ހަބަރު

ޕީއެސްއެމްގެ ވީޑިއޯތައް ގާނޫނީ ގޮތުން ރައްކާތެރިކުރަންޖެހޭ: ޔުމްނާ

Nov 20, 2018

ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމް އިން ހިންގާ ޓީވީއެމްގެ އާކައިވްގައި ހުރި ވީޑިއޯތަކަކީ ގާނޫނީ ގޮތުން ރައްކާތެރި ކުރަން ޖެހޭ ވީޑިއޯތަކެއް ކަމަށް ހެރިޓޭޖް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ފުލުހުން، ޕީއެސްއެމްގައި ހަރަކާތްތެރިވާން ފެށީ ޕީއެސްއެމްގެ އާކައިވްގައި ހުރި ވީޑިއޯތަކެއް ޑިލީޓްކޮށްލާފައިވާ މައްސަލައެއްގަ އެވެ. ޕީއެސްއެމްގެ ސީސީޓީވީ ނިއްވާލައި ހާޑް ޑިސްކްވެސް ވަނީ ޑިލީޓްކޮށްލާފައި އެވެ. އިއްޔެ ހެނދުނުން ފެށިގެން ފުލުހުންގެ ޓީމެއް ޕީއެސްއެމްގެ ތެރޭގައި ހަރަކާތްތެރިވި އެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޓީވީއެމްގައި ހުރި ވީޑިއޯތަކަކީ ގާނޫނީ ގޮތުން ރައްކާތެރިކުރަންޖެހޭ ތަކެތި ކަމަށާއި އެމައްސަލަ ފުލުހުން ރަނގަޅަށް ތަހުގީގު ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. އަދި އެފަދަަ އޯޑިއޯ އަދި ވީޑިއޯ ނައްތާލެވޭނީ ގައުމީ އަރުޝީފް ޑިރެކްޓަރު ޖެނެރަލްގެ ހުއްދައާއެކު ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޕީއެސްއެމްގެ ގާނޫނުގައިވާ ގޮތުން ރާއްޖޭގައި ހިނގާ ކަންކަން ވީޑިއޯކޮށް އެތަކެތި އާކައިވް ކުރަންޖެހެ އެވެ. އެ ވީޑިއޯތައް ޑިލީޓްކުރި މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.