ސިއްހަތު

ހެނދުނު ސައި ނުބޮންޏާ ވާނީ މިހެން!

ސައެއް ނުބޮވޭނެ އެވެ. ގަޑި ޖެހެނީ އެ އެވެ. ވަރަށް ލަސްވެ އެވެ. އޮފީހަށް ގޮއްސަ ސައިބޯނީ އެވެ. މިއީ ކޮންމެ ދުވަހަކު ހެނދުނު އޮފީހަށްދާން ގެއިން ނުކުންނަމުން އަންނާނެ ޑައިލޮގްކޮޅެކެވެ. އެކަމަކު އެކަމަށް އަމަލީ ސިފައެއް އަންނަ ދުވަހެއް އިނގިލިން ގުނޭހާ މަދުވާނެ އެވެ. ކިތައް މީހުން މިދޮގު ހަދާނ ހެއްޔެވެ؟

އެނގެ އެވެ. އެހެން ބުނަނީ ދޮގު ހެދުމުގެ ނިޔަތުގައެއް ނޫނެއެވެ. އެކަމަކު އޮފީހަށް ވަނުމާއެކު ދުވަހުގެ މަސައްކަތްތަކާއި ޝެޑިއުލް އައިސް ހަފަރާތުން މީހާ ފިއްތާލަނީ އެވެ. ކިތަންމެ ބަނޑުހައިވެފަ ހުއްޓަސް އެކަން ހަނދާނުން ފޮހެވިގެން ދަނީ އެއްވެސް ވަރަކަށް އެކަމުގެ އިހުސާސް ނުވާ މިންވަރަކަށެވެ.

މިއީ ސިއްހަތަށް އިންތިހާއަށް ގެއްލުން ލިބޭ ކަމެއްކަން އެންމެނަށްވެސް އެނގެ އެވެ. މިކަމާބެހޭ ހާއްސަ ދިރާސާއެއް ދާދި ފަހުން އެމެރިކާއިން މިވަނީ ކޮށްފަ އެވެ. އެމެރިކަން ހާޓް އެސޯސިއޭޝަން ޖާނަލް ސާކިއުލޭޝަނުން ހެދި މިދިރާސާއިން ދެއްކި ނަތީޖާއަކީ އެކަމާ ދޭތެރޭ ތިއިން ކޮންމެ މީހަކުވެސް ވިސްނާލުން މުހިންމު ނަތީޖާ އެކެވެ. ހާއްސަކޮށް މެދު އުމުރުގެ މީހުންނެވެ. އޭގައި ބުނަނީ ހެނދުނު ރަނގަޅަށް ސައި ނުބޯ މެދުއުމުރުގެ މީހުންނަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އިންތިހާއަށް ބޮޑު ކަމަށެވެ. ނުވަތަ ހިތުގެ ކޮންމެސް ނުރައްކާތެރި ބައެއް ޝިކާރައަކަށްވެ މަރުވާ ކަމަށެވެ.

ހަމައެކަނި މެދު އުމުރުގެ މީހުންނެއް ނޫނެވެ. މިއީ ޒުވާނުންނާއި ކުޑަކުދިންނަށް ނަފްސާނީ މައްސަލަތަކެއް ޖެހުމަށް މެދުވެރިވާ ކަމަކަށްވެ އެވެ.

މިކަމާއި ބެހޭގޮތުން ޑައިޓީޝަން ޑރ. ލީސާ މޮސޮކޮވިޒް ވިދާޅުވަނީ ހެނދުނުގެ ނާސްތާއަކީ ހިތުގެ ދުޅަހެޔޮކަން ރަނގަޅުކުރަން އެންމެ ބޮޑު އެހީތެރިކަމެއްދޭ އެއް ވަގުތު ކަމަށެވެ. އަދި މި ނާސްތާއަށް ހޯލް ގްރެއިން ސީރިއަލް އާ އޯޓްސް ބޭނުން ކުރާނަމަ ބްލަޑް ޕްރެޝަރު އަދި ކޮލެސްޓްރޯލް ދަށްކޮށްދޭނެ ކަމަށެވެ. ހެނދުނު ސައި ނުބޯނަމަ ލިބޭ ގެއްލުންތަކަކީ ހަމައެކަނި މިއެއް ނޫނެވެ.

ފަލަވޭ!

އަބަދުވެސް ތިދައްކަނީ ފަލަވާ ވާހަކަ އެވެ. ހެސްކިޔާފަ ގިނައިން ނުކެޔަސް ހަމަ ފަލަވަނީ ދޯ އެވެ. ވިސްލާނާށެވެ. ހެނދުނު ސައި ނުބޮން ދޯ އެވެ. ތި ފަލަވަނީ އެހެންވެ އެވެ. 2003 ވަނަ އަހަރު ޖާނަލް އޮފް އެޕިޑިމިއޮލޮޖީން ކުރި ދިރާސާއެއް ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ސައި ބުއިމަކީ ދުވަހުގެ އެހެން ވަގުތުތަކުގައި ގިނައިން ކެއުމުން ދުރުކޮށްދޭ ކަމެކެވެ. އަދި ހަށިގަނޑުގައި އިންސިއުލިން އާއި ހޯމޯންގެ ކޮންސެންޓްރޭޝަން ދަށްކޮށްދޭ ކަމަށެވެ. އަދި މި ހޯމޯންތަކަކީ ފެޓް ސެލްތައް ފެޓީ އެސިޑްތަކާއި ގުޅި ހަށިގަނޑުގައި ސްޓޯ ކޮށްލާ ހޯމޯންތަކެއް ކަމަށްވެ އެވެ.

ހަމައެކަނި ފަލައެއް ނޫނެވެ. މިއީ ޓައިޕް ޓޫ ޑައިބެޓިސް ޖެހުމަށްވެސް މަގުފަހިކޮށްލާ ކަމެކެވެ. ހާއްސަކޮށް އަންހެނުންނެވެ. އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަނުން އާންމުކޮށްފައިވާ ދިރާސާއިން ދައްކާގޮތުގައި އަންހެނުންގެ ތެރެއިން ކޮންމެ ދުވަހަކު ސައި ނުބޯ މީހުންނަށް ޓައިޕް ޓޫ ޑައިބެޓިސް ޖެހުމުގެ ފުރުސަތު އެތައް ގުނައެއް އިތުރެވެ. މި ދިރާސާ އަކީ ހަ އަހަރު ވަންދެން ކޮށްފައިވާ ދިރާސާއެކެވެ.

އަވަހަށް ހަނދާންވެސް ނެތޭ!

މިއީ ވަރަށް އާންމު މައްސަލައެކެވެ. ކަންކަން މާ އަވަހަށް ހަނދާން ނެތެނީ އެވެ. ހެނދުނު ރަނގަޅަށް ސައި ނުބުއިމަކީ އަވަހަށް ހަނދާން ނެތެން މެދުވެރިވާ ސަބަބެކެވެ. 2005 ވަނަ އަހަރު ޖާނަލް ސައިކޮލިޖީ އެންޑް ބިހޭވިއާ ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނަނީ ހެނދުނު އޯޓް މީލް ފަދަ ކާނާ އެކު ހެނދުނު ނާސްތާ ނުދޭ ކުދިން އެއްޗެއްހި ހަނދާން ކުރުމުގައި އުނދަގޫތަކާއި ކުރިމަތިލާ ކަމަށެވެ. އަދި އެކުދިން އަވަހަށް ހަނދާން ނެތޭ ކަމަށެވެ.

.

އަދި މިއީ މީހާގެ މޫޑު ބަދަލުކޮށްލާ ކަމަކަށްވެސް ވަނީ ވެފަ އެވެ. ހެނދުނުގެ ސަޔާއި ނުލާ ދުވަސް ފަށައިފިނަމަ އެދުވަހަކީ އެމީހަކަށް އެންމެ ރަނގަޅު ދުވަހަކަށް ގިނަފަހަރަށް ނުވެ އެވެ. ހަމައެކަނި ސައި ބުޔަކަށް ނުވާނެ އެވެ. ސަޔަށް ބޭނުންކުރަންވާނީ ހަށިގަނޑަށް ފައިދާހުރި އެއްޗެއްސެވެ. އެގޮތުން ސެޗުރޭޓެޑް ފެޓް ހިމެނޭ ކާނާ، މިސާލަކަށް ބިހުގެ ހުދުބައި، ތަރުކާރީ އޮމްލެޓެއް އަދި އެވޮކާޑޯވެސް ބޭނުންކުރެވިދާނެ އެވެ. އަދި ފައިބާ ހިމެނޭ ކާނާ ބޭނުންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އުފާވެރި ގޮތަކަށް ދުވަސް ފަށަން ބޭނުން ނަމަ ހެނދުނުގެ ސަޔަށްވުރެ މުހިންމު އަދި ބޭނުންތެރި އެއްޗެއް ނެތެވެ.