މި ސީޒަނުގައި ޕްރިމިއަ ލީގުގެ އެންމެ ބޮޑު ސަޕްރައިޒް، އަދި އެންމެ ބޮޑު ފެވަރިޓްގެ ގޮތުގައި ވެސް އޮތް ޓީމު، ލެސްޓާ ސިޓީގެ ކޯޗް ކްލައުޑިއޯ ރަނިއޭރީ ބުނަނީ މިހެންނެވެ. އޭނާ ބުނަނީ ލީގު ތާވަލްގެ އެއް ވަނާގައި އޮތް ލެސްޓާ އަށް މިފަހަރު މިކަން ނުވެއްޖެ ނަމަ ދެން މިފަދަ ފުރުސަތެއް ލިބޭނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
"މި އަހަރަކީ އެ އަހަރު. އެހެން ނޫން ނަމަ މިކަމެއް ދެނެއް ނުވާނެ،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ރަނިއޭރީ ބުންޏެވެ.
ތާވަލްގެ ދެ ވަނާގައި އޮތް ޓޮޓެންހަމްގެ މައްޗަށް ފަސް ޕޮއިންޓް ލީގެއް ހޯދައިގެ ލެސްޓާ އެއް ވަނާގައި އޮތްއިރު އެމީހުންނަށް މިހާރު ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ ކަށަވަރުވެފަ އެވެ. މި ފޯރިއެއްގައި ޖެހިފައި އޮތް ލެސްޓާ އިން މިހާރު އެމީހުންގެ ހުރިހާ ސަމާލުކަމެއް ހުސްކޮށްފައި ވަނީ ލީގަށެވެ.
"ޗެމްޕިއަންސް ލީގު، މިހާރު ކަށަވަރުވެއްޖެ. އެއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެކަމަކު މިހާރު އަހަރެމެންގެ ހުރިހާ ބާރެއް ބޭނުންކޮށްގެން މަސައްކަތްކުރަންވީ ލީގު ކާމިޔާބުކުރަން. ހިތާއި ފުރާނައިން ހިތްވަރު ނެރެގެން ނަމަވެސް މިކަން ކުރަން އެބަޖެހޭ،" ރަނިއޭރީ ބުންޏެވެ.
އޭނާގެ ޓީމަށް ލީގު ކާމިޔާބުކުރަން ބޭނުންވަނީ އަށް ޕޮއިންޓެވެ. ރަނިއޭރީ ބުނީ އެ އަށް ޕޮއިންޓް ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އޭނާގެ ކުޅުންތެރިންނަށް ބާރުއަޅަމުން އަންނަ ކަމަށެވެ.
ލެސްޓާ ސިޓީ އަށް ލީގު ކާމިޔާބުކުރެވިދާނެ ކަމަށް ބުނެ އޭނާ މިގޮތަށް ވާހަކަ ދައްކާފައިވާއިރު މިއީ އެ ޓީމަށް ލީގު ލިބިދާނެ ކަމަށް ގަބޫލުކުރާ ކަމަށް ރަނިއޭރީ ބުނި ފުރަތަމަ ފަހަރެވެ.
ލެސްޓާ އިން ޕްރިމިއަ ލީގުގެ ބޮޑެތި އަދި ޝަރަފްވެރި ކްލަބްތައް ފަހަތަށް ޖައްސާލުމަށް ފަހު ލީގު ކާމިޔާބުކުރުމާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު އެންމެން ވެސް މި ކާމިޔާބީ ސިފަކުރަނީ ނޮޓިންހަމް ފޮރެސްޓް އިން 1970ގެ ފަހުކޮޅު އަދި 1980ގެ ކުރީކޮޅު ހޯދި ތާރީޚީ ކާމިޔާބީގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ 1978 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ތަށި ނެގުމަށް ފަހު ޔޫރަޕްގެ ތަށި ވެސް އުފުލާލައިފަ އެވެ.
މި ސަބަބާ ހެދި، ލެސްޓާ އަށް ލީގު ލިބިއްޖެ ނަމަ، އަންނަ ސީޒަނުގައި އެމީހުން ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅައިގެ މައިދާނުގައި ހޯދާނެ ނަތީޖާތަކެއް ބެލުމަށް ވެސް އެތައް ބަޔަކު ތިބީ ކެތްމަދުވެފަ އެވެ.