ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއިން "ގިފްޓް ކާޑް" ތައާރަފްކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން "ގިފްޓް ކާޑް"ގެ ނަމުގައި ހާއްސަ ކާޑެއް ރޭ ތައާރަފްކޮށްފި އެވެ. މި ކާޑް ތައާރަފްކޮށްފައިވަނީ މޯލްޑިވިއަން އައިޑޮލްގެ ޝޯގެ ތެރޭގަ އެވެ.

ރޭގެ އައިޑޮލް ޝޯގައި މި ކާޑް ތައާރަފްކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ އެވެ. ބީއެމްއެލްއިން ވަނީ އަލަށް ތައާރަފްކުރި ގިފްޓް ކާޑު ޝޯގެ ގަދަ ފަސް ބައިވެރިންނަށް ހަދިޔާ ވެސް ކޮށްފަ އެެވެ. އެ ކާޑުގައި ބައިވެރިންގެ ފޮޓޯ ވެސް ވަނީ ޖަހާފަ އެވެ. ގަދަ ފަސް ބައިވެރިންނަށް ހަދިޔާކޮށްފައިވަނީ ކޮންމެ ބައިވެރިޔަކަށް 10،000 ރުފިޔާގެ ކާޑެކެވެ.

މި ކާޑާ ގުޅޭގޮތުން ޓީވީއެމްގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ މެނޭޖަރު އެންޑް ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ، އަލަށް ތައާރަފްކުރި ކާޑަކީ ހަފުލާތަކުގައި ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ހާއްސަ ކާޑެއް ކަމަށެވެ. މި ކާޑު ބޭނުންކުރުމަށް އެއްވެސް ޕިނެއް ޖަހަން ނުޖެހޭއިރު، ކާޑު ތިން ބުކްޝޮޕަކުން ލިބެން ހުންނާނެ އެވެ. އެއީ އެސްޓާސް، ރައުންޑްވަން އަދި ނޮވެލްޓީ އެވެ. މީގެއިތުރުން ބީއެމްއެލް ލައިޓުން ވެސް ލިބޭނެ އެވެ. ކާޑު ގަތުމުން ކާޑް އެކްޓިވޭޓް ކޮށްދޭނެ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ގިފްޓް ކާޑުގެ ފަސް ރޭންޖެއް ތައާރަފްކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި 500، 700 އަދި 1،000 ރުފިޔާ ހިމެނޭނެ ކަމަށެވެ. މި ކާޑް ޕީއޯއެސްތަކުން ބޭނުންކުރެވޭނެއިރު، ކޮންމެ އެއްޗެއް ގަތުމަށް ވެސް ކާޑުގެ ބޭނުން ހިފޭނެ އެވެ. އެގޮތުން ބިލުތައް ދައްކާލުމަށް ވެސް މި ކާޑު ބޭނުންކުރެވޭނެ އެވެ. ނަމަވެސް ކާޑު ބޭނުންކޮށްގެން އޭޓީއެމްއިން ފައިސާއެއް ނުނެގޭނެ އެވެ. ކާޑުން ފައިސާ ހުސްވަންދެން ކާޑު ބޭނުންކުރެވޭނެ އެވެ.