އިންޑިއާ

އިންޑިއާގެ ޒުވާނުން ޔޫތު ސިޓީގައި ގަސް އިންދައިފި

ރާއްޖެއާ އިންޑިއާގެ ރަހުމަތްތެރިކަމުގެ ގުޅުމަށް 50 އަހަރު ފުރުން ފާހަގަކުރަން ސޮއިކުރި ޔޫތު އެކްސްޗޭންޖް ޕްރޮގްރާމުގެ ދަށުން މިދިޔަ ހުކުރު ދުވަހު އިންޑިއާއިން ރާއްޖެ އައި އެ ގައުމުގެ ޒުވާނުން ހުޅުމާލެ ޔޫތު ސިޓީގެ ބިމުގައި ގަސް އިންދައިފި އެވެ. އިއްޔެ ހަވީރު އޮތް ރަސްމިއްޔާތެއްގައި، އެޗްޑީސީއާ ގުޅިގެން އިންޑިއާއިން ރާއްޖެއަށް އައި 50 ޒުވާނުންގެ ޓީމުން ވަނީ އެ ސަރަހައްދުގައި ގިނަ އަދަދަކަށް ގަސް އިންދާފަ އެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނީ، އިންޑިއާ ޒުވާނުންގެ ޓީމުން ހުޅުމާލޭގައި ގަސް އިންދީ ދެ ގައުމުގެ ގުޅުން ހަރުދަނާކޮށް ބަދަހި ކުރުމުގެ ގޮތުން ދެ ގައުމުގައި ބާއްވަން ނިންމާފައިވާ އެކި އެކި ހަރަކާތްތަކުގެ ތެރެއިން ކަމަށެވެ. އެގޮތުން، ދެ ގައުމުގެ ޒުވާނުންގެ ގުޅުން ހަރުދަނާކުރުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ސޮއިކުރު ޔޫތު އެކްސްޗޭންޖް އެއްބަސްވުމަކީ އެފަދަ އެއްބަސްވުމެއް ކަމަށާއި ގަސް އިންދުން ކުރިއަށްގެންދިޔައީ އެ ޕްރޮގްރާމުގެ ދަށުން ކަމަށް ވެސް ބުންޏެވެ.

އިންޑިއާއިން އައި ޒުވާނުންގެ ޓީމް މިމަހުގެ ނިޔަލަށް ރާއްޖޭގައި މަޑުކުރާނެ އެވެ.