މޯލްޑިވިއަން އައިޑޮލް

އެންމެ ފުރަތަމަ ވެސް ދާނީ ޖިމަށް!

މޯލްޑިވިއަން އައިޑޮލްގެ ގަދަ ފަހެއްގައި ހިމެނި، ގަދަ ތިނަކަށް ނުދެވުނު އެއް ބައިވެރިޔަކީ ގދ. ތިނަދޫއަށް އުފަން މުހައްމަދު ޒަލީފެވެ. ޒަލީފަކީ މާލޭގެ އޮޑިޝަންގައި ބައިވެރިވެ އައިޑޮލްގެ ޝޯގައި ދިގު ދަތުރެއްކުރި ބައިވެރިއެކެެވެ.

އެންމެފަހު ވަގުތު ޝޯއާ ވަކިވާން ޖެހުނު ނަމަވެސް ޒަލީފުގެ އުއްމީދު ގެއްލިގެނެއް ނުދެ އެވެ. ކުރިމަގަށްކުރާ އުއްމީދުތައް ވަރަށް އުޖާލާ އެވެ. މި ދާއިރާއިން ވެސް ކުރިއަށް ދިޔުމަށް ހުރީ ތައްޔާރަށެވެ. ޒަލީފުގެ ލަވަތައް ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދިނެވެ. އެކަމަކު ލަވައިގެ ދާއިރާއިން ކުރިއަށް ދިޔުމުގެ ކުރިން ޒަލީފު ބޭނުންވަނީ އެހެން ކަމެއް ކުރުމެވެ. ޖިމަށް ދިޔުމަށެވެ. އޭނާ އެންމެ ލޯބިވާ ތަނަށް އަލުން ދާން ފެށުމެވެ.

މަޝްހޫރީ ފިޓް ގާއީގެ ނަމުން!

ޖިމަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ޒަލީފަށް ދެވިފައިވަނީ ވެސް "ފިޓް ގާއީ"ގެ ނަމެވެ. އައިޑޮލްއިން ޒަލީފު ފެށުނު ދުވަހުން ފެށިގެން ވެސް ޒަލީފަށް ވަނީ މި ނަން ދީފަ އެވެ. ޒަލީފުގެ ޓީމްގެ ނަމަކަށް ވެސް ހަމަ މިކީ "ފިޓް ގާއީ" އެވެ. "ޓީމް ފިޓް ގާއީ" އެވެ.

ލަވައަށް ކުރާ ލޯތްބާ އެއްވަރަށް ޒަލީފަކީ ސިއްހަތަށް ވެސް އެހާމެ ބަލައިގެން އުޅޭ ޒުވާނެކެވެ. އުމުރުން 21 އަހަރުގެ ޒަލީފަކީ އެގޮތުން ނަމޫނާއެއް ކަމަށް ބުނެވިދާނެ އެވެ.

ކުރިން ވެސް މަޝްހޫރު!

އިންޓަ ސްކޫލް ލަވަ މުބާރާތަށް ޒަލީފް ނުކުމެ އެ މުބާރާތް ފަތަހަކޮށް ރާއްޖޭގެ އެހެން ހުރިހައި ދިމާލަކުން އައި ލަވަކިޔުންތެރިންނަށް ގޮންޖަހައި "ސުޕަސްޓަރަކަށް" ބަދަލުވެގަތީ 2003 ވަނަ އަހަރު އެވެ.

އެކަމަކު އޭގެ ކުރިން ވެސް އޭނާ އަކީ ލަވަކިޔުމުގެ އާދަޔާހިލާފު ހުނަރުވެރިކަމެއް ދެއްކި ކުއްޖެކެވެ. ލަވަކިޔުމުގެ މި ހުނަރު އޭނާގެ ކިބައިން ޑިސްކަވާކުރިއިރު ނުވަ އަހަރެވެ. އޭރު ވެސް ލަވައިގެ ދުނިޔޭގައި އެންމެ އަޚުލާގާއި ގަވާއިދު ބޮޑު އަދި ކިޔަން އުނދަގޫ އަޒަލް ލަވަތަކަށް ވެސް އޭނާ ވަރަށް ފަރިތަ އެވެ.

އަތޮޅު ކުދިންގެ ލަވަ މުބާރާތުގައި ޒަލީފް ބައިވާން ފެށި ހިސާބުން އެހެން އަތޮޅުތަކުގެ ސްކޫލްތަކުން ސީދާ ޒަލީފަށް އަމާޒުކޮށްގެން ކުދިންނަށް ތަމްރީން ދޭން ފެށީ ވެސް އެހެންވެގެންނެވެ. އޭނާ އެހެން ހުރިހައި ކުދިންނަށް ވުރެ ވެސް މޮޅުވީމަ އެވެ.

އައިޑޮލްގެ ދަތުރުކުރުކޮށް!

އެންމެންނަށް ފިލައިގެން އޮޑިޝަނަށް ގޮސް އޮޑިޝަން ކާމިޔާބުކޮށް، ދެން އައި ދެ ރައުންޑް ވެސް ޒަލީފު ކާމިޔާބުކުރީ ފަސޭހަކަމާއެކުގަ އެވެ. ޒަލީފުގެ ހުނަރު ގާލާ ރައުންޑް ފެށުނު ހިސާބުން ވެސް އައީ ދައްކަމުންނެވެ. ނުވަ ގާލާ ޝޯގައި ޒަލީފު ލަވަ ހުށަހަޅާދީފައިވާ ކޮންމެ ޝޯއެއްގައި ވެސް ޒަލީފު ބެލީ ތަފާތު ލަވައެއް ހުށަހަޅައިދިނުމަށެވެ. އެކަން އޭނާ ވަނީ ކާމިޔާބު ވެސް ކޮށްފަ އެވެ. އެންމެ ތަފާތު ލަވަތަކެއް ހުށަހަޅައިދިން ބައިވެރިޔަކަށް ޒަލީފު ވާނެ އެވެ.

ޖަޖުންގެ ފަރާތުން ވެސް ގިނަ ފަހަރަށް ޒަލީފަށް ލިބިފައިހުރީ ރަނގަޅު ކޮމެޓްތަކެވެ. ޒަލީފު ކުރިއަރަމުން އަންނަކަން ޖަޖުން އަބަދުވެސް ފާހަގަކުރެ އެވެ. ޒަލީފުގެ އެންމެ ފާހަގަކޮށްލެވޭ ހުށަހަޅައިދިނުމަށް އެނަމާ ބޯޓު ހާދިސާގެ ހަނދާނުގައި ހުށަހަޅައިދިން ލަަވަ ވާނެ އެވެ.


ފައިނަލާ މިހާ ގާތްވެފައިވާ ޝޯއަށް އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް ޒަލީފުގެ ހާސް ކަމެއް ނެތެވެ. ޒަލީފު ބުނީ މިހާ ހިސާބަށް އައުމަކީ ވެސް ބޮޑު ކާމިޔާބެއް ކަމަށާއި، މި ހިސާބަށް އާދެވޭނެ ކަމަށް ކުރިން ގަބޫލުނުކުރެވޭ ކަމަށެވެ.

ޝުކުރުގެ ލިސްޓް!

ޒަލީފު ބުނި ގޮތުގައި، އޭނާ މިހާ ހިސާބަށް ގެނެސްދިނީ ސަޕޯޓަރުންނެވެ. އޭނާގެ ޓީމުގެ ބުރަ މަސައްކަތުންނެވެ. ޒަލީފު ވަނީ އޭނާއަށް ވޯޓު ދިން ހުރި ފަރާތްތަކަކަށް ޝުކުރުއަދާކޮށްފަ އެވެ. ހާއްސަކޮށް މާލެ އާއި އައްޑޫ ސިޓީގެ ސަޕޯޓަރުންނަށެވެ. ވަކިން ހާއްސަކޮށް ޒަލީފު ނިސްބަތްވާ ހުވަދު އަތޮޅު ރައްޔިތުންނަށެވެ.

އެ ނޫން ވެސް ޒަލީފަށް އެކި ގޮތްގޮތުން އެހީތެރިވެ، ސަޕޯޓްދިން އެންމެންނަށް އޭނާ ޝުކުރުއަދާކުރި އެވެ.