"އަހަންނަށް މާފުކުރޭ،" މި ދެ ލަފުޒަކީ ކުދިކުދިވެފައިވާ ހިތްތަކާއި ފުނޑުފުނޑުވެފައިވާ ގުޅުންތައް އަލުން ގުޅުވާލައި މަރާމާތުކޮށްލެވިދާނެ ވަރުގެ "ސުޕަގުލޫ" އެއްކަން އެނގޭހެއްޔެވެ؟ ރައްޓެހި ކުއްޖާގެ އިންޓަވަލް ފުޅިން ވަގަށް ނަގާ ބްރައުނީ އިން ފެށިގެން، އެންމެ އުންމީދީ ސިނާރިއޯގައި ލޯބިވެރިއާ އާ ދިމާލަށް ބުނެވޭ ހިތް ހަލާކުކޮށްލާ ބާވަތުގެ ލަފުޒުތައް ވެސް ފޮރުވާލެވޭނެ ވަރުގެ ފަރުދާއަކަށް މިކިޔާ ސޮރީއެއްވި ސަބަބު އެނގޭ ހެއްޔެވެ؟
އެމެރިކާގެ މަޝްހޫރު ލިޔުންތެރިޔާ އަދި ވަކީލް، ލޯރެން ބްލޫމް އޭނާ އެންމެ ފަހުން ނެރުނު "ދަ އާޓް އޮފް ދަ އެޕޯލޮޖީ" ފޮތުގައި ވިދާޅުވެފައިވެ އެވެ:
"އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ވީމާ އެމީހަކު އަމިއްލަޔަށް ގޯސްކޮށް ކުރި ކަމެއްގެ ޒިންމާ ނަގައި އެކަމެއް ރަނގަޅުކުރަން އެމީހަކު މަސައްކަތްކުރަން ޖެހޭނެ އެވެ. ނޫންނަމަ ދާ ކޮންމެ ތަނަކުން އެމީހަކަށް އެހެން މީހުންގެ ނަފުރަތު އަމާޒުވާނެ އެވެ." ވީމާ "ސޮރީ" އޭ ނުވަތަ "މާފުކުރާށޭ" ބުންނަން ނުކެރިގެން ދަތްކުނޑި ވިކާލައިގެން ހުންނަންޖެހޭ ސަބަބެއް ނެތެއް ނޫންހެއްޔެވެ.
މާފަށް އެދުމަކީ ބައެއް މީހުންނަށް ވަރަށް އުނދަގޫ ކަމެކެވެ. މިކަމުގައި ބޮޑެއް ކުޑައެއް ތަފާތެއް ނެތެވެ. އެކަމަކު ކުށެއް ކުރެވިއްޖެނަމަ އަވަހާ މާފަށް އެދޭށެވެ. ގޯސްކޮށް ކުރި ކަންތައް ރަނގަޅުކުރަން މަސައްކަތް ކުރާށެވެ.
ކޮންމެ ކަމެއް ކުރަން ވެސް، ރަނގަޅު ވަގުތެއް އޮންނާނެ އެވެ. ހެޔޮ އިރުވަރެއް ބަލައިގެން ބާލާ އޮޑިވެސް ބާރަށް ދުއްވައިގަނޭ ނޫން ހެއްޔެވެ. އެހެންވީމާ މާފަށް އެދޭއިރު، އެކަމަށް އެންމެ އެކަށީގެންވާ ވަގުތަކީ ކޮބައިތޯ ބަލާށެވެ.
ރަނގަޅު ވަގުތުގައި މާފަށް އެދުން
ކަމެއް ގޯސްކޮށް ކުރެވުމުން އެ ކުރެވުނީ ކުށެއްކަން އިހުސާސްވާ މީހާ ބޭނުންވާނީ ވީހާވެސް އަވަހަށް މާފަށް އެދޭށެވެ. މާފަށް އެދުން ލަސްކުރުމަކީ މީހާގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެދިދާނެ ކަމެކެވެ. އެކަމަކު ދެފަރާތުން ވެސް ޖަޒުބާތުގައި ޖެހި ޝުއޫރު ބަންޑުންވެ ކޮޅުންނުލާ ދަނޑިވަޅެއްގައި ތާށިވެއްޖެނަމަ ސޮރީ ބުނުން ލަސްކޮށްލުމަކީ ބުއްދިވެރި ގޮތެވެ. ހަމަޔަކަށް އެޅުމުން މައާފަށް އެދޭށެވެ. ކުށަށް އިއުތިރާފްވެ ދެރަވާކަން އަނެކާއަށް އިހުސާސްކޮށްދެވޭ ގޮތަށް މައާފަށް އެދެވޭނީ ހަމަޖެހިލައިގެން ހުންނަ ގަޑިއެއްގައިކަން ހަނދާން ކުރާށެވެ.
ދެރަވާ މިންވަރު ހާމަކުރުން
މިއީ ވަރަށް އާދައިގެ، އެހެނަސް ވަރަށް މުހިއްމު ކަމެކެވެ. "ސޮރީ" އަކީ އާންމުކޮށް ބޭނުންކުރާ އަތްމަތީ ބަހެކެވެ. އެހެންކަމުން އެބަސް އެންމެ ފުން މާނާގައި ބޭނުން ކުރަންޖެހޭ ދަނޑިވަޅެއްގައި ހަމައެކަނި ސޮރީއޭ ބުނެލުމަކުން ނުފުދޭނެ އެވެ. ސޮރީ ބުނީ ކީއްވެ ކަމާއި، ދެރަވަނީ ކީއްވެގެންކަން ބުނާށެވެ.
މިސާލަކަށް "އަހަރެން އެހެން ބުނީ ރުޅިގަދަވެފައި ހުރިވަރުން، އެނގޭ އެހެން ބުނުމަކީ ގޯހެއް ކަން،" ފަދަ އިބާރާތަކުން ތިބާގެ އިހުލާސްތެރިކަން ނުވަތަ ނިޔަތް އަނެކާއަށް ސާފުވާނެ އެވެ. މިފަދަ ގޮތަކަށް މައާފަށް އެދުމަކީ އަނެކާއަށް އޮންނަ އިތުބާރުވެސް ބޮޑުވާނެ ކަމެކެވެ.
ޒިންމާ ނެގުން
އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. ކުރާ ކަންތައްތަކާއި ވިސްނާ ވިސްނުންތައް ހުރިހާ މީހުން ބޭނުންވާ ގޮތަށް ވެސް ނުކުރެވިދާނެ އެވެ. މިސާލަކަށް، ކައިވެނި ޕާޓީއަކަށް ދައުވަތު ފޮނުވާއިރު، އޮޅިގެން އެ ދައުވަތު ފޮނުވައިނުލެވޭ ރައްޓެއްސަކު ހުރެދާނެ އެވެ. އެފަދަ ކުދި ކުދި މައްސަލަތަކަކީ ފަހަރެއްގައި ހީވެސް ނުކުރާހާ ބޮޑުވެދާނެ މައްސަލަތަކެކެވެ. ނަމަވެސް އެފަދަ ކަމެއް ދިމާވުމުން އަމިއްލަ ކުށް ގަބޫލު ކުރާކަން އަނެކާއަށް އަންގާލުމަކީ މަސްލަހަތު ރަނގަޅުވާނެ ގޮތެކެވެ. ދައުވަތު ނުފޮނުވުނީ އަމިއްލަ ކުށުން ކަމާއި ހަނދާން ނެތިގެން ނުވަތަ އޮޅިގެންކަން ރަހުމަތްތެރިޔާ ހާމަކުރާށެވެ.
އިސްލާހުވުން
އަބަދު އެއް ކުށެއް ތަކުރާރުވާނަމަ ސޮރީއަކުން ކުރާނެ ބޭނުމެއް ނޯންނާނެ އެވެ. ހަމަ އެއާއެކު މައާފަށް އެދޭއިރު ގޯސްކޮށް ދިޔަ ކަމެއްގެ ބަދަލު ދެވެން އޮންނަ ތަންތާނގައި އެ ބަދަލު ދިނުމަކީވެސް ރީތި ގޮތެކެވެ. އޭގެ މާނައަކީ މަންމަގެ އަނގޮޓި ގެއްލުމުން މަންމަޔަށް 3000ރ. ވަގުތުން ދިނުމެއް ނޫނެވެ. އެހެން ހެދުމުން މާފުކުރަން ހިތަށް އެރުމަށްވުރެ ބޮޑަށް މަންމަ އަންނާނީ ރުޅި އެވެ. މަންމަ ބޭނުންވާނީ ދަރިފުޅަށް ކުށުގެ އިހުސާސް އޮތް މިންވަރެއް ބަލާށެވެ. ވީމާ ދެން އެކުށް ތަކުރާރު ނުކުރާނެ ކަމަށް ބުނާށެވެ. އަދި އެ ބަހުގެ މަތީގައި ހުންނަން މަސައްކަތް ކުރާށެވެ.
އަދިވެސް ލަހެއް ނުވެއެވެ. މާފަށް އެދުމަކީ ރީތި ސިފައެކެވެ. އަމިއްލަ އީގޯގެ ސަބަބުން ދިރިއުޅުން ހަލާކުކޮށް ނުލާށެވެ.