މިއުޒިކް

އޭބީޔޫ ރޭޑިއޯ ފެސްޓިވަލްގައި ބަތޫލް ޕާފޯމްކުރާނީ "އުނިކަމެއް"

އޭބީޔޫ ނުވަތަ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަންގެ ރޭޑިއޯ ސޯންގް ފެސްޓިވަލްގައި ޕާފޯމްކުރުމަށް ރާއްޖޭގެ ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް ތައްޔާރުވަމުން އަންނައިރު، ޗައިނާގެ ބެއިޖިންގައި ބާއްވާ މި ފެސްޓިވަލްގައި އޭނާ ޕާފޯމްކުރާނީ އަމިއްލަ ރާގެއް ކަމުގައިވާ "އުނިކަމެއް" އެވެ.

މި ލަވަ އަކީ، އޯޓިޒަމް އަށް އާންމުން ހޭލުންތެރިކުރުމަށް ލިޔެފައިވާ ލަވައެއް ކަމަށް ބަތޫލް ބުނެފައިވެ އެވެ. އޭބީޔޫ ސޯންގް ފެސްޓިވަލް ބެއިޖިންގައި ކުރިއަށްދާނީ މި މަހުގެ 26 ވަނަ ދުވަހުން 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

އޭބީޔޫ ރޭޑިއޯ ސޯންގް ފެސްޓިވަލް އަކީ އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން އިން ކުރިއަށް ގެންދާ އަހަރީ ފެސްޓިވަލެކެވެ. މިއީ އޭގެ ހަތަރު ވަނަ އެޑިޝަނެވެ. މި ފެސްޓިވަލްގައި ނުވަ ގައުމަކުން މި އަހަރު 12 ލަވައެއް ހުށަހަޅައިދޭނެ އެވެ.

މިދިޔަ އަހަރު މިއަންމާގައި ބޭއްވި އެޑިޝަނުގައި ވެސް ރާއްޖޭގެ ލަވަކިޔުންތެރިޔަކު ބައިވެރިވެފައިވެ އެވެ. އެއީ މޫސާ މައުސޫފް އެވެ.

ރާއްޖޭގެ ލަވަކިޔުންތެރިން މީގެ ކުރިން އޭބީޔޫ ޓީވީ ސޯންގް ފެސްޓިވަލްގައި ވެސް ލަވަތަކެއް ހުށަހަޅައިދީފައިވެ އެވެ. އެގޮތުން މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާ މިދިޔަ އަހަރުގެ ފެސްޓިވަލްގައި ޕާފޯމްކުރިއިރު އޭގެ ކުރީ އަހަރު ޕާފާމްކުރީ މޫޝާން އެވެ.