ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އެމަނިކުފާނުގެ ބޭބޭފުޅު، ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ މައްޗަށް ފުލުހުން ކޮށްފައިވާކަން "އަވަސް"އަށް ކަށަވަރުވެއްޖެ އެވެ.
ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު ޔުމްނާ މައުމޫންގެ މައްޗަށް ކޮށްފައިވާކަން އިތުބާރު ހުރި މަސްދަރަކުން "އަވަސް"އަށް ކަށަވަރު ކުރެވިފައިވާއިރު އެ ތުހުމަތުގައި މާދަމާ ހަވީރު ފުލުހަށް ހާޒިރުވާން ޔުމްނާއަށް މިއަދު ވަނީ ޗިޓް ފޮނުވާފަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޔުމްނާގެ މައްޗަށް ތުހުމަތު ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކާއި ފަނޑިޔާރުންތަކަކަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން ރޭވި ރޭވުމުގައި ބައިވެރިވި ކަމަށެވެ.
ޔުމްނާ މައުމޫންގެ މައްޗަށް މި ތުހުމަތު ކުރާއިރު އެކަމަނާގެ ބައްޕާފުޅު ރައީސް މައުމޫނާއި ފިރިކަލުން މުހައްމަދު ނަދީމާއި ކޮއްކޯފުޅު އަހުމަދު ފާރިސް މައުމޫންއަށް އެ މައްސަލާގައި ޓެރަރިޒަމްގެ ދައުވާކޮށް ޝަރީއަތް ވަނީ ފަށާފަ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ރައީސް މައުމޫނާއި ނަދީމް ހައްޔަރުކުރިތާ މިހާރު ވަނީ ތިން މަސް ވެފަ އެވެ. އެކި ތުހުމަތުތަކުގައި ފާރިސް ހައްޔަރުކުރިތާ ވެސް އެތައް މަހެއް ވަނީވެފަ އެވެ. އެ ތިން ބޭފުޅުން ވެސް ތިއްބެވީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
އެ ތިން ބޭފުޅުންގެ ދިފާއުގައި އެންމެ ބޮޑަށް އަބަދުވެސް ވާހަކަ ދައްކަވަނީ ޔުމްނާ އެވެ. އެގޮތުން ކަންބޮޑުވުންތައް ފާޅު ކުރައްވައި ޔުމްނާ ކޮންމެ ދުވަހަކުހެން ޓްވީޓްތައް ކުރައްވަ އެވެ.