސައްކަތްކުރާ ހިތްވަނީ ތަރައްގީގެ ދާއިރާގައިކަން. އެކަމަކު އެންމެ ބޮޑަށް ބޭނުންވަނީ އެއް މަސައްކަތެއްގައި ނީންނަން ސްޓަކްނުވެ. އަބަދުވެސް ތަފާތު މަސައްކަތްތަކުގައި އުޅެން ބޭނުންވަނީ. ދެން އެންމެ ބޭނުންވަނީ އަޅުގަނޑަށް އެނގިފައި ހުންނަ އެއްޗެއް އެހެން ބަޔަކަށް ބުނެދިނުން."

މިސާލަކަށް އަޅުގަނޑުމެން ހިތަށް އަރަނީ އާންމުންގެ މެދުގައި މިހާ މަގްބޫލުކަން ލިބިފައިވާ ފަރާތަކަށް މަރީވާއިރު، ސިޔާސީ ދާއިރާ އިން އަނެއްކާ ފެނިގެން ގޮސްދާނެބާވައޭ؟

"މި ވަގުތު ޖަވާބު ސީދަލަށް ދެންޏާމު، ހިތުގަ ނޯވޭ އެއްއިރަކު ވެސް، ސިޔާސީ މަޝްރަހުގަ އެހާ ބޮޑަށް މަސައްކަތްކުރާކަށް. އެއީ އަޅުގަނޑަށް ހީވަނީ މި ސިންސިއާރިޓީ ދޫކޮށްލަން ޖެހިދާނެހެން އެ ހިސާބަށް ގޮސްސިސްޔާމު. ހިތަކު ނޯވޭ ސިޔާސީވާކަށް."

"އެކަމަކު ސިޔާސީ ދާއިރާއަކީ އެއްގޮތަކަށް ވެސް ގޯސް ދާއިރާއެކޭ ނޫން. އެއީ ވެސް އުޅެން ޖެހޭ ބައެއް. އެކަމަކު އަޅުގަނޑަށް ހީއެއް ނުވޭ އަޅުގަނޑުގެ ޕާސަނާލިޓީ އެހާ ފިޓްވާނެ ދާއިރާއެއްހެން."

ދެން އެހެން ދިމާލަކަށް ޖެހިލަމާ ހިނގާ. މިހާރު ޒަވާޖީ ހަޔާތެއް ފައްޓަވައިގެން، ކުއްޖަކު ވެސް ލިބިފަ ވަނީ. ކުޑަކުޑަ ހެޕީ، ހެޕީ ފެމިލީއެއް އެހެން ނޫންތޯ. އަވަހަށް ކައިވެނިކޮށްގެން ދަރިން ހޯދުމާއި ދޮށީއުމުރަށް ގޮސް ކައިވެންޏެއް ކޮށްގެން ދަރިން ހޯދުން އެއީ ވަރަށް ތަފާތު ދެ ތަޖުރިބާއެއްތާ. މަރީގެ ހިޔާލާއި ތަޖުރިބާ މީގައި އަހަރެމެންނަށް ކިޔައިދީބަލަ؟

"ވަރަށް އެހެން ކަހަލަ ސުވާލެއް. ތެދަށް ބުނަންޏާމު ކައިވެންޏަކީ ވަރަށް ޕާސަނަލް ކަމެއް. އެހެން ނަމަވެސް އެއީ ވަކި އުމުރެއްވެގެން، ވަކި ގޮތަކަށް، މިހާރު އަޅުގަނޑުމެން މި ކަނޑައަޅަނީ ވަކި އުމުރެއްގައި މެރީކުރީމަ، މިހެންނޭ އެހެންނޭ. އެހެން ބުނަން އަޅުގަނޑަށް އުނދަގޫ. އެހެން ނަމަވެސް އަޅުގަނޑު ކައިވެނިކުރީ ވަަރަށް ފަހުން، ރާއްޖޭގެ ނިސްބަތުން ތަންކޮޅެއް ލޭޓްކޮށް. އެކަމަކު ދުނިޔޭގެ ނިސްބަތުން އެއްވެސް ލޭޓެއް ނޫން."

"އެހެން ނަމަވެސް އަޅުގަނޑަށް ފީލްވަނީ ކައިވެނި މިއީ ވަކި އުމުރަކަށް ވުރެ ބޮޑަށް، އެންމެ ބޮޑަށް މި އަންނަނީ ފައިނޭންޝިއަލް އިންޑިޕެންޑެންސް. މިހުރިހާ ކަމަކަށް ބަލަން ޖެހޭކަން ނޭނގެ ކައިވެނިކުރާއިރު. އަމިއްލަ ނަފްސަށް އިތުރުބާރުކުރެވުނީމަ، އެހެން މީހަކާ އެކު އުޅެވިދާނެހެން އިހްސާސްކުރެވުނީމަ ކައިވެނިކުރީމަ އެ ކައިވެންޏެއް ތަންކޮޅެއް ދިގު މުއްދަތަކަށް ދެމިގެން ގޮސް އުފާވެރިވާނެހެން."

ދެ ލޯބިވެރިންގެ ގޮތުގައި ވެސް މަރީ އާއި މިހާރުގެ ހަޒްބަންޑް (ހަސަން) ވަރަށް ގިނަ އަހަރުތަކެއް ވަންދެން އެކުގައި އުޅުނު ކަމަށް ވަނީ. ކީއްވެތަ މަރީމެން އެހާ ދުވަސްކޮށްލާފައި މެރީކުރީ؟

"އަޅުގަނޑު އެހާ ލަހުން ކައިވެނިކުރީ، އެއީ އަޅުގަނޑުމެން އުޅުނީ ކިޔަވަން. އަޅުގަނޑުގެ މިހާރުގެ ފިރިމީހާ ވެސް ވަރަށް ޝައުގުވެރިވާނެ އެކަމަށް. އެހެންވީމަ ހިތަށް އެރީ އެއްތަނަކަށް އައިސް މީހާ ސެޓްލްނުވެ ކައިވެނިކޮށްފިއްޔާމު އެންމެ ރަނގަޅުގޮތް ނުވެދާނެއޭ. އެހެން ހީވާތީ އަޅުގަނޑުމެން ލަހުން ކައިވެނިކުރީ. އެގޮތަށް ސެޓްލްވީމަ އަޅުގަނޑު ކައިވެނިކުރީ."

އެކަކާ އެކު ތިހާ ގިނަ ދުވަހު، ތެދުވެރި، ވަފާތެރިކަންމަތީ ދެމިހުރުމަކީ ކޮން ކަހަލަ ކަމެއް. ތިގޮތަށް ވަފާތެރިކަންމަތީ ތިހާ ގިނަ ދުވަހު ދެމި ހުންނާނެ ގޮތާ ބެހޭ ގޮތުން މިއުޅޭ ޒުވާން ލޯބިވެރިންނަށް ދެތިން ނަސޭހަތެއް ދޫކޮށްލަބަލަ؟

"ދެން މިހާރު އަޅުގަނޑު މި ދަނީ މެރިޖު އެކްސްޕާޓެއްގެ ގޮތުގައި. އެކަމަކު އަޅުގަނޑަކީ މެރިޖު އެކްސްޕާޓެއް ނޫން. (ހިނިގަނޑެއް ޖަހާލާފައި) އެހެން ނަމަވެސް ރަނގަޅު ވާހަކައެއް، ކައިވެނި ރޫޅުމުން ދިމާ މައްސަލަތަކަކީ ވިސްނާލަން ވެސް ރަނގަޅު ކަމެއް. އެކަމަކު ދިރާސާއެއް ނުކޮށް ބުނާކަށް ނޭނގޭ މިހެންނޭ ވަނީ އެހެންނޭ ވަނީއޭ ބުނާކަށް."

"އަޅުގަނޑަށް ހީވަނީ އެކްސްޕެކްޓޭޝަން ބޮޑުވީމަހެން ބޮޑަށް ރޫޅިގެން ދަނީ. މިހާރުގެ ކުދިން ނަމަ، އަޅުގަނޑަށް ފެނޭ އަޅުގަނޑުގެ ތިމާގެ ހަގުކުދިން ވެސް ރައްޓެހި ކުދިންވެސް، ހަމަ ޖެހޭނެ ހުރިހާ ވަގުތެއްގައި (އޮފީހަށް ވިޔަސް) ގެންގޮސްފަ ގެންނަން ވެސް. ހަވީރު ގަޑީގައި ކޮފީއަށް ގެންދަން ވެސް. މިކަހަލަ ބައިވަރު ކަންތައްތައް، ދެން ކުދިކުދި ކަންތައްތައް ބޮޑުވަމުން އައިސް މައްސަލަ އުފެދޭނީ."

  • ފޮޓޯގްރާފަރު: މިލްޒީރޯ ނިޝާން
  • ސްޓައިލިސްޓް: ނޯނި
  • މޭކަޕް އާޓިސްޓް: ޖަސްޓިން
  • ވޯޑްރޯބް: ރިވެންޖު / ލުސިޑް ޑްރީމް / ޗެޕްސް
  • ސްޓޫޑިއޯ: އާޓެފިސިއޯ
  • ވީޑިއޯ އެންޑް އެޑިޓިން: އަވަސް ޕްރޮޑަކްޝަން ޓީމް
  • ޕްރޮޑަކްޝަން މެނޭޖަރު: އަހުމަދު ނާއިފް