ވިޔަފާރި

ބީއެމްއެލްގައި މުއާމަލާތް ނުކުރާ 1،300 އަށްވުރެ ގިނަ އެކައުންޓް!

  • އެކައުންޓުގެ ވެރިންނަށް ކުރިން ސިޓީ ފޮނުވި
  • ލިސްޓު އާއްމުކުރާތާ ދެ މަސްވުމުން އެކައުންޓް އުވޭނެ
  • އެކައުންޓުގައި ހުރި ފައިސާ މަރުކަޒީ ބޭންކަށް

މުއާމަލާތް ނުކުރާތާ ފަސް އަހަރު ވެފައިވާ 1،300 އަށް ވުރެ ގިނަ އެކައުންޓުގެ ވެރިފަރާތާއި ނަން ބީއެމްއެލް އިން އާއްމުކޮށް، އެކައުންޓްތައް ބަންދުކުރުމުގެ ފަހު މަރުހަލާ ފަށައިފި އެވެ.

ރާއްޖޭގެ ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެރެފައިވާ ބަޔާނެއްގައި ބުނީ ޑޯމަންޓް އެކައުންޓް ނުވަތަ އެއްވެސް މުއާމަލާތެއް ހިންގަމުން ނުދާ ބޭންކް އެކައުންޓްތަކުގެ ވެރިފަރާތްތަކަށް އެކައުންޓާ މެދު އަމަލު ކުރަންވީ ގޮތެއް އެންގުމަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. މި ގޮތުން ސިޓީ ފޮނުވައި ޑޯމަންޓް އެކައުންޓުގެ ގޮތުގައި ކަނޑައަޅައި، 1،396 އެކައުންޓެއްގެ ނަން ވަނީ އާއްމުކޮށްފަ އެވެ.

ބޭންކިން ގާނޫނުގައިވާ ގޮތުން ވިދިވިދިގެން ފަސް އަހަރު ދުވަސް ވަންދެއް އެކައުންޓެއްގެ ވެރިފަރާތުން އެކައުންޓަކަށް އެއްވެސް މުއާމަލާތެއް ކޮށްފައި ނުވާނަމަ މުއާމަލާތް ނުކުރާ އެކައުންޓުގެ ގޮތުގައި ކަނޑައެޅިދާނެ އެވެ.

ބީއެމްއެލްއިން ވަނީ ޑޯމަންޓް އެކައުންޓުތަކުގެ ވެރިފަރާތްތަކަށް މިކަން އެންގުމަށް ސިޓީ ވެސް ފޮނުވާފަ އެވެ. ނަމަވެސް ޖަވާބެއް ލިބިފައިނުވާ 1،300 އަށްވުރެ ގިނަ ފަރާތުގެ ނަން މުއާމަލާތް ނުކުރާ އެކައުންޓުގެ ގޮތުގައި ކަނޑައަޅައި، މިވަނީ ގެޒެޓުކޮށްފަ އެވެ. އެ ބޭންކުން ބުނި މިގޮތަށް ނަން ޝާއިއުކުރުމަށްފަހު، ދެ މަސް ދުވަސްވުމުން އެކައުންޓްތައް ބަންދުކުރެވި މި އެކައުންޓަ ތަކުގައިވާ ފައިސާ މަރުކަޒީ ބޭންކާ ހަވާލުކުރެވޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ މީގެ އެކައުންޓެއް އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން އެކައުންޓް އެކްޓިވޭޓްކުރާ "މައުލޫމާތު ފޯމު" ބޭންކަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.