ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަދި މިހާރު ހޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ތަރި، ޕްރިޔަންކާ ޗޯޕްޅާ "ޓައިމް"ގެ އަހަރުގެ އެންމެ ނުފޫޒުގަދަ 100 ޝަހްސިއްޔަތުންގެ ތެރޭގައި ހިމެނިއްޖެ އެވެ.
ޕްރިޔަންކާ އާއެކު މިލިސްޓުގައި ވަނީ އޮސްކާ ލިބިފައިވާ ތަރި ލިއެނާޑޯ ޑިކެޕްރިކޯ އާއި ފޭސްބުކްގެ ބާނީ މާކް ޒުކަބާގެ އިތުރުން ލަވަކިޔުންތެރިޔާ ނިކީ މިނާޖް ފަދަ މަޝްހޫރު ފަރާތްތަށް ވެސް އަހަރުގެ އެންމެ ނުފޫޒު ގަދަ ޝަހުސިއްޔަތުންގެ ތެރޭގައި ހިމެނިފަ އެވެ.
އެންމެ ނުފޫޒު ގަދަ 100 ޝަހްސިއްޔަތުންގެ ތެރޭގައި ހިމެނުމުގެ އިތުރުން ޓައިމް މެގަޒިން އިން ނެރުނު ހާއްސަ ހަ އެޑިޝަންގެ ތެރެއިން އެއް އެޑިޝަންގެ ކަވަރުގައި ވެސް ޕްރިޔަންކާ ވަނީ ފީޗާ ކޮށްފަ އެވެ.
ޕްރިޔަންކާ މިދިޔަ އަހަރު ކުޅެން ފެށި އެމެރިކަން ޓީވީ ސީރީޒް "ކުއަންޓިކޯ" އިން ވަނީ އޭނާ އަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފަ އެވެ. މިސީރީޒްގެ އިތުރުން ޕްރިޔަންކާ މިހާރު އަންނަނީ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ބޭވޮޗް" ވެސް ކުޅެމުންނެވެ.
ޕްރިޔަންކާގެ އިތުރުން އިންޑިއާގެ ބައެއް ފަރާތްތަކުން ވެސް ވަނީ އެ ލިސްޓުގައި ހިމެނިފައެވެ. ސިޔާސީ އަދި ތިމާވެށި އެކްޓިވިސްޓެއް ކަމަށްވާ ސުނީތާ ނާރާއިން އާއި ފްލިޕްކާޓްގެ ދެ ފައުންޑަރުން ކަމަށްވާ ސަޗިން އާއި ބިނީ ބަންސާލް އާއި ގޫގަލްގެ ސީއީއޯ ސުންދަރު ޕިޗާއީ އާއި ޓެނިސް ކުޅުންތެރިޔާ، ސާނިއާ މިރުޒާ ވެސް ވަނީ މިލިސްޓުގައި ހިމެނިފަ އެވެ.
އިންޑިއާގެ މަޝްހޫރު ފަރާތްތަކުގެ ތެރެއިން ސުޕަސްޓާ އާމިރް ޚާން އާއި މިހާރުގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އާއި ކްރިކެޓް ކުޅުންތެރިޔާ އެމް އެސް ދޯނީ ވަނީ މީގެ ކުރީގެ އަހަރުތަކުގައި މިލިސްޓުގައި ހިމެނިފަ އެވެ.