ސިއްހަތު

ވަހެއް ހުއްޓަސް ހަން ރީތި ކުރަން އޮތް ހައްލަކީ ކާށިތެޔޮ!

ކާށި ތެލޭ ބުންޏަސް ގިނަ މީހުން ހޮޑުލަވާނެ އެވެ. މޭ ނުބައިކުރާނެ އެވެ. އެއީ އެހާވެސް ގިނަ މީހުންގެ ނަފްރަތު ލިބިފައިވާ އެއްޗެކެވެ. އެކަމަކު މިއީ ހަންގަނޑަށް ފައިދާހުރި މޮޅު ފަރުވާއެކެވެ. އެކަން ނުދަންނަ މީހަކުވެސް މަދެވެ. މޮޅަސް އަދި ކިތަންމެ ފަސޭހައިން ލިބުނަސް އޭގައި ދުވާ ވަހަކުން ކައިރިވާން ބޭނުންނުވަނީ އެވެ.

މޫނު ނުވަތަ ހަންގަނޑުގައި ނަގާ ބިހިތަކާއި ހަންގަނޑު ދޮން ކުރަން ތި އުނގުޅާ ބޭސްތަކާއި ކްރީމްތަކަކީ ކާށިތެލުގެ ކައިރީގައި ހަމަ އެއްވެސް އެއްޗެއް ނޫން ކަމަށް ކަމާބެހޭ މާހިރުން ވިދާޅުވެ އެވެ. ކާށި ތެލަކީ ސެޗުރޭޓެޑް ފެޓުން މުއްސަނދިވެފައިވާ ތެލެކެވެ. މިއީ ހަންގަނޑު އޮމާންކޮށްލަން ވެސް އެވަރެއް ނެތް ފަރުވާއެކެވެ.

މޫނާއި ހަމުގެ ބިހިތައް

ކުރިން ބުނިހެން މިއީ ހަށިގަނޑުގެ އެތައް މިތާ ތި ނަގާ ބިއްސަށް ވެސް އޮތް އެންމެ އެދެވޭ ހައްލެވެ. ކެމިކަލްތަކާ ދުރު ގުދުރަތީ ތާސީރުން އުފައްދާފައިވާ މި ތެޔޮ ބޭނުންކުރުމުން ކަހާ ކެހުންގަނޑުވެސް މައިތިރި ވެދާނެ އެވެ. ކަހާ ކަހާ ތިހުންނަނީ ލޭ އަރާވަރުވެފައި ނޫން ހެއްޔެވެ؟

ކާށި ތެޔޮ ބޭނުންކޮށްގެން މިކަމަށް އޮތް ފަރުވާ ކިޔާލަދޭނަމެވެ. މާގިނަ އެއްޗެއްސެއް ބޭނުމެއް ނުވާނެ އެވެ. މިއަށް ބޭނުންވާނީ 1/4 ޖޯޑު ބަޓަރާއި، 1/4 ޖޯޑު ކާށި ތެޔޮ އަދި ލެވެންޑާ އާއި ޓީ ޓްރީ އޮއިލްގެ 15 ތިއްކެވެ. މި ތަކެއްޗަކީ ބާޒާރުން ފަސޭހައިން ލިބެން ހުންނަ އެއްޗެއްސެވެ. މި ކްރީމް އުފައްދަން ކުޑަ ތަވައެއްް މެދާ ހަމައަށް ފެން އަޅާފައި ހޫނުކޮށްލާށެވެ. އެއަށްފަހު ބަޓަރު ކޮޅާއި، ތެޔޮ ފޮދު އަޅާލާފައި ރަނގަޅށް އެއްކޮށްލާށެވެ. ދެން ހޫނުފެނަށް އަޅާފައި ރަނގަޅަށް ގިރުމުން ފިނިކޮށްލަން ފްރިޖަށް ލާށެވެ. މާބޮޑަށް ބިހިތައް ހިރުވަން ފެށުމުން މި ކްރީމް އުނގުޅާށެވެ. ހިރުވުން މަޑުވާނެ އެވެ.

ދޮން ވެސް ވާނެ

ޔަގީން ކުރާށެވެ. ދޮންވާން ތި އުނގުޅާ ފާއިޒާ އަކާއި މެލަ ކެއާ އަކާއި އެހެން އެއްޗަކާއި އެހެން އެއްޗަކަށްވުރެ މާ އެފެކްޓިވް ވާނެ އެވެ. ކާށިތެލަކީ ވިޓަމިން އީ އަދި ސީ އިން މުއްސަނދިވެފައިވާ އެއްޗެކެވެ. މިއީ ފެޓި އެސިޑްވެސް ގިނަ މިންވަރަކަށް ހިމެނޭ އެއްޗެކެވެ. ގަބޫލުކުރަން ބޭނުންނުވިއަސ ދޮންވާން ތިއުނގުޅާ ގިނަ އުފެއްދުންތަކުގައި ގިން މިންވަރަކަށް ކާށިތެޔޮ ބޭނުންކޮށްފައި ހުންނާނެ އެވެ. ދެން ފަކުރު ގަންނާނެ ކަމެއް ނެތެވެ.

ކާށި ތެލަކީ އެ ބޭނުންކޮށްގެން ފަސޭހައިން ފޭސް މާސްކު ތައްޔާރުކުރެވިދާނެ އެއްޗެކެވެ. މިއީ ތި ހަރަދުކުރާ ފައިސާތައް ރައްކާކުރެވޭނެ ގޮތެއްވެސް މެ އެވެ. މި މާސްކު ހަދަން ބޭނުންވާނީ އެއް ސައި ސަމުސާ ކާށި ތެލާއި ދެ ސައިސަމުސާ މާމުއި އަދި 1/2 ސައިސަމުސާ ލުނބޯ ހުތެވެ. މި އެއްޗެހި އެއްކޮށްލާފައި ބޯކޮށް މޫނުގައި އުނގުޅާށެވެ. އަދި 10 މިނެޓު ވަންދެން ބަހައްޓާލާފައި ދޮންނާށެވެ. ދުވަސްކޮޅެއް ވާއިރަށް ދޮން ވެދާނެ އެވެ.

ޑްރައި ހަންގަނޑުތަކަށްވެސް އޮތް ހައްލަކީ މިއީ!

މިއީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. މިއީ ހަންގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން އީ އާއި ސީ ނުލިބުނީމަ ވާ ގޮތެކެވެ. ކާށިތެލުގައި އިންތިހާއަށް މިދެ މާއްދާ ހުންނަކަމީ ހަންގަނޑު ޑްރައި ވުމަށް އޮތް ހައްލަކީ ކާށިތެލަށް ވުމެވެ. މިއީ ތަފާތު ވައްތަރުގެ ވަައިރަލް އިންފެކްޝަންތަކުން ހަންގަނޑު ސަލާމަތްކޮށް ބަލިތައް ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. މިކަމަށްވެސް ގޭގައި ބަޓާ އެއް ތައްޔާރުކުރާށެވެ.

އަދި މިއީ ސަން ލޯޝަނެއްގެ ގޮތުގައި ވެސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި 75 ޕަސަންޓް ސަންސްކްރީންތަކުގައި ހަންގަނޑަށް ގެއްލުންހުރި ވިހަ މާއްދާތައް އެކުލެވިގެންވެ އެވެ. ތާޒާ ކަށި ތެލަކީ އިރުގެ އަވިން ހަންގަނޑު އަނދާ އެނދުމުން ދުރުކޮށްދީ ހަމުގެ ކެންސަރު ޖެހުމުން ދުރުކޮށްދޭ އެއްޗެކެެވެ.

އެހެން ވީމާ ނުބައިވަސް ދުވިއަސް ކާށިތެޔޮ ވަރެއް ނެތެއް ނޫން ހެއްޔެވެ؟ ތިކުރާ ހަރަދުތަކަށްވުރެ ކުޑަ ހަރަދަކުން ގުދުރަތީ މާއްދާތަކުން ހަންގަނޑަށް އާރޯކަމާއި ތާޒާކަން ގެނެސްދެ އެވެ.