އެކި ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ދިވެހިން އެ ގައުމުތަކަށް ދިޔުމަކީ ގައުމީ މައްސަލައަކަށް ވެފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ހެނދުނު އިސްކަންދަރު ކޮށީގައި ފުލުހުންނާ ބައްދަލު ކުރައްވާ، ހުސެން ވިދާޅުވީ އެފަދަ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިންގެ މައުލޫމާތު ހޯދައި އިންޓެލިޖެންސާ ހިއްސާކޮށް އެފަދަ ފަރާތްތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް ހުރިހާ ފުލުހުން ގުޅިގެން އަޅަން ޖެހިފައިވާ ކަމަށެވެ. އަދި މިކަން ހުއްޓުވުމަށް ގުޅިފައިވާ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމުގެ މުހިންމުކަން ކޮމިޝަނަރު ފާހަގަ ކުރެއްވި އެވެ. އަދި އެކަން ހުއްޓުވުމުގައި ފުލުުހުން ތިބީ ސާބިތުކަން މަތީގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ރާއްޖެއިން ބޭރު ގައުމުތަކުގައި ހިންގާ ހަނގުރާމަތަކުގައި ބައިވެރިވާން ބައެއް ދިވެހިން ދިއުމަކީ ގައުމީ ކަންބޮޑުވުން އޮތްކަމެއް. މި ގޮތަށް ހަނގުރާމަތަކަށްދާ ދިވެހިން ހުއްޓުވުމަށް ހުރިހާ ފުލުހުން ގުޅިގެން މަސައްކަތްތަކެއް ކުރަން މި ވަނީ ޖެހިފައި،" ކޮމިޝަނަރު ވިދާޅުވި އެވެ. "ގައުމުގެ ކަންބޮޑުވުން އޮއްނަ ކޮންމެ މައްސަލައަކީ ފުލުހުންގެ ކަންބޮޑުވުން އޮއްނާނެ މައްސަލައެއްކަމުން އެކަންކަން ޙައްލުކޮށްހުއްޓުވުމަށް ފުލުހުން ތިބޭނީ އަބަދުވެސް ސާބިތުކަންމަތީ."
ކޮމިޝަނަރު ވިދާޅުވީ ގެއްލޭ މީހުން ހޯދުމަށް ފުލުހުންގެ ހުރި ހުރިހާ ވަސީލަތްތަކެއް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށާއި އަނިޔާ ލިބޭ މީހުން އަނިޔާއިން ސަލާމަތް ކުރުމަށްވެސް ފުލުހުން ގިނަ ގުނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އަދި ފުލުހުންނަކީ ހިނިތުން ވުމާއެކު ރައްޔިތުންނާއި ކުރިމަތިލައި އޯގާތެރިކަމާ އެކު ހިދުމަތް ދިނުމަށް މަސައްކަތްކުރާނެ ބަޔަކު ކަމަށް ވެސް ވިދާޅުވި އެވެ. ރައްޔިތުންނާ މުއާމަލާތު ކުރުމުގައި ރީތި ބަސްމަގު ބޭނުންކުރުމަށާއި އަދަބުވެރި ގޮތްތައް ބޭނުންކުރުމަށް ކޮމިޝަނަރު ފުލުހުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. ކޮމިޝަނަރު ވިދާޅުވީ ފުލުހުންގެ ގައުމީ ހިދުމަތުގައި ދެމި ތިބޭއިރު ފުލުހުންނަށް ބޭނުންވާ ކަންކަން ހަމަޖައްސައި ވެލްފެއާގެ ކަންކަން ހަރުދަނާ ކުރުމަށް ފުލުހުންގެ އެގްޒެކެޓިވް ޓީމުން މަސައްކަތް ކުރާ ކަމަށެވެ. އަދި އެމަސައްކަތްތަކުގެ އެދެވޭ ނަތީޖާ ފެންނަމުންދާކަމުގައިވެސް ވިދާޅުވި އެވެ.