ޕީއެސްއެމް

އެކްސް ޓީވީއެމް ރީޔޫނިއަން: ރަން ހަނދާންތަކުން ހެއްވާލައިފި!

ދިވެހިން މިއަދު ވެސް ބަލަމުން އަންނަ ޓެލެވިޝަން މޯލްޑިވްސް (ޓީވީއެމް) އެ ފެންވަރަށް ގެނައުމުގައި ގައިމުވެސް އެތަށް ބައެއްގެ ފޮނި ހުވަފެންތަކާއި ބުރަ މަސައްކަތް ވާނެ އެވެ. ޓެކްނޮލޮޖީ ގޮތުން ތަރައްގީ ނޫން އިރުވެސް މީގެ 38 އަހަރު ކުރިން ބްރޯޑްކާސްޓިންގެ މަސައްކަތް ފަށައި މިއަދު ވަނީ އެކި ސަރަހައްދުގައި ބިއުރޯތައް ހަދައި މުޅި ރާއްޖެއަށް ޓީވީއެމް ފެތުރިފައެވެ. މިހާހިސާބަށް ޓީވީއެމް ގެނެއުމަށް އެންމެ ބޮޑަށް މަސައްކަތް ކުރި ގިނަ މީހުން މިހާރު ވަނީ އެކި ސަބަބުތަކާހުރެ ޓީވީއެމް ދޫކޮށް ދުރަށް ގޮސްފަ އެވެ. ނަމަވެސް ރޭ ވަނީ އެ ހަނދާންތައް އާކޮށް އަލުން އެ އެންމެން މާލޭގެ ރާނބާ ރެސްޓޫރަންޓަށް ޖަމާވެފަ އެވެ. މިއީ ޓީވީއެމް އެލުމްނައީގެ ނަމުގައި ބޭއްވި ރީޔޫނިއަންއެއް އެކެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ރީޔޫނިއަން އެވެ.

މި ރީޔޫނިއަން އަށް ރޭ ދިޔައިރު ފެނުނީ ވަރަށް ވެސް ހިތް ގައިމު މަންޒަރެކެވެ. އެކުގައި މަސައްކަތް ކުރުމަށްފަހު އެކި ދިމަ ދިމާއަށް އޮޔާ ގޮސްފައިވާ ތަޖރިބާކާރުން އެތަކެއް ޒަމާނަކަށް ފަހު އަލުން ބައްދަލުވެ އުފަލުން ހީނ ސަމާސާކޮށް އުޅުނުތަނެވެ އެކަކު އަނެކަކާއި ސަލާންކޮށް ބައްދާލައި ހަދަމުން ދިޔަ މަންޒަރެވެ. އުމުރުން ދޮށީ މީހުންވެސް އެމީހުން ކުރީގައި އެކުގައި މަސައްކަތް ކުރި މީހުންނާއެކު ސަމާސާކޮށް ޖޯކް ކިޔައިދީ ހެދި އެވެ. ގަޑިއެއްހާއިރަށް "ޓީވީއެމް" ސިފަވީ ބިޔަ ބޮޑު ބޮޑަށް އާއިލާއެއްގެ ގޮތަށެވެ.

ރޭގެ ރީޔޫނިއަން ރޭ ގެ ހަފްލާ ފަށައި އެ ހަފުލާ ހުށަހަޅައިދޭން ހުރީ މިހާރުވެސް ވަރަށް މަޝްހޫރު މޫނެކެވެ. ކުރިން ޓީވީއެމްގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި އަދި މިހާރު މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްކަން ކުރައްވާ ހިތް ގައިމު އަޑުގެ ވެރިޔާ މުހައްމަދު އާސިފު (މޮންދު) އެވެ. ނޫސްވެރިންގެ ދިފާއުގައި މިދުވަސްވަރު ހަނގުރާމައެއް ކުރަމުން އަންނަ މޮންދުގެ ކިބައިން ރޭ ފެނުނީ އޭނާގެ ހެއްވާ މަޖާ ފަޅިއެވެ.

"ޓީވީއެމްގައި ކުރިން މަސައްކަތް ކުރެއްވި ވަރަށް ގިނަ ފަރާތްތައް އެކީ އުޅޭ ވައިބާ ގްރޫޕަކުން މި އެލުމްނައީ ފެށިގެން މިއައީ. މި ގްރޫޕް މިދަނީ ވަރަށް ކެޝުއަލްކޮށް ވަރަށް މަޖާ ވާހަކަ ދެކެވި އެކަކު އަނެކަކަށް އަލަށް 20 އަކަށް 30 ހަކަށް އަހަރަކަށް ފަހު ފެނިގެން ވާހަކަދައްކައި ވަރަށް މަޖާ ކުރޭ މި ގްރޫޕު ތެރޭގައި،" މޮންދު ވިދާޅުވި އެވެ.

ރީޔޫނިއަން ފެށުމުގެ ގޮތުން ޓީވީއެމްގައި ކުރިން އެކީ މަސައްކަތް ކުރި ނަމަވެސް މިހާރު ދުނިޔޭގައި ނެތް މީހުންގެ ހަނދާނުގައި ބޭއްވި ރޭ މިނެޓެއްގެ ސުކޫތެއް ގެނަ އެވެ. އަދި އެމީހުން ހަނދާންކޮށް ހެޔޮ ބަސްތައް އިއްވި އެވެ.

މި ރީޔޫނިއަން އަށް ވަންނަ ދޮރުމަތިން ކުރިން ޓީވީއެމްގައި މަސައްކަތް ކުރި ކޮންމެ މީހަކަށްވެސް ނަމްބަރެއް ދިނެވެ. އެއީ ކޮންމެ ނަމްބަރުތަކެއް ކަން ކިޔައިދިނެވެ. ކޮންމެ މީހެއް އަތުގައި ނަމްބަރެއް އޮތް އިރު އެއީ އިނާމްތަކެއް ހާސިލްވާ ނަމްބަރަކެވެ. އޭގެ ތެރެއިން ގުރުއަތުން ހޮވާ 10 ފަރާތަކަށް ހާއްސަ އިނާމްތަކެއް ދިނެވެ.

ހާއްސަ އިނާމުތައް:

- ހުޅުމާލޭގެ އެއާޕޯޓް ކޮންމްލެކްސްގައި ދެމީހަކަށް ދެރޭ ހުރުމުގެ ފުރުސަތު
- ކ. މާފުށީގައި ހުންނަ ވައިޓްޝެލް ހޮޓަލް އެންޑް ސްޕާގައި ދެމީހަކަށް ހުރުމުގެ ފުރުސަތު
- ކާޗާ ބްރޭންޑުގެ ވެކިއުމް ކްލީނަރެއް
- އަލޯރާއިން ހަދިޔާކުރި ލަގްޒަރީ ގޮންޑިއެއް
- 42 އިންޗީގެ ސެމްސަންގު ފަތި ޓީވީއެއް.
- އޯޝަން 1 ސަފާރީގައި ފިނޮޅެއް ކައިރީއެއް ރޭ ހޭދަކޮށްލުމުގެ ފުުރުސަތު
- ބިޔާދޫ ރިސޯޓުގައި ދެމީހަކު ދެރޭ ހުރުމުގެ ފުރުސަތު
- މެލޭޝިއާއަށް ދެކޮޅު ޓީކެޓު
- ސެމްސަންގް ގެލެކްސީ އެސް6 އެޖް ސްމާޓް ފޯން
- އައިފޯން އެސް6 ޕްލަސް

ރީޔޫނިއަން ސަޕްރައިޒް!

އެލިމްނައީގެ ނަމުގައި ބޭއްވި މި ރީޔޫނިއަންގައި ކުރިން ފާހަގަ ކޮށްލެވޭ ހާއްސަ މީހުންގެ ނަން ކިޔަމުން އައި އިރު އެލިމްނާއި ވައިބާ ގްރޫޕު ތެރޭގައި އުޅުއްވައި ނަމަވެސް މި ރީޔޫނިއަން އަށް ވަޑައިނުގަނެވުނު އިސްމާއިލް ވަޖީހުގެ ވާހަކަ މޮންދު ދެއްކެވި އެވެ. މޮނދު ވިދާޅުވީ ސިންގަޕޫރުގައި އިސްމާއިލް ދިރިއުޅުއްވާތީ ރޭގެ ރީޔޫނިއަންއަށް ނާދެވުނު ކަމަށާއި ނަމަވެސް ވީޑިއޯ މެސެޖެއް ހުރިހާ އެންމެނާއި މުހާތަބުކޮށް އިސްމާއިލް ވާހަކައެއް ދަންނަ ވާނެ ކަމަށެވެ. އެގޮތުން ސްކްރީން އިން އިސްމާއިލް ސިންގަޕޫރުގައި ކުޅެފައި ހުރި ވީޑިއޯއެއް ދެއްކި އެވެ.

"1978 ގައި މަޖީދިއްޔާ ސްކޫލުގެ ގްރޭޑް އަށެއްގައި އުޅުން އިރު އޭރު ޓީޗަރަކަށް ހުރީ ހަބަރު ކިޔާ ޑރ. ވަހީދު. [ރައީސް ވަހީދު] އެހެންވެ ހިތައް އެރީ އަހަރެންވެސް ކޮންމެވެސް ދުވަހަކުން ހަބަރުގެ ތަނކޮޅެއް ކިޔާނަމޭ. އޭގެ އަހަރެއް ފަހުން އަޅުގަނޑު ޓީވީއެމްގެ ހަބަރު ކިޔަން ފެށީ. ޓީވީއެމް އަކީ އެއް ފުރާޅެއް ދަށުގައި އޮންނަ ބޮޑު އެއް އާއިލާއެއް. އެއީ އެންމެން މަސައްކަތް ކުރާނީ ގުޅިގެން. ކޮންމެއަކަސް އަޅުގަނޑާއި އެކު އުޅުން އެންމެން އަދި މިހާރުވެސް ޓީވީއެމް ހިނގަމުންދާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އިސްމާއިލް ބުންޏެވެ.

ސިންގަޕޫރުގައި ހުންނަވައިގެން އިސްމާއިލް ދެއްވި ވީޑިއޯ މެސެޖަށް ފަހު ދެން އޮތީ އެންޓަޓެއިންމަންޓުގެ ބައިކަން އެނގިޖެއެވެ. އެއީ ސްޓޭޖަށް އެރީ ނަށާ ދެ އަންހެން ކުދިންނާއި ދެން އެކީ ކަޅު ކުލައިގެ ހެދުމެއްލައިގެން މޫނު ފޮރުވާފައި ހުރި މީހެކެވެ. އެއީ ކާކުތޯ ބަލަން އެންމެން ބޯ ދިއްކުރި އެވެ. ޖަހާލީ "ވާރޭގެ ޕަރީ" އެ ލަވައެވެ. ސިއްސައިގެން ގޮސް އެތާތިބި އެންމެން ހަޅޭއްލަވައި ގަތީ މޫނު ފޮރުވައިގެން ހުރި މީހާ އަކީ އިސްމާއިލް ކަން އެނގުމުންނެވެ.

އިސްމާއިލްގެ ކުރީގެ ލަވައަށް ނެށުންތަކާއި އެއްޗެހި ފެނިފައި މުޅި ތަނުން ފޫހި ކަން ފިލައިގެންދިޔަ އެވެ. އެންމެން ތެދުވެ ހަޅޭއްލަވާ ހީ މަޖާކުރި އެވެ. ޒއިސްމާއިލް އެ ފެނުނީ އެތައް އަހަރަކަށް ފަހު އެވެ. އޭނާ ހުރިގޮތް ވެސް ވަރަށް ތަފާތެވެ. ނަމަވެސް މިޒާޖު އެކައްޗެއް ކަމަށް ގިނަ މީހުން ބުނަމުން ދިޔަ އެވެ.

ޓީވީއެމް އިން "ގަޓު" ލިބުން މަޖިލިސް މެންބަރުން!

ޓީވީއެމް ވުޖޫދަށް ގެނެސް އާރާސްތު ކުރުމުގައި އެހީ ތެރިވެ އަދި އަގުހުރި މަސައްކަތްތަކެއް ގިނަ ދުވަސްތަކުގައި ކުރެއްވި ފަރާތްތައް ހަނދާންކުރި އެވެ. އެގޮތުން ޓީވީއެމްގައި ކުރިން މަސައްކަތް ކުރި މީހުން މިހާރުވަނީ ސަރުކާރު ނޫނީ އަމިއްލަ މަސައްކަތުގައި އުޅުއްވައި ތަނެވެ. އެގޮތުން މި ރީޔޫނިއަން އަށް ވަޑައިގަތް ހާއްސަ ތިން ބޭފުޅަކު ވެއެވެ. އެއީ ސިޔާސީ ހަލަބޮލި މިދުވަސް ވަރުގައި ވެސް ކުރިން އެކީ މަސައްކަތް ކޮށް އެ ހަނދާންތައް އާކޮށްލުމަށް ރީޔޫނިއަން އަށް ވަޑައިގެން ބޭފުޅުންނެވެ. އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އެވެ. މި ތިން ބޭފުޅުންވެސް ޓީވީއެމްގައި ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް އާކޮށްދިނެވެ.

އެގޮތުން އިލްހާމް ވިދާޅުވީ ޓީވީއެމްގައި މަސައްކަތް ކޮށްފައިވާ ކޮންމެ މީހެއް ބޮޑު މަގާމެއްގައި ނުވަތަ ބޮޑު ބިޒްނަސްއެއް ހިނގުމަށް ހުންނަނީ ސަބަބަކާއި ހެދި ކަމަށާއި އެއީ ޓީވީއެމް އިން މަސައްކަތް ކުރާ އެންމެނަކީ ވެސް ހިއްވަރުގަދަ ކަންކަމާއި ކުރިމަތިލާން ކެރޭ ބަޔަކަށްވާތީ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ޓީވީއެމްއަކީ ހަމައެކަނި ކެމެރާ ހިފަހައްޓައިފަ ހަބަރު ހަދާބައެއް ކަމަށް. އަޅުގަނޑު ގަބޫލު ކުރަނީ އިންސާނެއް ގައި ޑިސިޕްލިން އުފެއްދުމުގައި އެންމެ ބޮޑު އަސާސަކީ ޓީވީއެމް. ހަމަ ގައުމުވެސް އަޅުގަނޑު އަޅުގަނޑަށްވީ ޓީވީއެމްގެ ސަބަބުން. ކުރިން ނުކެރޭނެ ސިޔާސީ ދާއިރާއަށްވެސް ނިކުންނަން. ހަގީގަތަކީ މިއަދު އެމްޕީއަކަށް މިހުރީ ޓީވީއެމްއާ ހެދި،" އިލްހާމް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އުފާވާ ކަމަށާއި އެހާ ޒަމާނަށް ފަހު މިހާގިނަ ރައްޓެހިންނާއި ދިމާވެދާނެ ކަމަކަށް ހިތަށްވެސް ނާރާ ކަމަށެވެ. އަދި ޓީވީއެމްގައި އެކުވެރިކަމާއި އެކު އެންމެނާއި އެކީ މަސައްކަތް ކުރި އިރު އެ ޗެނަލް އިން ގެނެސްދޭ ޕްރޮގްރާމުތަކުގެ ސަބަބުން ގިނަބައެއްގެ ހަޔާތަށް ބޮޑެތި ބަދަލުތަކެއް ވެސް އައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އެތައް އަހަރެއް ކޮށްފަ މި ފެނުނީ. ވަރަށް ކުރީގެ ބޭފުޅުންނާވެސް ދިމާވެއްޖެ އަދި ވަރަށް ފަހުން ޓީީވީއެމްގައި އުޅުން މީހުނާއިވެސް ދިމާވެއްޖެ. ހަމަ އެމީހުން ފެނުމުން ނަންތައް ވެސް ހަނދާންވި. މިއީ އެއްފުރާޅެއްގެ ދަށުން މިހާގިނަ ހުނަރު އުފެއްދި ހަމައެކަނި ފުރާޅު. ޓީވީއެމްއިން އީޖާދު ކުރާ އިޖްތިމާއީ ނޫނީ ޑްރާމާ އެންޓަޓެއިންމަންޓު ފަދަ ޕްރޮގްރާމު ތަކުންވެސް އަޅުގަނޑުމެންނަށް ނޭނގިވެސް ގިނަ ބަޔަކަށް ހެޔޮ ބަދަލުތަކެއް އާދޭ،" ނަޝީދު ވިދާޅުވި އެވެ.

ރޭ އިބޫ ވިދާޅުވީ އޭނާ ޓީވީއެމްއާ ގުޅުނީ ޓީނޭޖްގައި ކަމަށާއި އެތަނުން އެންމެ ފުރަތަމަ ދަސްވީ ޓްރާންސްމީޓަރެއްގެ ސުވިޗެއް ޖައްސަން ކަމަށެވެ. ދެން ހަބަރު ހަދަން ފަށައި ޕްރޮގްރާމް ހެދުމުގެ މަސައްކަތް ވެސް ކުރެއްވި ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު މި ހުރި މަގާމުގައި މި ކުރަމުން އަންނަ މަސައްކަތުގައި ޓީވީއެމްއިން ލިބުނު ވަރަށް ގިނަ ތަޖުރިބާތަކެއް ބޭނުން ކުރަން ޖެހުނު. އެގޮތުން ދަސްވީ އެންމެ މުހިންމު އެއް ކަމަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުން. އެކަކު މަސައްކަތް ނުކުރިޔަސް ފުރިހަމަ ނަތީޖާ ނުނިކުމޭ. މިއަދު މިކުރާ މަސައްކަތުގައި ވެސް ވަނީ އެހެން،" އުބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ރޭގައި ވެސް ޓީވީއެމްގެ ދޮރު ތަޅު ހަލާކުވުމާއި ގުޅިގެން އޭނާ އުޅުއްވީ އެރޭ ޓީވީއެމްގެ ތެރޭގައި ކަމަށާއި އެގޮތުން ބޭރުގެ ގިނަ ބަޔަކަށް ރާއްޖޭގައި ވަމުންދާ ކަމުގެ މައުލޫމާތު ދޭން ޖެހިވަޑައިގެންނެވި ކަމަށެވެ.

ކޮންމެ އަކަސް ހަނދާނުން ފުރިފައިވާ މި ރީޔޫނިއަން ނިމުނީ ވަޑައިގަތް އެންމެންގެ މޫނުމަތިންވެސް ހިނިތުންވުންތަކާއިއެކުގަ އެވެ. ނަމަވެސް އެލަމްނައި ހަމައެކަނި ރީޔޫނިއަން އަކުން ނިމުނީއެއް ނޫނެވެ. ޓީވީއެމްގެ މުވައްޒިފުން ރާވާފައިވާ ގޮތުގައި ޕީއެސްއެމްއާ ގުޅިގެން އެސޯސިއޭޝަނެއް އުފައްދައި މިހާރު ޓީވީއެމްގައި ކުރާ މަސައްކަތްތަކަށް އެހީ ތެރިވާނެ އެވެ.