ރާއްޖެ އަންނަ ޗައިނާ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިތުރު ފިޔަވަޅުތައް އެޅުމާ ގުޅޭ ގޮތުން ދިވެހި ސަރުކާރާއި ޗައިނާއާ އެކު މިއަދު މަޝްވަރާކޮށްފި އެވެ.
މިދިޔަ އަހަރު ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވީ ގޮތަށް އެކަމާ ގުޅޭ ގޮތުން ބޭއްވި ފުރަތަމަ ބައްދަލުވުން މިއަދު ބޭއްވީ ފޮރިން މިނިސްޓްރީގަ އެވެ.
އެ ބައްދަލުވުމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަނީ ޗައިނާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުވަމުން އަންނަ ކަމަށް ފާހަގަ ކުރައްވާ އެ ގައުމުގެ ޓޫރިސްޓުންގެ ރައްކާތެރި ކަމަށް އިތުރު މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ޗައިނާގެ ސަފީރު، ވަންގް ފުކާން ވަނީ ޗައިނާގެ ޓޫރިސްޓުންގެ ސަލާމަތަށް ރާއްޖެ އިން ދޭ އަހަންމިއްޔަތު ކަމަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ޗައިނާގެ ޓޫރިސްޓުންގެ ސަލާމަތަށް އިތުރު މަސައްކަތް ކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ޓޫރިޒަމް މނިސްޓްރީ އާއި އިމިގްރޭޝަނާއި ބައެއް ރިސޯޓްތަކާއި އެއާޕޯޓްސް ކޮމްޕެނީ އާއި ފުލުހުން އަދި ކަސްޓަމްސް ބައިވެރިވި ކަމަށް ފޮރިން މިނިސްޓްރީ އިން ބުންޏެވެ. ރާއްޖެ އަންނަ ޗައިނާގެ ޓޫރިސްޓުން ގެބިގެން މަރުވުމުގެ ހާދިސާތައް މި ފަހުން ވަނީ އިތުރުވެފަ އެވެ. އެހެން ވަނީ ޗައިނާގެ ޓޫރިސްޓުންނަށް އެކަށީގެންވާ މައުލޫމާތު ނުދެވޭތީ ކަން ވަނީ ފާހަގަވެފަ އެވެ.