ސިއްހަތު

މާބަނޑު ދުވަސްވަރު ބޮލުގެ ރިހުމަށް އޮތް ފަރުވާއަކީ މިއީ!

މާބަނޑު ދުވަސްވަރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވޭ ދުވަސްވަރެކެވެ. އެތައް ވޭނެއްވެސް އުފުލާ ދުވަސްވަރެއްވެސްމެ އެވެ. ކިތަންމެ ބޮޑު އަދި ބުރައެއް އުފުލައިގެން ވިޔަސް ލިބޭ ދަރިފުޅަކީ އެހުރިހާ ވޭނެއް ހަނދާނުން ފޮހެލާ އުފާވެރި ކަމެވެ. މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް ވަރަށް ބޮޑު ބަދަލުތަކެއް ގެނެސްދޭ ދުވަސްވަރެއް ވެސްމެ އެވެ.

ޖިސްމާނީ ގޮތުން ހަށިގަނޑަށް ބަދަލު އައުުގެ އިތުރުން ހަށިގަނޑުގެ ހޯމޯންތަކަށް ވެސް ވަރަށް ބޮޑު ބަދަލުތަކެއް އަންނަ ދުވަސްވަރެއް މެ އެވެ. ހޯމޯނަށް އަންނަ ބަދަލުތަކުގެ ސަބަބުން ވަރަށް ގިނަ ކަންތައްތަކާއި ކުރިމަތިލާން ޖެހެ އެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ބޮލުގައި ރިއްސުމެވެ. ޑޮކްޓަރުން ބުނަނީ މިއީ ޓެންޝަންގެ ސަބަބުން ބޮލުގައި ރިއްސާ ރިއްސުމެއް ކަމަށެވެ.

އެންމެ ގަދަޔަށް ބޮލުގައި ރިއްސަނީ ކޮން ދުވަސްވަރަކު؟

މާބަނޑު މީހުން އާންމުކޮށް ގަދަޔަށް ބޮލުގައި ރިއްސަނީ ބަލިވެ އިންނަ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގަ އެވެ. ބޮލުގައި ރިއްސަން މެދުވެރިވަނީ ހަށިގަނޑުގައި ލޭ ދައުރުކުރާލެއް އިތުރުވެ، ހަށިގަނޑުގައި އާދަޔާ ހިލާފަށް ހޯމޯންސް ދައުރު ކުރަން ފެށުމުންނެވެ. އަދި ބަލިވެ އިނުމާއެކު ކެފެއިން ބޭނުންކުރާ މިންވަރު މަދުވުމަކީ ވެސް ބޮލުގައި ރިއްސަން މެދުވެރިވާ ސަބަބެއް ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ފުރަތަމަ ޓްރައިމެސްޓާ ނިމުމުން ލޭ ދައުކުރު ކުރާ މިންވަރު އާދައިގެ ވަރަކަށް ބަދަލުވެ ހޮމޯންސްތައް ވެސް ނޯމަލްވެ އެވެ. އެހެން ވުމުން ބޮލުގައި ރިހުމަށް ލުއި ލިބެ އެވެ. ދެން މިގޮތަށް ގަދަޔަށް ބޮލުގައި ރިއްސަން ފަށަނީ ހަމަސް ވުމުންނެވެ. ނުވަތަ ދެވަނަ ޓްރައިމެސްޓާ ނިމުމުންނެވެ. ސަބަބު ތަކުގެ ތެރޭގައި ހިމެނެނީ މާ ބޮޑަށް ބަނޑުގައި އޮންނަ ދަރިފުޅާއި ދޭތެރޭ ވިސްނުމާއި، ހަށިގަނޑު މާބޮޑަށް ބަރުވުމާއި، ރަނގަޅަށް ހަމަ ނިދި ނުލިބޭތީ އެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މަދުވެ ލޭގެ ޕްރެޝަރު މަތިވުމާއި، ޑީހައިޑްރޭޓްވެގެން ނުވަތަ ސައިނަސްގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ފަހަރުގައި މައިގްރޭންގެ ސަބަބުން ކަމަށްވެސް ވެދާނެ

އާންމުކޮށް ހުރިހާ އަންހެނުންނަށް ކަހަލަ ގޮތަކަށް މާބަނޑު ދުވަސްވަރު މައިގްރޭންގެ މައްސަލަ އާއި ކުރިމަތިވެ އެވެ. މައިގްރޭންގެ މައްސަަލަ އަކީ ނާރުތަކުގެ މަސައްކަތް އެންމެ ފުރިހަަމަ އަށް އަދާނުކުރުމުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. އަވަސް އަވަހަށް ގަދައަށް ބޮލުގައި ރިއްސާ ބައްޔެކެވެ. ބައެއް މީހުންނަށް މާބަނޑު ދުވަސްވަރު މައިގްރޭންއާއ ކުރިމަތިލާކަށް ނުޖެހެ އެވެ. މައިގްރޭންގެ މައްސަލަ އާއި އެންމެ ބޮޑަށް ކުރިމަތިލާން ޖެހެނީ ފަހު ޓްރައިމެސްޓާގަ އެވެ.

އާންމުކޮށް މާބަޑު ދުވަސްވަރު ބޮލުގައި ރިއްސަނީ ހޯމޯނަށް ބަދަލު އައުމުންނެވެ.

ފަރުވާ

މާބަނޑު ދުވަސްވަރަކީ ޕެނެޑޯލް ފަދަ ބޭސްތައް ބޭނުން ކުރެވޭނެ ދުވަސްވަރެއް ނޫނެވެ. އެހެން ވީމަ ބޭނުންކުރަން ޖެހޭނީ ގުދުރަތީ ކޮންމެސް ފަރުވާއެކެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް ރަނގަޅު ކާނާ މަދު މިންވަރުން އިރު އިރު ކޮޅުން ބޭނުން ކުރާށެވެ. ބަނޑުހައިކަންމަތީ ގިނަ ވަގުތު ހޭދަކުރުން ރަނގަޅެއް ނޫނެވެ. ހާއްސަކޮށް ފަހު ޓްރައިމެސްޓާގައި ރަނގަޅަށް އަރާމު ކުރަންވާނެ އެވެ. އަދި ފިނި ނުވަތަ ހޫނު ފެނުން ބޯ، ކަރު އަދި ކޮނޑު ބޮނޑިތާން ކުރަންވާނެ އެވެ. ނޫނީ ހަށިގަނޑު މަސާޖް ކޮށް ޑޮކްތަރުގެ އިރުޝާދުގެ ދަށުން ކަސްރަތު ކޮށް ހަށިގަނޑު ސީދަލަށް ބެހެއްޓުމަކީވެސް ކުރެވިދާނެ ރަނގަޅު ފަރުވާ އެކެވެ. އަދި ވަގުތު ވާވަރަކުން ނިދުން މުހިންމެވެ. ނިދަން ބޮޑަށް ރަނގަޅީ ވީހާވެސް ބޮޑަށް އަނދިރިކޮށްގެންނެވެ.

މީގެ އިތުރުން ތާޒާ ވައި ހޯދުމާއި ގިނައިން އަދި ޖޫސް ފަދަ ތަކެތިވެސް ބޭނުންކުރެވިދާނެ އެވެ. މިއިން ގޮތަކުންވެސް ބޮލުގެ ރިހުމަށް ލުޔެއް ނުލިބިއްޖެނަމަ ޑޮކްޓަރަށް ދައްކަން ވާނެ އެވެ. ޑޮކްޓަރު ދޭ އިރުޝާދެއްގެ ދަށުން ނޫނީ ބޭސް ބޭނުންކޮށްގެން ނުވާނެ އެވެ.

މި ބޮލުގެ ރިހުމުން ދުރުވާންޖެހޭ އެހެން ކަންތައްތަކުގެ ތެރޭގައި ޗޮކްލެޓް ކެއުމާއި، މާ ގިނައިން ފޮނި އެއްޗެހި ކެއުމާއި ގިނަ ދުވަސްވެފައި ހުންނަ ޗީޒް އަދި ޔޯގަޓް ކެއުމާއި ހުތް ކްރީމް ބޭނުންކުރުމުން ދުރުވާން ޖެހެ އެވެ. އަދި ބަންދުކޮށްފައި ހުންނަ ޖޫހާއި، ފިޒީ ބުއިންތަކާއި ކޮފީ އިން ދުރުވާން ޖެހެ އެވެ.

މާބަނޑު ދުވަސްވަރު ބޮލުގައި ރިހުމަކީ ހާސްވާންވީ ކަމެއް ނޫނެވެ. އެއީ ވަރަށް އާދައިގެ ކަމެކެވެ. މިކަންތައްތަކަށް ސަމާލުކަން ދިނުމުން އެއީ އެއްވެސް ކަމެއް ނޫނެވެ.