މޯލްޑިވްސް ޕޮލިސް ސާވިސް

ކުށާ ދުރު ކުރާ ޕްރޮގްރާމް އުފައްދަން ޕީއެސްއެމުން ޕޮލިހާ މަޝްވަރާކޮށްފި

ކުށުގެ ނުރައްކަލުން ޒުވާނުން ދުރު ކުރުމަށް މަގުފަހިވާފަދަ ޕްރޮގްރާމްތައް އުފެއްދުމާ ބެހޭގޮތުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މޯލްޑިވްސް ޕޮލިސް ސާވިސް އާ އެކު މަޝްވަރާކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފާއެކު ޕީއެސްއެމުން އިއްޔެ ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި ފުލުހުން ބަލަމުންދާ މައްސަލަތަކުގެ ތެރެއިން އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމަށް މަގުފަހިވާފަދަ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކުގެ މައިގަނޑު ހާދިސާގެ މައްޗަށް ޕްރޮގްރާމްތައް އުފައްދައި ޓީވީއެމް އިން ދެއްކުމާ ބެހޭ ގޮތުންވެސް މަޝްވަރާކުރި ކަމަށް ފުލުހުން ބުނެ އެވެ.

މަޝްވަރާ ބައްދަލުވަކީ ފުލުހުންނާއި ގުޅިގެން އިތުރު ޕްރޮގްރާމްތައް އުފައްދައި އިޖުތިމާއީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ދެ މުއައްސަސާ ގުޅިގެން ކުރިޔަށް ގެންދިއުމާބެހޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ސީޕީ އަރީފް ވިދާޅުވީ މުޖުތަމައު ކަންބޮޑުވާފަދަ މައްސަލަތަކާ ގުޅުންހުރި ޕްރޮގްރާމްތައް އުފައްދައި އިޖުތިމާއީ ހެޔޮ ބަދަލުތަކަށް މަގުފަހިވާފަދަ ޕްރޮގްރާމްތައް އުފެއްދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެފަދަ ޕްރޮގްރާމްތައް އުފައްދަން ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ވިދާޅުވި އެވެ.