ޕެންޝަން އޮފީސް

ޕެންޝަން ފަންޑުގެ ފައިސާ ފަސް ބިލިއަނަށް އަރައިފި

Apr 21, 2016
  • ފައިސާ ދައްކާ 1،700 އަށްވުރެ ގިނަ ފަރާތް
  • ފަންޑުގައި ބައިވެރިވާ 83،000 ގިނަ މުވައްޒަފުން
  • ފައިސާ ޖަމާކުރޭތޯ އެޕަކުން ބަލާލެވޭ

ރާއްޖޭގެ ޕެންޝަން ފަންޑުގެ ފައިސާ 5.1 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ޕެންޝަން ގާނޫނަށް ގެނެވުނު އިސްލާހާ ގުޅިގެން އެ އޮފީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ އޮފީހުގެ ސީއީއޯ މުހައްމަދު ހުސެއިން މަނިކު ވިދާޅުވީ ޕެންޝަން ފަންޑުގައި މިހާރު 5.1 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

ޕެންޝަން ފަންޑުގެ ހިސާބުތައް ދައްކާ ގޮތުން 2009 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިސާ ދައްކާ ވަޒީފާދޭ ފަރާތްތަކުގެ ގޮތުގައި 1،767 ފަރާތެއް ފަންޑުގައި ބައިވެރިވެ އެވެ. މީގެތެރޭގައި ކުންފުނިތަކާއި ސަރުކާރުގެ މުއްސަސާތައް ހިމެނެ އެވެ. އަދި ފައިސާ ދައްކާ މުވައްޒަފުންގެ 82،000 އަށްވުރެ ގިނަ އެވެ.

މަނިކު ވިދާޅުވީ ޕެންޝަން ފަންޑަށް ޖަމާކުރުމަށް މުވައްޒަފުގެ އަތުން ކަނޑާ ފައިސާއަށްވާ ގޮތް ބެލުމަށް ހާއްސަ އެޕެއް ވެސް ތައާރަފުކޮށްފައިވާ ކަމަށާއި، ފައިސާ ކަނޑާފައި ޖަމާކުރޭތޯ ބެލުމަކީ އެ މުވައްޒަފެއްގެ ވާޖިބެއް ކަމަށެވެ.

"މިގޮތުން މި އެޕް މެދުވެރިކޮށް ބަލާ 31،000 އެއްހާ މީހުން އެބައުޅޭ. އަޅުގަނޑުމެން އެދެނީ ވީހާ ގިނަ ފަރާތްތަކުން މިކަން ބެލުމަށް. ފައިސާ މުސާރައިން ކަނޑާފަ، މިކޮޅަށް [ޕެންޝަން އޮފީހަށް] ޖަމާކުރާކަން ވެސް ޔަގީން ކުރަން ޖެހޭ،" މަނިކު ވިދާޅުވި އެވެ.

ޕެންޝަން ފަންޑަކީ ފަހަށް ރައްކާކުރުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްކީމެކެވެ. މިގޮތުން މި ފަންޑުން ފައިސާ ނެގެނީ އުމުރުން 65 އަހަރުވުމުންނެވެ.