ދިވެހި މީޑިއާ

ޓްވިޓާގައި ވެރިފައިކުރި ފުރަތަމަ ދިވެހި އޮންލައިން ނޫހަކަށް އަވަސް

އަވަސް އޮންލައިންގެ ޓްވިޓާ އެކައުންޓް ވެރިފައިކޮށްފި އެވެ. ޓްވިޓާއިން އަވަސްގެ އެކައުންޓް ވެރިފައިކޮށްފައިވަނީ މިއަދު އެވެ. މިއީ ރާއްޖޭގެ މީޑިއާގައި އޮންލައިން ނޫހެއްގެ ޓްވިޓާ އެކައުންޓް ވެރިފައިކުރި ފުރަތަމަ ފަހަރެވެ.

އަވަސް އުފެދުނީ ޑިސެމްބަރު 1، 2014 އިގަ އެވެ. އަވަސްގެ ޓްވިޓާ އެކައުންޓް ވެރިފައިކުރި އިރު ނޫހަށް އަދިވީ އެއް އަހަރާ ފަސް މަސް ދުވަހެވެ.

އަވަސްގެ ކްރިއޭޓިވް އެޑިޓަރު މުހައްމަދު އަފްޒަލް އާމިރު (އަޕޯ) މިރޭ ވިދާޅުވީ، އަވަސްގެ ޓްވިޓާ އެކައުންޓް ވެރިފައިވުމަކީ އަވަސް އޮންލައިނަށް މީޑިއާގައި ލިބުނު ވަރަށް ބޮޑު އަދި ވަރަށް ފަހުރުވެރި ކާމިޔާބެއް ކަމަށާއި ޓްވިޓާއަކީ އަވަސްއަށް އަބަދުވެސް ވަރަށް މުހިންމު މީޑިއަމެއް ކަމަށެވެ.

"ކުރިއަށް އޮތްތާ ވެސް ރާއްޖެއާއި ބޭރުގައި ހިންގާ ކަންކަން އެންމެ ތަފްސީލުކޮށް ތެދަށް އަވަސްއިން ޓްވިޓާ މެދުވެރިކޮށް ގެނެސްދެމުން ގެންދާނަން،" އަޕޯ ވިދާޅުވި އެވެ.

އަވަސްގެ ސީއީއޯ އިބްރާހިމް އުމަރު މަނިކު މިރޭ ވިދާޅުވީ އަވަސްއިން އަބަދު ވެސް ބަލަނީ ނިއު މީޑީއާގައި އަވަހަށް ބާރަށް ކުރިއަރައި ދިއުމަށް ކަމަށާއި އަވަސްގެ މުޅި ޓީމާއެކު އެ މަސައްކަތުގައި ކުރު އުމުރެއްގައި ބޮޑު ކާމިޔާބީއެއް މިހާރު ވެސް ހޯދިފައިވާކަން ޓްވިޓާގައި ވެރިފައިކުރި ފުރަތަމަ އޮންލައިން ނޫހަށްވުމުން އެނގޭ ކަމަށެވެ.

"އަވަސްގައި އޮތް ޓީމާމެދު، އަދި އަވަސްގެ މަސައްކަތާމެދު އަޅުގަނޑު ޝައްކެއް ނުކުރަން، އަވަސް އާއެކު މި ޓީމް އަދިވެސް އިތުރު ކާމިޔާބީތައް ހޯދަމުންދާނެ،" ސީއީއޯ ވިދާޅުވި އެވެ.

އަވަސްގެ ޓްވިޓާ އެކައުންޓް ވެރިފައި ކުރުމާ ގުޅިގެން ނޫހުގެ އެޑިޓާ އިން ޗީފް މުންޑޫ އާދަމް ހަލީމް ވިދާޅުވީ ރާއްޖޭގެ މީޑިއާގައި އަވަސް މިހާތަނަށް ތަޖުރިބާކުރީ ކުރު ހަޔާތެއް ކަމަށާއި އެ މުއްދަތުގައި މެއިން ސްޓްރީމް ނޫހެއްގެ ގޮތުގައި ކުރި އަރައި ދެވުމުގެ އެއް ހަގީގަތަކީ ޓްވިޓާ މެދުވެރިކޮށް ހަބަރުތައް ގެނެސް ދިނުމަށް ކުރެވުނު މަސައްކަތް ކަމަށެވެ. މިފަދަ ކާމިޔާބީތައް ހާސިލް ކުރުމަށް އަވަސް އިން އަބަދުވެސް ނޫޙުގެ މަސައްކަތަކަށް އަވަސް ބަދަލުތައް ގެންނަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓްވިޓާގައި އަވަސް ވެރިފައިވުމަކީ ރާއްޖޭގެ މީޑިއާގައި އިތުބާރު ކުރެވޭ ބްރޭންޑަކަށް ނޫސް ވެގެން ދިއުން. މިއީ ކުރު މުއްދަތެއްގެ ތެރޭގައި އަވަސް އަށް އެޅުނު ދިގު އަދި ބޮޑު ފިޔަވަޅެއް، މި ކާމިޔާބީއާ ގުޅިގެން ވެސް އަޅުގަނޑު ދަންނަވަން ބޭނުންވަނީ އިތުބާރު ކުރެވޭ ބްރޭންޑެއްގެ ގޮތުގައި އަބަދުވެސް އަވަސް އޮންނާނެ ކަމުގެ ޔަގީންކަން ދެމޭ،" މުންޑޫ ވިދާޅުވި އެވެ.

ޓްވިޓާގައި ވެރިފައިކުރި ރާއްޖޭގެ ފުރަތަމަ އޮންލައިން ނޫޙަކަށް އަވަސްވެފައިވާއިރު، ބްރޯޑްކާސްޓް މީޑިއާގައި ޓްވިޓާ އެކައުންޓް ރާއްޖޭގައި ވެރިފައިކޮށްފައިވަނީ ޕީއެސްއެމް އާއި ރާއްޖެޓީވީ އެވެ.