ދިވެހި ސިނަމާ

"ވަފާތެރި ކެހިވެރިޔާ" ގާތްގަނޑަކަށް ނިމިއްޖެ: ސީޒަން

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު "ދެކެދެކެވެސް" ޕްރޮޑަކްޝަނުން ހަދާ "ވަފާތެރި ކެހިވެރިޔާ" ގެ މަސައްކަތުގެ 98 ޕަސަންޓު މިހާރު ނިމިފައިވާ ކަމަށް ފިލްމުގެ ޑައިރެކްޓަރު އަލީ ސީޒަން ބުނެފި އެވެ.

ފިލްމުގެ މުހިންމު ބައެއް ސްޕޮންސަރުންނާއެކު ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ސީޒަން ބުނީ މި ފިލްމުގެ މަސައްކަތްތައް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި މިމަހުގެ 27 އިން ފެށިގެން އޮލިމްޕަހުން ޓިކެޓް ލިބެން ހުންނާނެ ކަމަށެވެ. މި ފިލްމު އަޅުވަން ހަމަޖެހިފައިވަނީ އަންނަ މަހު 10 އެއްގަ އެވެ.

ތަފާތު ގޮތަކަށް ލޯބި ގެނެސްދޭ މި ފިލްމުގެ ޕްރިމިއަ ޝޯގައި ޓިކެޓެއް 200ރ. އަށް އުޅޭއިރު އެހެން ޝޯތަކުގައި ޓިކެޓެއް ވިއްކަނީ 100ރ. އަށެވެ. އަދި އެރޭ އަތޮޅުތަކުގައި ވެސް ފިލްމުއަޅުވަ އެވެ.

ސީޒަން ބުނީ ޕްރިމިއާ ޝޯގައި ޓިކެޓް އަގު ބޮޑީ ހާއްސަ ރަސްމިއްޔާތަކާއެކު ކުލަގަދަ އެތައް ހަރަކާތްތަކެއް އެރޭ އޮންނާތީ ކަމަށެވެ. އެގޮތުން ޓީވީއެމުން މިހާރު ކުރިއަށް ގެންދާ ފްރެންޗައިޒް ޝޯ މޯލްޑިވިއަން އައިޑޮލްގެ ޓޮޕް ފައިވް ގައި ހިމެނޭ ބައިވެރިން އެރޭ ޕާފޯމް ކުރާއިރު ޝޯއަށްދާ ކޮންމެ ފަރާތަކަށް 40ރ. އިންޓަވަލް ޕެކެއްގެ އިތުރުން ބްރަދަހޫޑް އިން ދޭ ގިފްޓް ޕެކެއް ލިބޭނެ ކަމަށް ސީޒަން ބުންޏެވެ.

މީގެއިތުރުން ވަފާތެރި ކެހިވެރިޔާގެ ޝޯތައް ކުރިއަށްދާއިރު ހާއްސަ ލަކީޑްރޯއެއް ކުރިއަށް ގެންދާނެ ކަމަށާއި ފަހު ޝޯ ނިންމާލުމަށްފަހު ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް އެކްސްޕޯޓް މޮޓޯސް އިން ހަދިޔާ ކޮށްފައިވާ ބެޓެރި ސައިކަލެއް ލިބޭނެ ކަމަށް ފިލްމުގެ ޕްރޮޑިއުސާ އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ) ވިދާޅުވި އެވެ.

ވަފާތެރި ކެހިވެރިޔާ ޕްރޮމޯޓް ކުރުމުގެ ގޮތުން މިމަހުގެ 26 ވަނަ ދުވަހުގެރޭ "ވަފާތެރި ކެހިވެރިޔާ ނައިޓު" ނަމުގައި ހާއްސަ ޝޯއެއް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ. އެރޭގެ ޝޯގައި މޯލްޑިވިއަން އައިޑޮލްގެ ޓޮޕް 10 ގެ ބައިވެރިންގެ ތެރެއިން ބައިވެރިންތަކެއް ޕާފޯމް ކުރާނެ ކަމަށް ވެސް މުހައްމާ ވިދާޅުވި އެވެ.

"ވަފާތެރިކެހިވެރިޔާ" އަކީ ބިންމާ އިބްރާހިމް ވަހީދުގެ "ވަންހަނާ" ވާހަކައިގެ މައްޗަށް ހަދާ ތަފާތު ލޯބީގެ ފިލްމެކެވެ. ފިލްމުން ސީޒަންގެ އިތުރުން މަލީހާ ވަހީދު (މަލް) އާއި އަހުމަދު އަޒްމީލް (އަޒޭ) އަދި ޒީނަތު އައްބާސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.

ފިލްމްގައި ހަތަރު ލަވައެއް ހިމެނެ އެވެ. ތީމް ލަވަ ނޫން އެހެން ލަވަތަކުގެ މިޔުޒިކް ކުޑަ އިއްބެ ހަދާފައިވާއިރު ކުޑަ އިއްބެގެ އަޑުން ލަވައެއް ވެސް އިވިގެންދާނެ އެވެ. ކުޑަ އިއްބެގެ އިތުރުން މުހައްމަދު އަބްދުލް ގަނީ އާއި އަޝްފާ އަދި ލަހުފާގެ އަޑު ވެސް މި ފިލްމްގެ ލަވަތަކުން އިވިގެންދާނެ އެވެ. ތީމް ލަވައިގެ މިޔުޒިކް ހަދާފައިވަނީ އަހުމަދު ނިފާރް (ތިއްތި) އެވެ. ބެކް މިޔުޒިކް ވެސް ހެދީ ތިއްތި އެވެ. ކެމެރާ ކުރަނީ ކަނޑި އެވެ.'

ފިލްމުގެ ސްޕޮންސަރުންގެ ގޮތުގައި މިރޭ ސޮއިކޮށްފައިވަނީ މޯލްޑިވްސް ގޭސް، އެކްސްޕޯޓް މޮޓޯސް، ބްރަދަހޫޑް އިންވެސްޓްމެންޓްސް، މެރީޑިއަން ސާވިސް އެވެ. މީޑިއާ ޕާޓްނަރުންގެ ގޮތުގައި ވަގުތުއެމްވީ އަދި ސަންގު ޓީވީ އެވެ. މި ފިލްމުގެ އިތުރު ސްޕޮންސްރުންގެ ތެރޭގައި ފުޑް ބޭންކް އަދި ރޮމްބަސް ހިމެނެ އެވެ.