ފެޝަން

ގާޒާގެ ފެޝަން ޝޯ: އިޒްރޭލަށް ދިން ޖަވާބެއް!

ފަލަސްތީނުގެ ގާޒާގައި ވަރަށް ތަފާތު ފެޝަން ޝޯއެއް ބާއްވައިފި އެވެ. މި ފެންޝަން ޝޯ އިންތިޒާމްކޮށްފައިވަނީ އައިދާ އަބޫ ސީތާ ކިޔާ ފަލަސްތީނުގެ އަންހެނެކެވެ. ޝޯގައި ދައްކާލީ އޭނާ ޑިޒައިންކޮށް ފަހާފައި ހުރި ހެދުންތަކެވެ.

އައިދާއަށް ފެންޝަން ޝޯއަކާ ހަމައަށް އާދެވިފައި ވަނީ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ގާތްގަނޑަށް ވިއްސަކަށް އަހަރަށްފަހު އެވެ. އޭނާ ވަނީ ރެފިއުޖީން ކޭމްޕްތަކުން އެކިއެކި ސާމާނު ހޮވާ އެއްކޮށްފަ އެވެ. ހެދުންތައް ޑިޒައިންކުރީ އެ އެއްޗެހި ބޭނުންކޮށްގެންނެވެ. ހެދުންތައް ޑިޒައިން ކޮށްފައި ވަނީ ވެސް ފަލަސްތީނުގެ ތަރިކަ ފެންނަ ގޮތަށް އެ ގައުމުގެ ސަގާފަތާއި ތާރީހު ސިފަވާ ގޮތަށެވެ.

މި ޝޯގައި ބައިވެރި މޮޑެލެ އެއް ބުނެފައިވާ ގޮތުގައި ޝޯ ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ އިޒްރޭލުން ފަނާކޮށް ނެތިކޮށްލަމުންދާ ފަލަސްތީނުގެ ތަރިކަ ދިރިވުމެވެ. ފަލަސްތީނުގެ ތަރިކަ ނެތިކޮށްލުމަކީ އިޒްރޭލުގެ އަމާޒަކަށްވާއިރު މި ފެންޝަން ޝޯ ބޭއްވި އެއް މަގުސަދަކީ އެކަން ކާމިޔާބު ނުވާނެކަން ދެއްކުމަށެވެ.

އައިދާ ބުނެފައިވާ ގޮތުގައި އޭނާގެ ހެދުންތަކަށް ގާޒާގައި ދަނީ ތަރުހީބު ލިބެމުންނެވެ. ކުޑަ ކުދިންނާއި ބޮޑެތި މީހުން ވެސް އެ ހެދުންތައް ގަތުމަށް ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.