ބޮލީވުޑް

ދިރިއުޅުން ލޮސް އެންޖަލިސް އަށް ބަދަލުކުރާ ވާހަކަ ޕްރިތީ ދޮގުކޮށްފި

Apr 21, 2016

ބަތަލާ ޕްރިތީ ޒިންތާ، ގިނަ ދުވަސްތަކެއް ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ލޮސް އެންޖަލިސް އަށް ނިސްބަތްވާ ޖީން ގުޑްއިނަފް ކިޔާ ޒުވާނަކާ ވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ލޮސް އެންޖަލިސްގައި ކައިވެނިކޮށްފަ އެވެ.

ކައިވެނިކުރިތާ ދުވަސްކޮޅެއް ފަހުން ޕްރިތީ އެނބުރި އިންޑިއާއަށް އައިސްފައިވާއިރު، މިހާރު ދިރިއުޅުން އެއްކޮށް ލޮސް އެންޖަލިސް އަށް ބަދަލުކުރަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ދިރިއުޅުން އެއްކޮށް ފިރިމީހާ ކައިރިއަށް ބަދަލުކުރަން ނިންމައި، މިދެމީހުން މިހާރު ގެއެއް ހޯދުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށްވެ އެވެ. ނަމަވެސް އިންޑިއާ ދޫކޮށް ދާން ނިންމާފައިވާ ވާހަކަތައް ޕްރިތީ ވަނީ ދޮގުކޮށްފަ އެވެ.

ޕްރިތީ ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ދިރިއުޅުން އެއްކޮށް ލޮސް އެންޖަލިސް އަށް ބަދަލުކުރަން ނިންމާފައިވާ ވާހަކައަކީ ދޮގެއް ކަމަށާއި މިފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލާން އޭނާ އެދޭ ކަމަށް ބުނެފަ އެވެ.

ބުނެވޭ ގޮތުގައި ކައިވެނި ކުރުމަށްފަހު ޕްރިތީ އިންޑިއާ އަށް އައިސްފައިވަނީ މިހާރު ފެށިގެން ކުރިއަށްދާ އައިޕީއެލް ކްރިކެޓް މިބާރާތުގައި ކުޅޭ އޭނާގެ ޓީމު ކުޅޭތީ އެވެ.

މީގެކުރިން ޕްރިތީ ކައިވެނިކުރަން އުޅޭ އަޑުތަކެއް އެރުމުންވެސް ވަނީ އެއީ ދޮގެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ޕްރިތީ ވަނީ އޭގެ މަހެއްހާ ދުވަސް ފަހުން ކައިވެނިކޮށްފަ އެވެ.