މޯލްޑިވިއަން އައިޑޮލް

ކެޓީމަ ދެރަވޭ! އެކަމަކުވެސް މީ ކާމިޔާބީއެއް!

ފައިނަލަށް ދިޔުމަށް ލިބުނު ފުރުސަތު ގެއްލުނު ދެ ބައިވެރިންގެ އެއް ބައިވެރިއަކީ އެފަދަ ދެވަނައެއް ނެތް އަޑުގެވެރިޔާ އަބްދުﷲ ފާލިހެވެ. ދިރިއުޅުމުގައި ހިތާމަވެރި އެތައް ކަމެއް ތަޖުރިބާކުރަން ޖެހުނު ފާލިހަށް އެންމެފަހު ވަގުތު ޝޯއިން ވަކިވާން ޖެހުންވީ އޭނާއަށް އެކަމަކު ހިތާމަކުރުވި ކަމެކެވެ.

ޝޯއިން ވަކިވާން ޖެހުމުން ދެރަވި ނަމަވެސް ޝޯއިން ލިބުނު މަގުބޫލުކަމާއި ދަސްވި އެއްޗެހީގެ ސަބަބުން ފާލިހު ހުރީ ވަރަށް ވެސް އުފަލުންމެ އެވެ.

"މި ހިސާބަށް އައިސް ކެޓީމަ އަސްލު ދެރަވޭ، މިސްކްޑް އިމޯޝަންސްތަކެއް، އުފާވެސްވޭ ވަރަށް ބައިވަރު ކުދިންތަކަކާ ވާދަކޮށް މި ހިސާބަށް އާދެވުނީމަ، އޮޑިޝަނުން މި ހިސާބަށް ފާލިހު ކުރި މަސައްކަތާއި ހުރިހާ އެއްޗަކަށް ބަލައިފިނަމަ ވަރަށް އުފާވޭ، ވަރަށް ދުރަށް އާދެވިފައި މިހުރީ އެތައް ބަޔަކާ ވާދަކޮށް، ހިއެއްވެސް ނުކުރަން މި ހިސާބަށް އާދެވިދާނެ ކަމަކަށް،" ފާލިހު ބުންޏެވެ.

ފާލިހު ބުނީ މިހާ ހިސާބަށް އަންނާނެ ކަމަށް އޭނާ ދުވަހުކުވެސް އުއްމީދު ނުކުރާ ކަމަށެވެ. ކޮންމެ ހަފުތާއަކު ވެސް ހުންނަނީ ކަޓައިގެންދާނެ ކަމަށް ރެޑީގަ ކަމަށެވެ. މިހާ ހިސާބަށް އާދެވުމަކީ ހައިރާންވި، ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކުރިން ވެސް ފެނުނު، ދެން ވެސް ފެންނާނެ!

މޯލްޑިވިއަން އައިޑޮލަށް އައުމުގެ ކުރިން ވެސް ފާލިހަކީ ލަވަ ކިޔާ އުޅުނު މީހެކެވެ. ވެޑިން ފަދަ ހަފުލާތަކުގައި މީގެކުރިން ވެސް ލަވަ ކިޔާ ފާލިހު ހެދި އެވެ. އެއީ އޭނާގެ ޕެޝަނެވެ. އޭނާގެ ލައިފްސަޓައިލެވެ. އޭރު މީހަކަށް ފާލިހު ފާހަގަވެފައިނުވީ ނަމަވެސް މިހާރު އޭނާ ނުދަންނަ މީހަކު މަދެވެ. އެ އަޑުގެ ޖާދޫގައި ނުޖެހޭ މީހަކު ވެސް މަދެވެ.

ޝޯއިން ވަކިވާން ޖެހުނު ނަމަވެސް ފާލިހުގެ އަޑު ބެލުންތެރިންނަށް ކެނޑިގެން ނުދާނެ ކަމަށް އޭނާ ބުނެ އެވެ. ކުރިއަށް އޮތްތާ ލަވަތަކާއެކު ބެލުންތެރިންނާ ބައްދަލުކުރާނެ ކަމަށް ބުންޏެވެ.

"އަދިވެސް ހަމަ ކުރިއަށް ދާނަން، މިއީ ދާން ބޭނުންވާ ދާއިރާއަކީ، މީގެން ކުރިއަށް ދާނަން، އައިޑޮލްގައި ބައިވެރިވީ ވެސް އެ ސަބަބަށްޓަކައި،" ފާލިހު ބުންޏެވެ.

ފާލިހު ބުނީ، އޭނާގެ ލަވަ އަލްބަމެއް ފެނުމަކީ ވެސް ގާތް ކަމެއް ކަމަށާއި، ރީތި ލަވަތަކެއް ކިޔާ މޮޅު ފަންނާނަކަށް ވާން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑު ބޭނުން މިތާ [މޯލްޑިވިއަން އައިޑޮލްގެ ސްޓޭޖް] އަލީ ރަމީޒާއި އެހެން މީހުންގެ ލަވަތައް ކިޔާ ފަދައިން އަޅުގަނޑުގެ ލަވަތައް ވެސް ކިޔަން، ތިރިއަށް އަރާ ބާގައި އާޓިސްޓެއްގެ ނަމުގެ ގޮތުގައި ފާލިހުގެ ނަން އޮންނަން، އެއީ ކަންނޭނގެ ކޮންމެ އާޓިސްޓެއްގެ ވެސް އަމާޒަކަށް ވާނީ، އެހެން މީހަކު އަރާ އެމީހެއްގެ ލަވަ ބޮޑު ޕްލެޓްފޯމެއްގައި ކިޔާލަން،" ފާލިހު ބުންޏެވެ.

މުޅި ދިރިއުޅުން ބަދަލުވެއްޖެ!

ފާލިހަކީ ވަރަށް ސަކަރާތް ޖަހާ، ހެލިފެލިވެ މަގުމަތިން އާންމު ގޮތެއްގައި ފެނި އުޅުނު މީހެކެވެ. ނަމަވެސް އެގޮތަށް ދެން އުޅެވިދާނެ ކަމަށް ފާލިހު ގަބޫލެއް ނުކުރެ އެވެ. ފާލިހު ބުނީ، މޯލްޑިވިއަން އައިޑޮލުން ވަރަށް ގިނަ އެއްޗެހި ދަސްވި ކަމަށާއި އެގޮތުން އަހުލާގަކީ ދަސްވި ވަރަށް މުހިންމު ވަރަށް އެއްޗެއް ކަަމަށެވެ.

"ގަބޫލުކުރަން ބޭނުންވި ނަމަވެސް ނުވަތަ ނުވި ނަމަވެސް ޑިސިޕްލިން ވެއްޖެ، ޝޯއިން ވަރަށް ގިނަ އެއްޗެހި ދަސްކޮށްދީފި،" ފާލިހު ބުންޏެވެ.

ޝުކުރުގެ ލިސްޓް ވަރަށް ދިގު!

ފާލިހަށް މޯލްޑިވިއަން އައިޑޮލް ކާމިޔާބު ނުކުރެވުނު ނަމަވެސް މީހުންގެ ހިތްތައް ވަނީ އަތުލާފަ އެވެ. އަހުލާގު ރަނގަޅު، މީހުންނާ ގުޅޭ މީހެއްގެ ގޮތުގައި ފާލިހު ވަނީ ލޭބަލްކުރެވިފަ އެވެ. މިހާ ބޮޑު ކާމިޔާބީއެއް ފާލިހަށް ލިބުނުއިރު އޭނާ ޝުކުރު އަދާކުރަން ބޭނުންވާ މީހުންގެ ލިސްޓު ވެސް އެހާ ދިގެވެ.

އެންމެ ފުރަތަަމަ ފެށީ ސަޕޯޓަރުންގެ ނަމުންނެވެ. އެންމެ ހާއްސަ ޝުކުރެއް ޓީމް ފާލިހަށެވެ. އެއަށްފަހު ފާލިހުގެ ޝުކުރު ހާއްސަކޮށްލީ މެންޓޯ ތޭރައަށެވެ. ފާލިހު ބުނީ އެވަރުގެ މެންޓޯއެއް ނުލިބޭނެ ކަމަށެވެ. އެއާ ވެސް ކިޔައިދެ އެވެ. އެހާވެސް އެއްބާރުލުން ފާލިހަށް ދިނެވެ.

ދެން ޕީއެސްއެމާއި މޯލްޑިވިއަން އައިޑޮލްގެ މުޅި ޓީމަށް އަދި ޕީއެސްއެމްގެ ޑެޕިއުޓީ އެމްޑީ އައިމިނަތު ޝާޔަން އަށް ހާއްސަ ޝުކުރެއް ފާލިހު އަދާކުރި އެވެ. އަދިވެސް ލިސްޓު ނިމުނީއެއް ނޫނެވެ. ހަމަ އޮތީ އެވެ.

"އައިޑޮލްގެ މުޅި ޓީމް، އަޒޫ މުޖޫ، މުއާވިޔަތު، އަޅުގަނޑު ބަލަން ހުންނަ އައިންތު، ބައެއް ފަހަރަށް ވަރަށް ރުޅި ވެސް އާދެ އެކަމަކު ވެސް ތެންކިއު، ކެމެރާ ކްރޫ ވަރަށް ފްރެންޑްލީ، ޓީވީއެމް ކްރޫ ވަރަށް ފްރެންޑްލީ، ވަރަށް ބޮޑަށް ޝުކުރިއްޔާ، އެހީވެދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑު ފުރަތަމަ އޮޑިޝަނަށް ރެޑީކޮށްދިން އެންމެންނަށް، އޮޑިޝަނަށްފަހުން އައި ރައުންޑްތަކަށް ވެސް ތައްުޔާރުކޮށްދިން އެންމެންނަށް، ބޭރަށްދާއިރު ގެއަށްދާއިރު މޯރަލް ސަޕޯޓްދޭން ތިބޭ މީހުންނަށް ވަރަށް ހާއްސަ ޝުކުރެއް،" ފާލިހު ބުންޏެވެ.