- މިދިއަ އަހަރު ކަނޑުމަތީގެ 470 ހާދިސާ
- 107 މީހުން ސަލާމަތްވީ އަމިއްލަ އަށް
- ކޯސްޓްގާޑަށް ވަސީލަތް ބޭނުން، އާންމުންގެ އެހީ ބޭނުން
ރާއްޖޭގެ 99.74 ޕަސަންޓަކީ ކަނޑެވެ. ބިމަކީ ރާއްޖޭގެ ވަރަށް ކުޑަ ޕަސެންޓެކެވެ. އެބައިގައި ހިމެނޭ ރަށްތަކުގައި ދިރި އުޅޭ މީހުން ކައިބޮއި އާމްދަނީ ހޯދުމާއި ދިރިއުޅުން ބަރޯސާވެފައި ވަނީ ކަނޑަށެވެ. ފުންކޮށް ވިސްނާނަމަ ރާއްޖެ ތަރައްގީ ކުރަން ބޭނުންވާ އާމްދަނީ ހޯދައި މައިގަނޑު ދެ ވަސީލަތް ވެސް ގުޅިފައި ވަނީ ކަނޑާ އެވެ. ޓޫރިޒަމްގެ ބޮޑުބައެއް ކަނޑުގެ ރީތިކަމަށް ބިނާވެފައިވާއިރު ދެން އޮތީ ކަނޑު މަހުގެ މަސްވެރި ކަމެވެ. މި ދެ އިންޑަސްޓްރީ ވެސް އޮތީ ކަނޑުމަތީގައެވެ. އެހެން ކަމުން އަންނަން އޮތް ދިވެހި ޖީލުތައް ވެސް ތިބެން ޖެހޭނީ ކަނޑަށް ބަރޯސާވެގެނެވެ. ނޫނީ މިހާރަށް ވުރެ މާ ބޮޑަށެވެ. ކަން މިހެން އޮތްއިރު ކަނަޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފި ނަމަ އެހީތެރިވޭވެ ވަރުގެ ގާބިލް ކޯސްޓްގާޑް ފްލީޓެއް އެބައޮތް ހެއްޔެވެ؟ އެފަދަ ކަންކަމުގައި އާމުންގެ ފަރުދީ ޒިންމާއަކީ ހެއްޔެވެ؟ އެ ޒިންމާތައް އުފުލޭ ހެއްޔެވެ؟ މިއީ ވަރަށް ވިސްނާލަން ޖެހޭ ކަންކަމެވެ. ހާއްސަ ރާއްޖޭގެ މޫސުމަށް ބަދަލު އައިސްފައިވާ މި ދުވަސްވަރު މިއީ ބަލައިލަން ރަނގަޅު ކަމެކެވެ.
ވޭތުވެދިޔަ އަހަރުތަކަށް ބަލާއިރު ރާއްޖޭގެ ކަނޑުތަކުގައި ދުއްވާ އުޅަނދު ފަހަރު އަދަދުވަނީ ވަރަށް ބޮޑަށް ނަމްބަރުން މައްޗަށް ގޮސްފައެވެ. ދުވަހެއް ދުވަހަކަށް އެ އަދަދު ދަނީ ވެސް އިތުރުވަމުންނެވެ. ސަބަބަކީ މުޅި ރާއްޖޭގެ ހަރަކާތް ކަނޑު ދަތުރުފަތުރުގެ މައްޗަށް އޮތުމެވެ.
އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 30،000 އަށްވުރެ ގިނަ މީހުން އަބަދުވެސް އުޅެނީ ކަނޑުމަތީގަ އެވެ. ކަނޑުމަތީގައި ދަތުރު ކުރާ ދިވެހި އާބާދީގެ ތެރެއިން ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެންމެ ގިނައިން ކޯސްޓް ގާޑުންގެ އެހީ ހޯދައިފައި ވަނީ ކަނޑުމަތީގައި ބަލި މީހުން އުފުލުމަށެވެ. ދެން އެންމެ ގިނައިން އެހީ ހޯދަނީ ދަތުރުގެ މެދުތެރެއިން އިންޖީނުގެ މައްސަލަ ޖެހިގެންނެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ އަހަރު ކަނޑުމަތީގެ 470 ހާދިސާއެއްގައި ކޯސްޓް ގާޑުންގެ އެހީތެރިކަން ހޯދި އެވެ. އަދި ހާރައިންވާން ޖެހޭ ކަމަކީ އޭގެ ތެރެއިން ކޯސްޓު ގާޑަށް ސީދާ އެހީތެރިކަން ފޯރުކޮށްދެވުނީ 273 ފަރާތަކަށެވެ. އަދި 91 ފަރާތެއް އެހީ ހޯދީ ފުލުހުން ނޫނީ ކަމާބެހޭ އެހެނިހެން ފަރާތް މެދުވެރިކޮށެވެ. ދެން ތިބީ 107 މީހުން ސަލާމަތްވީ އަމިއްލަ އަށެވެ.
ކޮންމެ ދުވަހަކު 30،000 އަށްވުރެ ގިނަ މީހުން ކަނޑުމަތީގައި އުޅޭ އިރު 470 ހާދިސާއަކީ ނިސްބަތުން މަދު އަދަދެއް ކަމަށް ހިސާބުން ދެއްކި ދާނެ އެވެ. ނަމަވެސް ކަނބޮޑުވާންޖެހޭ ކަމަކީ އެ 470 ހާދިސާގެ ތެރެއިން ކޯސްޓް ގާޑް ފްލީޓްގެ އުޅަނދެއް ގޮސްގެން ސީދާ އެހީ ތެރިވެދެވެނީ އޭގެ ދެބައިކުޅަ އެއްބަޔަށް ކަމަށްވާތީ އެވެ.
ރާއްޖެފަދަ ކަނޑަށް ބަރޯސާވެފައިވާ ކަނޑުގެ ސަރަހައްދު ބޮޑު، އަދި ކަނޑުމަތީގައި ކުރިއެރުމަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ގައުމެއްގެ ހުރިހާ ދިމާލެއްގައި ކޯސްޓް ގާޑްގެ އުޅަނދުތައް 24 ގަޑި އިރު ހަރަކާތްތެރި ކުރުވުން އެހާ ފަސޭހަކަމަކަށް ވެސް ނުވާނެ އެވެ. ނަމަވެސް ގިނަ ބަޔަކު ނޫނީ އެންމެން އުމުރު ދުވަހުގެ ބުރަ މަސައްކަތްކޮށްގެން ހޯދާފައިވާ މުދަލާއި، އެބައެއްގެ ފުރާނަ ކަނޑުމަތިން ސަލާމަތްކޮށްދޭނެ ކަމަށް އިތުބާރުކޮށްގެން ތިބި ކޯސްޓުގާޑުންގެ ވަސީލަތްތައް ވާންޖެހޭނީ ތަރައްގީވެފައިވާ ޒަމާނީ ވަސީލަތްތަކަށެވެ. އަދި އެކަން ކަމަށް އާންމުން ވެސް ހާލަން ޖެހެ އެވެ.
ސަލާމަތް ކުރުމުގައި ހުރި ގޮންޖެހުންތައް!
ކަނޑަށް ގަދަ ބަޔަކަށް ވެގެން ނޫނީ ރާއްޖެފަދަ ގައުމެއްގައި މީހުންނާއި ކަނޑާއި މުދާ ސަލާމަތްކޮށް ހިމާޔަތް ކުރުން ފަސޭހަކަމަކަށް ނުވާނެއެވެ. ރާއްޖޭގެ ކޯސްޓްގާޑަަކީ މީހާރުވެސް ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ ހިދުމަތެކެވެ. އަދި ކަނޑުމަތީ ދަތުރު ކުރަމުންދާ ކޮންމެ މީހަކު ވެސް ބަރޯސާވަނީ ވެސް ކޯސްޓްގާޑަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު ކަނޑުގައި އެއްފަހަރައި ގިނަ ހާދިސާތަކެއް ހިނގައިފި ނަމަ ހުރިހާތަނަކަށް ވަގުތަށް ދިއުމަކީ އަދި އެހީވުމަކީ ވަސީލަތުގެ ގޮތުން ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެން ނަމަވެސް ކޯސްޓް ގާޑް އޮންނަން ޖެހޭނީ އެފަދަ ހާލަތަކަށް އަބަދު ވެސް ތައްޔާރުވެގެންނެވެ.
ވިސްނާލަން ޖެހޭ އެއްކަމަކީ ކޯސްޓު ގާޑްގެ ހިދުމަތުގައި ތިބި ސިފައިންނަކީ ހަމައެކަނި ކަނޑުމަތީ ދިމާވާ ހާދިސާތަކަށް ދާންޖެހޭ ބައެއް ނޫނެވެ. ބޮޑެތި ގައުމުތަކާއި ކަނޑުފޭރޭ މީހުން ނޫނީ އެހެންވެސް ކަންތައްތަކުން ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ރާއްޖޭގެ ސަރަހައްދުގެ ކަނޑުމަތީ ހަރަކާތްތެރިވާން ވެސް ޖެހޭ ބަޔަކީ އެއީއެވެ. އަދި ވަށައި އޮތް މާ ކަނޑުގެ ކަނޑުގެ ކޮންމެ ސަރަހައްދެއްގައި ހިނގަައިފާނެ ކަމަކަށް ސަމާލުވެ ތިބެން ވެސް ޖެހޭ އިރު މި ދެ މަސައްކަތް ކުރުމުގައި ދަތިތަކެއް ހުންނާނެ އެވެ.
ރާއްޖޭގެ މޫސުން ގޯސްވެ ކަނޑާއި ވައި ގަަދަވާ ވަރަށް ގިނަ ފަހަރު ކަނޑުމަތީ ހާދިސާތައް ވަރަށް ގިނަވެ އެވެ. ކޯސްޓުގާޑުގެ ކޮމާންޑާ ކާނަލް މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގައި އެފަދަ ދުވަސްކޮޅެއް ދިމާވެއްޖެ ނަމަ އެއްފަހަރާ ގިނަ ހާދިސާތައް ހިނގައި އެކެއްގެ ނޫނީ އެއް ބައެއްގެ ފުރާނަ ސަލާމަތް ކުރަން ކޯސްޓް ގާޑް ނުކުންނަ އިރު އެހެން ދިމަ ދިމާއަށް އެހީތެރިކަން ފުރިހަމަ އަށް ނުދެވި ފުރާނައައަށް ގެއްލުންވާ ގޮތް ދިމާވެ އެވެ. އަދި މިހާރުގެ ހާލަތުން އެހެންވުމަކީ އެކަށީގެންވާ ކަމެކެވެ.
"ދުނިޔޭގެ އެއްވެސް ގައުމަކީ އެބަޔަކަށް ދިމާވައި ހުރިހާ ގޮންޖެހުންތަކަށް ބޭނުންވާ ވަސީލަތްތައް ފުރިހަމައަށް ހުންނާނެ ގައުމެއް ނޫން. ހަމަ އެފަދައިން ރާއްޖެއަކީ ވެސް ވަރަށް ރިސޯސް ދަށް އަދި ހާއްސަކޮށް އިންސާނީ ވަސީލަތް ވަރަށް މަދު ގައުމެއް. އެހެންވީމަ އެ ގޮންޖެހުން ވަރަށް ބޮޑަށް [ކޯސްޓްގާޑަށް ވެސް] އެބައޮތް. އޭގެ އިތުރުން ދިމާވާ އަނެއް ކަމަކީ ކަނޑުމަތީ ދިމާވާ ހާދިސާތަކުގައި ހާބަރުތަކުގައި އެންމެ ފުރަތަމަ ނެރެންޖެހޭ އުޅަނދުފަހަރު ގޮތުގައި އަޅުގަނޑުމެން އަތުގައި ވެސް ހުރީ ހަމަ ގަލްފް ކްރާފްޓް ސައިޒުގެ އުޅަނދު. އޭގައި ގެނެވޭނީ އެ ހާލަތު ނިޔާކުރާ ނިސްބަތަކަށް ބަލާފައި ވަރަށް މަދު އަދަދެއް. އަޅުގަނޑުމެން އެންމެ ފުރަތަމަ އެހީތެރިކަން މިދެނީ އަންހެނުންނާއި ކުޑަކުދިންނާއި މުސްކުޅިން އަދި ބަލި މީހުން،" އޭނާ ވިދާޅުވި އެވެ.
ކޮމާންޑާ ވިދާޅުވި ގޮތުގައި ކަނޑުމަތީގައި މީހުންގެ މުދާ ސަލާމަތް ކުރުމުގައި ވެސް ގޮންޖެހުންތަކެއް ހުރެ އެވެ. ސަބަބަކީ މަދު އުޅަނދުތަކުން ހުރިހާ ހާދިސާއަކަށް އެޓެންޑު ކުރަން ޖެހުމާއި ބޮޑެތި އޮޑިފަހަރު ކަފު ޖަހާ ދަމާފައި ގެންދެވޭނެ ކެޕޭސިޓީ ނެތުމެވެ. ގިނަ ފަހަރަށް އަރާ އުޅަނދުފަހަރު ފުންކުރަން ކޯސްޓު ގާޑަށް އެދޭ އިރު އެކަން ކުރެވޭނެ އެކަށީގެންވާ ވަރުގެ ޓަގެއް ކޯސްޓް ގާޑުގައި ނޯވެ އެވެ.
"މިފަދަ ގޮތަކަށް ކަން ހުރީ، ނަމަވެސް މިދިޔަ އަހަރު ވެސް ތަފާތު ހާދިސާތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންނާއި މުދާ އަޅުގަނޑުމެން ވާނީ ސަލާމަތްކޮށްފައި. ސަލާމަތް ނުކޮށްދެވޭ ގިނަ މުދަލަކަށް މިވަނީ އުޅަނދު ނޫނީ އޮޑި ގަނޑު. އެ ނަގާނެ ވަސީލަތެއް އަޅުގަނޑުމެންގެ އަތަކު ނުހުރޭ. ނަމަވެސް ރައްޔިތުން އެހީތެރިވާ ކަމަށްވަނީ ނަމަ އެކަމަށް ބޮޑު ކުރިއެރުމެއް ލިބޭ،" ކޮމާންޑާ އިބްރާހިމް މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެފަދަ ގޮންޖެހުންތަކަކާއި ހެދި ގިނަ ބައެއްގެ ޝަކުވާ ކޯސްޓްގާޑަށް އޮވެއެވެ. ނަމަވެސް އެކަންކަން ހައްލު ކުރަން ކޯސްޓު ގާޑާއި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރެއެވެ.
ކަނޑުމަތީ ކަންކަން ބަލަން މިހާރު އޮންނަނީ މައިގަނޑު ހަތަރު ސަރަހައްދަކަށް ބަހާލާފަ އެވެ. އެއިން މާލެ ފިޔަވައި ކޮންމެ ސަރަހައްދެއްގައި ތިން ސްޓޭޝަނެވެ. އެއިން ކޮންމެ ސްޓޭޝަނެއްގައި ކޯސްޓުގާޑުގެ އުޅަނދުތައް އޮވެއެވެ. ޖުމުލަ 10 ސަރަހައްދެއްގައި އުޅަނދުތައް ބާއްވައިގެން ހިދުމަތް ދެއެވެ. ނަމަވެސް އެއީ ފުދޭވަރުގެ އެންމެ ރަނގަޅު އަދަދަކަށް ނޫނެވެ.
"މަސައްކަތްކުރަނީ މިއަހަރު ނިމެންވާއިރަށް ހާސިލް ކުރަން މިއުޅޭ ލަނޑުދަނޑިއަކީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ކަނޑުމަތީގައި ކަމެއް ދިމާވާތާ ގަޑިއެއްހާއިރުގެ ތެރޭގައި ކޯސްޓްގާޑް ހަރަކާތްތެރިވެވޭފަދަ ގޮތަކަށް ޕްލޭނެއް ރާވަން. އެއަށް މީހުން ތަމްރީންކޮށް އެ ޕްލޭން އަމަލީ ގޮތުން މިއަހަރު ނިމެންވާ އިރަށް ދެއްކުމަށް މަސައްކަތް ކުރަމުން އެބަ ގެންދެވޭ،"
ފަރުދީ ޒިންމާ އަދާ ކުރެވޭތަ؟
ކޯސްޓުގާޑުން ޒިންމާ އުފުލައި ރައްޔިތުންގެ ފުރާނައާ މުދަލަށްޓަކައި މަސައްކަތް ކުރާއިރުވެސް ކޯސްޓު ގާޑަށް އަންނަ ފާޑު ކިޔުންތައް އޮވެއެވެ. ޝަކުވާ ހުއްޓަމަކަށް ނާދެ އެވެ. އެކަން އެންމެ ބޮޑަށް ފެނިގެން ދިޔަ އެއް ދުވަހަކީ މިފަހުން ޓޫރިސްޓުން އަރުވައިގެން ހުޅުލެއަށް ދިޔަ ލޯންޗެއްގައި ރޯވި ދުވަހެވެ. މާލެއާ އެހާ ކައިރިން ކަނޑުމަތީ ހާދިސާ ހިނގި އިރު ކޯސްޓް ގާޑަށް ދެވުން އިރު ލޯންޗު އަނދައި ހުލިވެފައި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވި އެވެ.
ހަގީގަތުގައި އުޅަނދެއްގައި އަލިފާން ރޯވެއްޖެ ނަމަ އެ އުޅަނދެއް އެކީ ހުލިކޮށްލަން ނަގަނީ މިނެޓު ކޮޅެކެވެ. އެ ދުވަހު އަލިފާނުން 24 މީހުން ޒަހަމްވީ އިރު އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ހަމައެކަނި ކޯސްޓްގާޑް ހެއްޔެވެ؟
"ހިތާމައަކަށް މިވަނީ މިފަދަ ހާދިސާތައް ހިނގީމަ ރިޕޯޓު ކުރުންވެސް ލަސްވަނީ. [ހުޅުލެ ކައިރިން ހިނގި ހާދިސާގައި އެދުވަހު] ގާތްގަނޑަކަށް 1:10 ހާއިރު އަލިފާން ރޯވެގެން އުޅުނީ. އެއްގަޑި ފަނަރަ ވީއިރު އެއްވެސް ފަރާތަކުން އެފަދަ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓެއް ނުކުރޭ. ނަމަވެސް އަނދަމުން ދިޔަ އިރު ހުޅުލޭ ބަނދަރު މަތީގައި 100 އަށްވުރެއް ގިނަ މީހުން ތިބީ ވީޑިއޯކޮށް ފޮޓޯ ނަގަން. ކަމާބެހޭ އިދާރާއަކަށް 1:15 ވީ އިރުވެސް ގުޅާފައެއް ނުވޭ. ވިލިމާލޭ ބޭރުން މާލެއަށް އައި އަޅުގަނޑުމެންގެ ލޯންޗަކަށް އެ ފެނުނިގެން ދެ ލޯންޗު އެސަރަހައްދަށް ދިޔައީ،" އޭނާ ވިދާޅުވި އެވެ.
ސުވާލަކީ ކޯސްޓު ގާޑުގެ ޒިންމާތައް ހުރި ވަސީލަތްތަކާއެކު އުފުލާއިރު ފަރުދީ ޒިންމާ ކޮބައި ހެއްޔެވެ؟ ބަޔަކަށް އަނިޔާވެ، ގެނބެމުންދާއިރު ތިބެންވީ ފޮޓޯ ނަގަން ހެއްޔެވެ؟ އެއީ ފަރުދީ ޒިންމާ އަކަށް ދެކިގެން 118 އަކަށް ގުޅާލައި ރިޕޯޓް ކުރުމުން މައްސަލައަކީ ކޮބައި ހެއްޔެވެ؟
ދުނިޔޭގެ ގިނަ ގައުމުތަކުގައި ރެސްކިއުގެ މަސައްކަތް ހަމައެކަނި ކުރަނީ ކޯސްޓު ގާޑުން އެކަންޏެއް ނޫނެވެ. ރާއްޖޭގައި ބޮޑަށް ހީވެފައި އޮންނަނީ ރެސްކިއު މަސައްކަތަކީ ހަމައެކަނި ސަލާމަތީ ހިދުމަތްތަކަށް އޮންނަ ކަމެއްގެ ގޮތަށެވެ. ހަގީގަތުގައި ގިނަ ފަހަރަށް ކޯސްޓް ގާޑުން ކުރާ ކަމަކީ އެންމެ ކައިރިން ހިދުމަތް ލިބޭ ތަންތަނެއް ބޭނުން ކޮށްގެން ކޯޑިނޭޝަންތަކެއް ހަދައިދެނީ އެވެ. އޭގެ ސަބަބުން ކޯސްޓު ގާޑުން އަންނަންދެއް ހާދިސާ ހިނގައިގެން އުޅޭ ހިސާބުގައި އެންމެ ކައިރީ އޮތް އުޅަނދެއް ގޮސް އެބަޔަކަށް ވީވަރަކުން އެހީވެދެއެވެ. އެއީ ދުނިޔެ ގަބޫލު ކުރާ އުސޫލެކެވެ.
"އެނަމާ" ބޯޓު ހާދިސާގައި ފެނުނީ ކޮން މަންޒަރެއް ހެއްޔެވެ؟ އަޑިޔަށް ދާތަން ފެނުން ދޯންޏެއް ވެސް ކައިރިން އަޅައިފަ ދިޔަ ކަމަށްވެއެވެ. އެހެން ކަމުން ހާއްސަކޮށް ދިވެހިން މިފަދަ ބައިނަލްލަގުވާމީ އުސޫލުތަކަށް ހޭލުންތެރިވާން ޖެހެ އެވެ.
ކަނޑަށް ގެއްލޭ މީހުން ހޯދަން ރަނގަޅަށް މަސައްކަތް ކުރޭތަ؟
ކަނޑުމަތީ ހާދިސާތަކަށާއި އެއަށް އަމަލު ކުރަންވީ ގޮތްގޮތަކަށް އާންމުން ހޭލުންތެރިވާންޖެހެ އެވެ. އަދި ކޯސްޓު ގާޑުންވެސް އެމީހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރަން ޖެހެއެވެ. އެނޫން ނަމަ އޭގެ ގެއްލުން ވަރަށް ބޮޑެވެ.
މިސާލަކަށް ތަފާސްހިސާބުން މިދިއަހަރު ބަލަމާ ހެއްޔެވެ؟ މިދިއަ އަހަރު ކަނޑުމަތީ ހިނގައިފައި ހުރި ހާދިސާތަކު ތެރެއިން ފަސް މީހެއްގެ ފުރާނަ ސަލާމަތްކޮށެއް ނުދެވުނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ބިދޭސީންނާއި ދެ ދިވެހިންނެވެ. އެމީހުންނަކީ ކަނޑުވުމަށްފަހު ގިނަ ދުވަހެއްގެ މަސައްކަތުން ވެސް ނުފެނުމުން މިހާރު އެ މަސައްކަތް ހުއްޓާލައިފަވާ މީހުންނެވެ.
މިފަދަ ބޮޑެތި ހާދިސާތައް ހުއްޓުވުމަށް ކޯސްޓް ގާޑުން ބުރަ މަސައްކަތްތަކެއް ކުރެއެވެ. ކަނޑުމަތީ ހާދިސާއެއް ހިނގައި މީހަކު ގެއްލިއްޖެ ނަމަ އެކަމަށް ސަމާލުވެ އެކި މަރުހަލާގައި މަސައްކަތް ކުރެ އެވެ. ފުރަތަމަ ކަމަކަށް ގެއްލުނު ދޯނި ދަތުރު ފެށި މަންޒިލުން އެމީހުން ދާން މިސްރާބު ޖެހި ހިސާބަށް ކޯހެއް ނަގައިގެން އެ ސަރަހައްދުން އެމީހުން ހަބަރުވީ ހިސާބުތައް ބަލަމުންދެ އެވެ. އެމީހުން ހަބަރު ނުވީ ހިސާބު ބަލައި މޫސުމަށާއި ރާޅުތަކަށް ބަލައިގެން ވަކި ޕޮއިންޓެއް ފާހަގަކޮށް އެސަރަހައްދު ބަލަ އެވެ.
"އެގޮތަށް މަސައްކަތް ކުރަމުންދާ އިރު އެއްގަމުގައި ތިބޭ ކޯސްޓު ގާޑުގެ ސިފައިން މަސައްކަތް ކުރާނެ އެ އުޅަނދުގަ ތިބި އެންމެން ފޯނާއި ހުރިހާ ވަސީލަތް ބޭނުންކޮށްގެން މުއާސަލާތީ ފަރާތްތަކާއި ގުޅައިގެން އެއިން ޓްރާންސްމިޝަން ލިބުނުތޯ އަދި އެ ލިބުނީ ކޮން ލޮކޭޝަން އަކުންތޯ ބަލަން. އަދި އެމީހުން އޮޔާ ވަޔަށް ގެންދާ ގޮތް ޔަގީން ކުރަން ކޯސްޓް ގާޑުގެ ބޮއެޔެއް އެ ސަރަހައްދަށް ވައްޓާލާނެ،" އިބްރާހިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޯސްޓުގާޑުން ކަނޑުމަތީގައި ހަރަކާތްތެރިވުމުގެ އިތުރުންވެސް ލިބެން ހުރި ވަރަކުން ވައިގެ އުޅަނދުތައް ބޭނުންކޮށްގެން މީހުން ހޯދުމަށް މަސައްކަތް ކުރެއެވެ.
އަނެއްކޮޅުން ކަނޑުދަތުރު ކުރާ މީހުން ސަމާލުވާން ޖެހޭ މުހިންމު ކަންތަކެއް ވެސް ހުރެ އެވެ. ކަނޑުމައްޗައް ނުކުތުމަށް ފަހު އާއިލާއަށް ހަބަރު ނުވާ މައްސަލައަކީ ވަރަށް ބޮޑު މައްސަލަ އެކެވެ.
"އޮޑިވެރިން ބޮޑެތި ހަރަދުކޮށްގެން ސެޓަލައިޓް ފޯންވެސް ހުރޭ ދީފައި. ނަމަވެސް އާއިލާތަކަށް ހަބަރެއް ނުވޭ. ކަނޑުމައްޗައް ނިކުމެފަ އާއިލާ އަށް ހަބަރެއް ނުވީމަ އެއީ އެމީހުންނަށް ލިބޭނެ ވަރަށް ބޮޑު ތަކުލީފެއް. މިވެސް ގިނަ ބަޔަކު ކުރާ ކަމެއް، އެގޮތަށް ގުޅާ މީހުންނަށް ވެސް ފުރިހަމަޔަށް އަޅުގަނޑުމެން އެޓެންޑު ކުރަން ޖެހޭ،"
ހޭލުންތެރިވާން ޖެހޭ ބައެއް ކަންކަން
ކޯސްޓް ގާޑުގެ އިތުރުން ރައްޔިތުންގެ ޒިންމާތަކެއް ވެސް ހަމަ އެހާ ބޮޑެވެ. އެހެން ކަމުން އެކަމަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ވެސް އެ އިދާރާ އިން ވަނީ ކޮށްފަ އެވެ. އިބްރާހިމް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ އަހަރުވެސް 1000 އަކަށް ވުރެއް ގިނަ އިންސްޕެކްޝަން ޕްރޮގްރާމް ހިނގާފައިވާނެ އެވެ.
ގިނަ ފަހަރަށް އުޅަނދު ފަހަރުތައް ބެލުމަށް ކޯސްޓު ގާޑުންދާއިރު އެ އުޅަނދެއްގައި ހުންނަ މައްސަލައަކީ އަދަދަށްވުރެ އިތުރަށް މީހުން އެރުވުމުގެ މައްސަލަ އެވެ. މުއާސަލާތީ ވަސީލަތްތައް ރަނގަޅު ނޫން އިރުވެސް ދަތުރަށް ފަށާ މައްސަލަ އެހާ ގިނަ އެވެ. ބައެއް ފަހަރު ބަރު ކުރަންވާ އަދަދަށްވުރެ ބަރުކޮށްގެން ދަތުރަށް ފެށުމުގެ މައްސަލަ ވެސް މަދެއް ނުވެއެވެ.
"މަޑުމަޑުން ރަނަގަޅު ކުރުން އެބަ އާދޭ. ނަމަވެސް މީހުން މާގިނައިން އަރުވަނީ ގިނަ ފަހަރަށް ބޮޑު އީދާއި ދިމާކޮށް. އެކަން އަޅުގަނޑުމެން ވިސްނައިދީ ރަނގަޅު ކުރަން މަސައްކަތް ކުރަނީ،"
ސަކަރާތާއި މަޖަލުގައި ގިނަ ބަޔަކު ކަނޑުމައްޗައް އަރުވައިގެން ގަވައިދާ ހިލާފަށް އަމަލު ކުރުމުގެ ނަތީޖައި ހިތި ވެދާނެ އެވެ. އެހެންކަމުން ގަވައިދަށް ހުރުމަތް ތެރިކޮށް ހިތުން މުހިންމެވެ. ކަނޑުމައްޗަށް ނިކުންނަ އިރު އުޅަނދެއްގެ ސަލާމަތްތާއި ރައްކާތެރިކަން ހުރީ ދަތުރު ކުރެވޭ ހާލަތެއްގައިތޯ ބަލަން ޖެހެއެވެ. ދަތުރަށް އަރާ ކޮންމެ މީހަކަށް ލައިފް ޖެކެޓު ހުރިތޯ ބަލައި ސަމުގާ އާއި މުއާސަލާތީ ވަސީލަތްތައް ހުރީ ރަނގަޅަށްތޯ ބަލަން ޖެހެއެވެ. މީގެ އިތުރުން ވެސް ހާދިސާއެއް ހިނގައިފި ނަމަ އަލިފާން ނިވާ ނިޒާމާއި ފަސްޓް އެއިޑް ނިޒާމް ހުރިތޯ ޔަގީން ކުރަން ޖެހެ އެވެ. -- މިހާރު މިދުވަސްވަރުވެސް މިއޮތީ މޫސުން ގޯސްވެފައެވެ. މިއަދު ވެސް ކަނޑުމަތީގައި 30،000 އަށްވުރެ ގިނަ ދިވެހިން ދަތުރު ކުރާނެ އެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ.