ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ 136 ޕަސެންޓް އިތުރު

  • ފައިސާ ޖަމާކުރި އަދަދު 16 ޕަސެންޓް އިތުރުވި
  • ނުދައްކާ ލޯނުގެ އަދަދު ދަށްކޮށްފައިވޭ
  • ހުރިހާ އަތޮޅެއްގައި ބްރާންޗް ހުޅުވައިފި

މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބުނު ސާފު ފައިދާ 136 ޕަސެންޓް އިތުރު ވެއްޖެ އެވެ. ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލްގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން އުފެއްދުންތެރިނޫން ލޯނުތަކަށް ޕްރޮވިޝަން އަދި ދައްކަން ޖެހު ނުދައްކައި ހުރި ލޯނު ފައިސާ އުނިކުރުމުން ވެސް ގައުމީ ބޭންކަށް ލިބުނު ސާފު ފައިދާ ވަނީ 136 ޕަސެންޓް އިތުރުވެފަ އެވެ.

ހިސާބު ދައްކާ ގޮތުން ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 932 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 29 ޕަސެންޓް އިތުރު އަދަދެކެވެ.

އަހަރީ ހިސާބުތަކުގައިވާ ގޮތުން އަމިއްލަ ފަރާތްތަކާއި ބޭންކްތަކަށް މިދިޔަ އަހަރު ލޯނުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވެ އެވެ. މިދިޔަ އަހަރު ދޫކުރި ލޯނުގެ ނިސްބަތް ވަނީ 22 ޕަސެންޓް އިތުރުވެފަ އެވެ. މީގެ ތެރޭގައި ނުދައްކާ ލޯނުގެ ނިސްބަތް ވަނީ ދަށްކޮށްފަ އެވެ. މިގޮތުން ނުދައްކާ ލޯނުގެ ނިސްބަތް އުޅެނީ 19 ޕަސެންޓުގަ އެވެ.

ބީއެމްއެލް އިން ބުނީ ޖަމާކުރާ ފައިސާގެ އަދަދު 16 ޕަސެންޓް އިތުރުވެ 14.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ.

ބޭންކުގެ ހިދުމަތް ތަރައްގީ ކުރުމުގެ ގޮތުން ވަނީ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ފަށާފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ދިރިއުޅޭ ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވެ އެވެ. މިގޮތުން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބޭންކުގެ ގޮފިތައް ވަނީ ގާއިމްކޮށް ނިންމާލާފަ އެވެ. މީގެ އިތުރުން ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކާއި ބޭންކާ ދެމެދު ހެދޭ އެއްބަސްވުމެއްގެ ދަށުން މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ފައިސާ ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

ބީއެމްއެލްއަށް ލިބުނު ބޮޑު ކާމިޔާބީއާ ބެހޭ ގޮތުން ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ މިދިޔަ އަހަަރަކީ ބޭންކަށް ރަނގަޅު އަހަރެއް ކަމަށެވެ.

"މާލީ ގޮތުން ރަނގަޅުވީއިރު ބޭންކުގައި ހުރި އިންވެސްޓްމަންޓްތަކާއި ރައްޔިތުންނަށް ބޭންކުން ފޯރުކޮށްދެވުނު މާލީ އެހީތެރިކަންވެސް މި ފާހަގަކުރަނީ ހަމައެހާމެ މުހިންމު ކަމެއްގެ ގޮތުގައި ރަނގަޅު ޕްލޭނެއް ހެދި އެ ޕްލޭންގައި ހުރި ކަންކަން ދަނީ ހާސިލްވަމުން،" ހީލީ ވިދާޅުވި އެވެ.