އޮފްބީޓް

ޕިޖާމާގައި ޕްރިންސް ޖޯޖް އޮބާމާއާ ބައްދަލުކުރައްވައިފި!

ޕްރިންސް ވިލިއަމްގެ ދަރިކަލުން ޕްރިންސް ޖޯޖުގެ ފޮޓޯތަކަކީ އަބަދުވެސް ގިނަ ބަޔަކު ސަމާލުކޮށް ހޯދާ ފޮޓޯތަކެކެވެ. ޕްރިންސް ޖޯޖުގެ ލޯބި ކަމާއި ޖޯޖުގެ ހަރަކާތްތަކަކީ އަބަދުވެސް މީހުން އެކަމަކަށް ވަރަށް ޝައުގުވެރިވާ ކަންކަމެވެ. މިފަހަރު ވެސް މިއޮތީ ޕްރިންސް ޖޯޖުގެ ފޮޓޯތަކަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފަ އެވެ. ޕްރިންސް ޖޯޖު ޕިޖާމާގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބައްދަލުކުރެއްވި ފޮޓޯތަކެކެވެ.

ބަރަކް އޮބާމާ އިނގިރޭސި ގަނޑުވަރަށް ވަޑައިގަތީ، ޕްރިންސް ވިލިއަމް އަދި އަނބިކަނބަލުން ކޭޓް ދެއްވި ހާއްސަ ޖާފަތަކަށެވެ. އޮބާމާއާއެކު އަނބިކަނބަލުން މިޝޭލް ވެސް ވަޑައިގަތެވެ. ވާރޭ ވެހެމުން ދަނިކޮށް އޮބާމާގެ ދެކަނބަލުން ގަނޑުވަރަށް ވަޑައިގަތުމަށް މަރުހަބާ ދަންނަވާފައިވަނީ ޕްރިންސް ވިލިއަން އާއި ކޭޓް އަދި ޕްރިންސް ހެރީ އެވެ.

ޝާހީ ގަނޑުވަރުގައި ޕްރިންސް ޖޯޖަށް އޮންނަނީ ވަރަށް ހަރުކަށި ޝެޑިއުލެއް ކަމަށްވެ އެވެ. ގަޑިންގަޑިއަށް ކަންކަން ކުރެއްވުމަށް ޕްރިންސް ޖޯޖަށް ދަސްކޮށްދެއްވާ، ޖޯޖުގެ ކަންކަން ގެންދަނީ ޝެޑިއުލާ އެއްގޮތަށެވެ. ނަމަވެސް އޮބާމާގެ ޒިޔާރާތާ ގުޅިގެން ޕްރިންސް ޖޯޖަށް ވަނީ ލުޔެއްދީފަ އެވެ. ނިދިކުރައްވާ ގަޑި ޖެހުމުން ވެސް، ކުޑައިރުކޮޅަށް ހޭލާ ހުންނެވުމުގެ ހުއްދަ ވަނީ ދީފަ އެވެ.

އޮބާމާ، ގަނޑުވަރުގައި ހޭދަކުރެއްވި ވަގުތުތަކުގެ ތެރެއިން 15 ވަރަކަށް މިނެޓް ވަނީ ޕްރިންސް ޖޯޖުއާއެކު ހޭދަކުރައްވާފަ އެވެ. އެ ވަގުތުކޮޅުގެ ފޮޓޯތައް ޝާހީ ގަނޑުވަރުން ވަނީ އާންމު ވެސް ކޮށްފަ އެވެ. ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވެސް ވަނީ ހުއްޓިފަ އެވެ. މީހުންގެ ސަމާލުކަން ފޮޓޯތަކަށް ހުއްޓުނު އެންމެ ބޮޑު ސަބަބަކީ ޕްރިންސް ޖޯޖު ޕިޖާމާއެއް ތުރުކުރައްވައިގެން ހުންނެވުމެވެ. އަދި އޮބާމާއާއެކު މަޖާ ވަގުތެއް ހޭދަކުރައްވާފައިވާތީ އެވެ.

މި އަހަރު ތިން އަހަރު ފުރޭ ޕްރިންސް ޖޯޖު ވަނީ ޕްރިންސް ޖޯޖު އުފަންވުމުގެ އުފަލުގައި އޮބާމާ ހަދިޔާކުރެއްވި "ރޮކިން ހޯސް"އަށް އަރުއްވާ އޭގައި އިންނަވާ ވެސް ފޮޓޯއެއް ނަންގަވާފަ އެވެ. އަދި އެ ހޯސް ހަދިޔާކުރެއްވީތީ ޝުކުރު ވެސް އަދާކުރައްވާފައިވާ ކަމަށް ގަނޑުވަރުން ވަނީ ބުނެފަ އެވެ.

އޮބާމާ އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ރާނީ އެލްޒަބަތުގެ 90 ވަނަ އުފަން ދުވަސް ފާހަގަކުރެއްވުމަށެވެ. އޮބާމާ ވަނީ ރާނީއާ ވެސް ބައްދަލުކުރައްވާފަ އެވެ. ރާނީއާ ބައްދަލުކުރެއްވީ އެ ދުވަހުގެ ހެނދުނު އެވެ. މި ބައްދަލުކުރެއްވުމަށްފަހު އޮބާމާ ވިދާޅުވެފައިވަނީ ރާނީއަކީ އެންމެ މަގުބޫލު ބޭފުޅުންގެ ތެރޭގަިއ ހިމެނޭ ބޭފުޅެއް ކަމަށެވެ. އޮބާމާ އެ ދުވަހު ހެނދުނު ރާނީއާ ބައްދަލުކުރެއްވުމަށް ގަނޑުވަރަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ރާނީ އާއި ޕްރިންސް ފިލިޕެވެ.

"ރާނީ އަކީ އަހަރެންނަށް ނަމޫނާއެއް، ހަމަ ގައިމު ދުނިޔޭގެ އެތައް ބަޔަކަށް ނަމޫނާއެއް، އެއީ އަހަރެންނަށް އެންމެ މަގުބޫލު ބޭފުޅާ،" އޮބާމާ ވިދާޅުވެފައިވެ އެވެ.

ރާނީގެ އުފަންދުވަހުގެ ހަދިޔާއަކަށް އޮބާމާ ދެއްވާފައިވަނީ ފޮޓޯ އަލްބަމެކެވެ. އެ އަލްބަމުގައި ރާނީ އެމެރިކާއަށް ކުރެއްވި ދަތުރުފުޅުތަކުގެ ފޮޓޯތަކާއި އެމެރިކާގެ ރައީސުންނާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގެ ފޮޓޯތައް ހުންނާނެ ކަމަށް އޮބާމާ ވިދާޅުވި އެވެ. ރާނީ ވަނީ އެމެރިކާގެ 11 ރައީސުންނާ ބައްދަލުކުރައްވާފަ އެވެ.