ޕީއެސްއެމް

ޕީއެސްއެމްގެ ތިން ވެރިއެއްގެ މައްސަލައެއް ފުލުހަށް

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމްގެ ތިން ވެރިއެއްގެ މައްޗަށް ޖިނާއީ މައްސަލައެއް އެ ކުންފުނީގެ މުވައްޒަފަކު ހުށަހަޅައިފި އެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ ޓީވީއެމްގެ އެންމެ ދުވަސްވީ އެއް ނޫސްވެރިޔާ މުހައްމަދު އަފްސަލެވެ.

އަފްސަލް އެ މައްސަލަ ހުށަހަޅާފައިވަނީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފް އާއި ޑިރެކްޓަ އޮފް ނިއުސް ފަޔާޒު ޔޫސުފްގެ މައްޗަށެވެ. ފަޔާޒަކީ މޯލްޑިވަސް މީޑިއާ ކައުންސިލްގެ މެންބަރެއްވެސްމެ އެވެ.

ސިޔާސީ އަދި ޝަރުއީ ދާއިރާގެ ހަބަރުތައް ގެނެސްދޭ އަފްސަލް ނިއުސް އެޑިޓަރެއްގެ މަގާމުގައި ހުއްޓާ ކުއްލި ގޮތަކަށް އޭނާ ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރެއްގެ މަގާމަށް ބަދަލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަން ކުރީ އޭނާގެ އިނާޔަތްތައް ވެސް ކުޑަވާ ގޮތަށެވެ.

އަފްސަލް ބުނީ އޭނާ ޓީވީއެމްގެ ނިއުސް ރޫމުން ބޭރުކުރަން ޕީއެސްއެމްގެ ވެރިން ތުހުމަތުކުރީ ކުންފުނީގެ ލިޔުންތަކެއް އޭނާ ލީކްކުރި ކަމަށް ކަމަށެވެ. އެއީ ސާބިތު ނުހިފޭ ދޮގެއް ކަމަށް އަފްސަލް ބުންޏެވެ.

އަފްސަލް ބުނާ ގޮތުގައި އޭނާ ފުލުހަށް ތިން ވެރިންގެ މައްސަލަ ހުށަހެޅީ އޭނާއާ ގުޅޭ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ފަތުރާފައިވާތީ އެވެ. އެކަމުގެ ސަބަބުން އޭނާގެ އަބުރާއި އިއްޒަތަށް ގެއްލުންލިބި، މީހުން އޭނާއާ ދޭތެރޭ ދެކޭ ގޮތް ބަދަލުވެ އެހެން މުވައްޒަފުންގެ ހިތުގައި އޭނާއާމެދު ޝައްކު އުފެދިފައިވާ ކަމަށް ފުލުހަށް ހުށަހެޅި މައްސަލާގައި އަފްސަލް ބުނެފައިވެ އެވެ.

އަފްސަލް ފުލުހުން ކިބައިން އެދިފައިވަނީ އެ މައްސަލަ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ގާނޫނުގެ ދަށުން ތަހުގީގުކޮށްދީ، ޖިނާއީ ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިދިނުމަށެވެ. މިކަމާ ގުޅިގެން އެ ތިން ބޭފުޅުންގެ ބަހެއް ނުލިބެ އެވެ.

އޭނާ ބުނި ގޮތުގައި އެ މައްސަލަ ފުލުހަށް ހުށަހެޅީ އެހެން މުވައްޒަފުންނަށް ވެސް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޕީއެސްއެމްގެ ވެރިން ހިނގާފައިވާ އަމަލުތަކާ ދެކޮޅު ބައިވަރު މުވައްޒަފުން އެބަތިބި ކަމަށާއި އޭނާ އިސްވެ ފުރަތަމަ ނުކުތީ އެ މުވައްޒަފުން ވެސް އެކަންކަމާ ދެކޮޅަށް އަޑު އުފުލުމަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ޖިނާއީ މައްސަލައެއް ޕީއެސްއެމްގެ ވެރިންނާ ދެކޮޅަށް ހުށަހަޅާފައިވާއިރު ކޮރަޕްޝަންގެ ތުހުމަތުތައް ވެސް އެ ބޭފުޅުންނަށް ކުރެވެ އެވެ. އެކަމަކު އެ ބޭފުޅުން އެ ތުހުމަތުތައް އިންކާރު ކުރައްވަ އެވެ.