މިއުޒިކް

މިޔުޒިކް ލެޖެންޑް ޕްރިންސް މަރުވެއްޖެ، އެކަމަކު ލަވަތައް މަރެއް ނުވާނެ!

ޕްރިންސް އޭ ނުވަތަ ޕްރިންސް ރޮގާސް ނެލްސަން ނޭނގޭ މީހަކު ހުރެދާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ހަމަގައިމުވެސް އިނގިރޭސި ލަވަ އަޑުއަހާ ލަވައިގެ ދުނިޔޭގައި އުދުހޭ އެއްވެސް މީހަކަށް މިއީ ކާކުކަން ނޭނގިއެއް ނުހުންނާނެ އެވެ. ޕްރިންސްގެ ލަވަޔަކާއި ނުލާ ޕްލޭ ލިސްޓު ފުރިހަމައެއް ނުވެ އެވެ. ސްޓޭޖް މަތީގައި ޕްރިންސް ބޮޑަށް މަޝްހޫރުވެފައިވަނީ "ދި މިނެޕޮލިސް ސައުންޑް"ގެ ނަމުންނެވެ.

އެތައް ބައެއްގެ ޕްލޭ ލިސްޓުން އަދި ހިތްތަކުން ޖާގަ ހޯދާފައިވާ ޕްރިންސް އިއްޔެވަނީ މަރުވެފަ އެވެ. މިއީ މިޔުޒިކް އިންޑަސްޓްރީއަށް ލިބުނު ފޫ ނުބެއްދޭ ވަރުގެ ގެއްލުމެއް ކަމަށް މިދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަންނާނުން ބުނެ އެވެ. އުމުުރުން 57 އަހަރުގައި ޕްރިންސް މަރުވިއަސް ޕްރިންސްގެ ލަވަތައް އަދިވެސް ޒުވާނެ އެވެ. އެ ލަވަތައް މަރެއް ނުވެ އެވެ.

ޕްރިންސް މަރުވި ސަބަބު އަދި މިހާތަނަށް އެނގިފައިނުވާއިރު ފުލުހުން މިހާރު އެ މައްސަލަ ތަހުގީގް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޓްލާންޓާ ޖާނަލްގައިވާ ގޮތުން މި އޭޕްރިލް މަސް ފެށުނީއްސުރެ ޕްރިންސް އުޅުނީ ވަރަށް ބަލިވެ އެވެ. އަދި އެޓްލާންޓާގައި ބާއްވަން އޮތް އޭނާގެ ކޮންސެޓެއް ވެސް ވަނީ ކެންސަލްކޮށްގަ އެވެ. އޭގެ ފަހުން ކޮންސެޓް ބާއްވާ އެނބުރި ދިޔަ މަގުމަތީ ޕްރިންސްގެ ހާލު ގޯސްވެ އެމަޖެންސީގައި އޭނަ ދަތުރުކުރަމުންދިޔަ ފްލައިޓް ލޭންޑުކޮށްފައިވާ ކަމަށް ސީއެންއެންގައި ބުނެފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ޕްރިންސްގެ ހަލު ރަނގަޅުވި ކަމަށްވެ އެވެ.

ޕްރިންސް އެންމެ ފުރަތަމަ ލަވައެއް ރިކޯޑު ކޮށްފައިވަނީ އޭނާގެ އުމުރުން 19 އަހަރުގަ އެވެ. އެދުވަސްވަރު ޕްރިންސްވަނީ ރީތި ގިނަ ލަވަތަކެއް ރިކޯޑުކޮށްފަ އެވެ. އޭގެ ތެރޭގައި " ވައި ޔޫ ވޮންނަ ޓްރީޓް މީ ސޯ ބޭޑް" އާއި "އައި ވޮންނަ ބީ ޔޯ ލަވާ" ފާހަގަކޮށްލެވެ އެވެ.

އެދުވަސްވަރު ޕްރިންސްވަނީ އަމިއްލަ އަލްބަމްތައްވެސް ނެރެފަ އެވެ. އެގޮތުން ޑެމޯ ޓޭޕްސް އާއި ފޯ ޔޫ އަދި ޑާޓީ މައިންޑް އަކީ އޭނާގެ އަލްބަމްތަކެވެ. މި އަލްބަމްތަކަށް މާބޮޑު ތަރުހީބެއް ނުލިބުނަސް ހަވަނަ އަށް ޕްރިންސް ނެރުނު "ޕާޕަލް ރެއިން" އަކީ އަދިވެސް އޭގެ ލަވަތައް އެންމެ ކުރިއެކޭ އެއްވަރަށް މަޝްހޫރު ލަވަތަކެކެވެ.

ހަމަ އެކަނި ލަވަކިޔުންތެރިއެއް ނޫން، އެވޯޑްތައްވެސް އެހާ ގިނަ

ޕްރިންސް އަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނަ މޮޅީ ހަމައެކަނި ލަވަ ކިޔާކަށްވެސް ނޫނެވެ. ތަފާތު މިޔުޒިކް އިނސްޓްރުމެންޓްތައް ކުޅެން ދަނެ އެވެ. ޕިޔާނޯ އަކީ ޕްރިންސްގެ ފެވަރިޓެކެވެ. ލަވަ ލިޔަންވެސް އެއްވަނަ އެވެ. ނުވިތާކަށް އެކްޓްކުރުމުގެ ހުނަރުވެސް އެބަހުއްޓެވެ. ލަވައިގައިވެސް ނުކިޔާކަށް ވައްތަރެއް ނެތެވެ. ފަންކް، ރޮކް، ސޮއުލް، ހިޕްހޮޕް ޖޭޒް އަދި ޕޮޕް ލަވަތައްވެސް ކިޔާފައި އެބަހުއްޓެވެ.

ޕްރިންސްގެ އެކްޓިން ފެނިގެންދާ ފިލްމް ތަކުގެ ތެރޭގައި، ޕާޕަލް ރެއިން، އަންޑާ ދި ޗެރީ މޫން، އަދި ގްރެފިޓީ ބްރިޖް ހިމެނެ އެވެ. ޓީވީ ޝޯތަކުގެ ތެރޭގައި މަޕެޓްސް އާއި ޓުނައިޓް ފާހަގަކޮށްލެވެ އެވެ.

ޕްރިންސް އަކީ ގްރެމީ އެވޯޑްސް ހަތް ފަހަރު އަދި 30 ފަހަރު އެ އެވޯޑަށް ނޮމިނޭޓް ވެފައިވާ ލަވަކިޔުންތެރި އެކެވެ. ޗާޓުތަކުގެ އެންމެ ކުރީގައި ޕްރިންސްގެ ސޯލޯ ފަސް ލަވައެއް ހިމެނިފައިވާއިރު ޗާޓުތަކުގެ ގަދަ 10 ގައި ޕްރިންސްގެ 14 ލަވައެއް ވަނީ ހިމެނިފަ އެވެ. އަދި މީގެ އިތުރުން 1984 ވަނަ އަހަރު ނެރުނު "ޕާޕަލް ރެއިން" ފިލްމަށް އޭނާ ކިޔައިދީފައި އިން ލަވައަށް ވަނީ އޮސްކާ އެވޯޑް ލިބިފަ އެވެ.

ޕްރިންސް މަރުވިއިރު އޭނާ އަށް ލިބިފައިވަނީ އެންމެ ދަރި އެކެވެ. އެއީ 1996 އަހަރު އޭނާ މައިތޭ ގާސިއާ އާއި ކައިވެނިކޮށްގެން ލިބުނު ފިރިހެން ކުއްޖެކެވެ. އެ ދަރިފުޅުވަނީ އުފެދުމުގައި ޖެހިފައި ހުރި ބައްޔެއްގައި އުފަންވިތާ ހަފްތާއެއްގެ ތެރޭގައި މަރުވެފަ އެވެ. އެކައިވެނި ވަނީ 1999 ވަނަ އަހަރު ރޫޅިފަ އެވެ.

އޭގެ ފަހުން 2001 ވަނަ އަހަރު ޕްރިންސް ވަނީ މެނުއެލާ ޓެސްޓޯލިނީ އާއި ކައިވެނިކޮށްފަ އެވެ. އެކައިވެނި ވަނީ 2006 ވަނަ އަހަރު ރޫޅިފަ އެވެ. އޭގެ ފަހުން ޕްރިންސް ކައިވެންޏެއް ކޮށްފައެއް ނުވެ އެވެ. ޕްރިންސް އޭނާގެ އެންމެ ޒުވާން ދުވަސްވަރު ކިމް ބޭސިންގާ، މެޑޯނާ، ވެނިޓީ ފަދަ މަޝްހޫރު ތަރިންނާ ލޯބީގެ ގޮތުން ގުޅިފައިވެ އެވެ.