ބޮލީވުޑް

ދެ ކައިވެނި ރޫޅުނަސް ކައިވެންޏަށް ކަރަން ކުރާ އިތުބާރު ބޮޑު

Apr 21, 2016

މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވަރު މިމަހުގެ 30 ވަނަ ދުވަހު ކައިވެނިކުރަން ނިންމާފައިވާކަން މިދެތަރިންވެސް ވަނީ ޔަގީންކޮށްދީފަ އެވެ.

ކައިވެނީގެ އެންމެފަހުގެ ތައްޔާރީތައް ކުރުމުގައި މިދެތަރިން ބުރަކޮށް އުޅެމުން އަންނައިރު، ކައިވެނި ކުރަން ނިންމާފައިވާކަމަށް ބުނެ މިދެތަރިން ސްޓޭޓްމަންޓެއް ނެރުމުގެ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އެއްބަސްވެފައެއް ނުވެ އެވެ.

މިއީ ބިޕާޝާގެ ފުރަތަމަ ކައިވެނި ނަމަވެސް ކަރަން ވަނީ މީގެކުރިން ދެކައިވެންޏެއް ކޮށްފަ އެވެ. ކައިރި ކައިރީގައި ކަރަން ކުރި ދެކައިވެނިވެސް ފެއިލްވެފައި ވާއިރު، ބިޕާޝާއާ ކުރާ ކައިވެނި ކިހާ ދުވަހަކަށް ދެމިގެން ގޮސްދާނެތޯ މިއީ ގިނަބަޔަކު ކުރަމުން އަންނަ ސުވާލެކެވެ.

ތިންވަނަ ކައިވެނި ކުރާ ދުވަސް ކައިރިވަމުން އަންނައިރު، ކަރަން އަންނަނީ އޭނާ ބިޕާޝާ ދެކެ ވާ ލޯބި ހާމަކުރަމުންނެވެ. އަދި ކަރަން ވަނީ މީގެކުރިން ކުރި ދެކައިވެނި ފެއިލްވެފައިވީ ނަމަވެސް އަދިވެސް އޭނާ ކައިވެންޏަށް ކުރާ އިތުބާރު ނުގެއްލޭ ކަމަށް ބުނެފަ އެވެ.

ކުރީގެ ދެކައިވެނި ވެސް ދެމިނޮއޮތީ ކަރަން ދެކޭ ގޮތުގައި އޭނާއަށް ކައިވެނި ކުރެވުނު މީހުންގެ ގޮތުންނެވެ. ނުވަތަ ބައެއް ފަހަރު ނިންމާ ނިންމުންތަކަކީ އެންމެ ރަނގަޅު ނިންމުން ތަކަށް ނުވުމެވެ. ނޫނީ ހަމައެކަނި ރަހުމަތްތެރިންގެ ޖާގަ ދޭން ޖެހޭ ބަޔަކު ހަޔާތުގެ ބައިވެރިންނަށް ހެދުމުންނެވެ.

އިތުރަށް ބިޕާޝާއާ ގުލޭގޮތުން ވާހަކަދައްކަމުން ކަރަން ވަނީ ބިޕާޝާއާ އޭނާއާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ އަދި ގާތް ގުޅުމެއް ކަމަށާއި ބިޕާޝާ އަކީ ވަރަށް ރަނގަޅު މީހެއް ކަމަށް ބުނެފަ އެވެ.

ކަރަން އާއި ބިޕާޝާގެ ކައިވެނީގެ ރަސްމިއްޔާތު ވެގެން ދާނީ ހަމައެކަނި އާއިލާ އާއި ގާތް އެކުވެރިން ބައިވެރިވާ ހަފްލާ އަކަށެވެ. ބުނެވޭ ގޮތުގައި ކައިވެނީގެ ހަފްލާގެ ކުރިން ބާއްވާ މެހެނދީ ސެރަމަނީ 28 ވަނަ ދުވަހު ވިލާ 69 ގައި އޮންނާނެ އެވެ. އަދި ކައިވެނީގެ ރިސެޕްޝަން 30 ވަނަ ދުވަހު އޮންނާނީ އެސްޓީ ރެޖިސް ހޮޓަލުގަ އެވެ.

ބިޕާޝާ އާއި ކަރަން ދިމާވެފައިވަނީ މިދިޔަ އަހަރު ނިކުތް، ދެ މީހުން އެކުގައި ކުޅުނު "އެލޯން" ކިޔާ ފިލްމުގެ ސެޓުންނެވެ. އޭގެފަހުން މި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް އަރާފައިވާއިރު، ރާއްޖޭގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ އެކުގައި ޗުއްޓީ ހޭދަކޮށްފަ އެވެ.