ބޮލީވުޑްގެ ގިނަ ލޯބީގެ ޖޯޑުތައް މިއަހަރުގެ މިހާތަނަށް އައި އިރު ވަކިވެފައިވާއިރު، އަނެއްކާވެސް އާ ޖޯޑެއް ވަކިވުމުގެ މަގުމަތީގައިވާ ކަމުގެ އަޑުތަކެއް މިވަނީ އަރާފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ނިކުތް "ސްޓޫޑަންޓް އޮފް ދަ އިޔާ" އިން ބޮލީވުޑަށް ތައާރަފުވި ދެތަރިން ކަމަށްވާ އާލިއާ ބަޓް އާއި ސިދާތް މަލްހޯތުރާއާ ދެމެދު މައްސަލަތަކެއް ޖެހި، ރުޅިވާން އުޅޭކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.
ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް މިދެތަރިން އެއްބަސްނުވި ކަމުގައި ވިޔަސް، މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުލޭކަން ބޮލީވުޑްގައި ހަރަކާތްތެރި ވަމުން އަންނަ ފަރާތްތަކަށް އެނގެ އެވެ.
އާލިއާ އާއި ސިދާތްއާ ދެމެދު މައްސަލަޖެހިގެން ވާހަކަދެއްކުން ވެސް ހުއްޓާލާފައިވާ ކަމަށް ބުނެ ހަބަރުތައް ގެނެސްދީފައިވާ ނޫސްތަކުގައިވާ ގޮތުން މިދެތަރިންގެ ދެމެދުގައި މައްސަލަ ޖެހިފައިވަނީ ދެމީހުން އެކުގައި ދިޔަ ޕާޓީއެއްގެ ތެރޭގައި އާލިއާ އާއި އޭނާގެ ކުރީގެ ލޯބިވެރިޔާ، އަލީ ޑަޑާކަރް އެޕާޓީގެ ތެރެއިން މާގާތްކޮށް އުޅުނު ހިސާބުންނެވެ،
އެކުގައި ޕާޓީއަށް ދިޔަ ދެތަރިންގެ ދެމެދުގައި އާލިއާގެ ކުރީގެ ލޯބިވެރިޔާއާ ހެދި މައްސަލަޖެހި، މިދެތަރިން ޕާޓީއިން ނިކުމެގެން ގޮސްފައިވަނީ ވަކިވަކިން ކަމަށްވެ އެވެ.
އަބަދުވެސް ސިދާތް އާއެކު އެކި ޕާޓީތަކާއި ހަފްލާތަކުގައި އާލިއާ ބައިވެރިވާއިރު، އެންމެފަހުން ސިދާތް ޝޫޓްކޮށް ނިމުނު ފިލްމު "ބާރް ބާރް ދޭކޯ"ގެ ތަރިންނާއި ބޮލީވުޑްގެ ގާތްއެކުވެރިންނަށް ބޭއްވި ޕާޓީގައި އާލިއާ ބައިވެރިވެފައެއް ނުވެ އެވެ. މިޕާޓީ އޮތް ދުވަހު އާލިއާ މުމްބައިގައި އުޅުނު ނަމަވެސް އޭނާ ޕާޓީގައި ބައިވެރިނުވީ ސިދާތްއާ ދެމީހުންގެ ދެމެދުގައި މައްސަލަ ޖެހިގެން އުޅޭތީ ކަމަށްވެ އެވެ.
މީގެއިތުރުންވެސް މިފަހުން ޑައިރެކްޓަރު ކަރަން ޖޯހަރު ބޭއްވި ޕާޓީއަކަށް މިދެތަރިން ދިޔަ ނަމެވެސް އެކަކު އަނެކަކާ ވާހަކަދައްކާފައިނުވާ ކަމަށް އެޕާޓީއަށް ދިޔަ ބައެއް ފަރާތްތަކުން ބުނެފައިވާ ކަމަށް ނޫސްތަކުގައިވެ އެވެ.
އާލިއާ ކުރީގެ ލޯބިވެރިޔާ އަލީއާ ރުޅިވެފައިވަނީ "ސްޓޫޑަންޓް އޮފް ދަ އިޔާ" ގެ ޝޫޓިންގެ ތެރެއިން ސިދާތްއާ ދިމާވުމުންނެވެ.