ސައުދީ އަަރަބިއްޔާ

އަލްގައިދާގެ 800 ހަނގުރާމަވެރިން މަރާލެވިއްޖެ: ސައުދީ ކޯލިޝަން

އަލްގައިދާ އާއި ދެކޮޅަށް ހަނގުރާމަ ކުރަމުން އަންނަ ސައުދީ ކޯލިޝަނުން ނެރުނު ސްޓޭޓްމެންޓެއްގައި، އަލް ގައިދާގެ 800 އަށް ވުރެ ގިނަ ހަނގުރާމަވެރިން މަރާލެވިއްޖެ ކަމަށް ބުނެފި އެވެ.

މި ސްޓޭޓްމެންޓްގައި، ޔަމަނުގެ ސިފައިންނާއި އަރަބި ކޯލިޝަންގެ ސިފައިން ހިންގި އޮޕެރޭޝަންތަކުގައި، އަލްގައިދާގެ އަތްދަށުގައި އޮތް މުކައްލާއިން ހަނގުރާމަވެރިން ފައްސާލެވިފައިވާ ކަމަށާއި ގިނަ ހަނގުރާމަވެރިން މުކައްލާއިން ފިލައިގެން ދިޔަ ކަމަށް ބުނެފައި ވެއެވެ.

އަދި ބުނެފައި ވަނީ ޔަމަނުގެ ރައީސް އބްދްރައްބް މަންސޫރް ހާދީގެ ލަޝްކަރީ ބާރަށް ސައުދީ ކޯލިޝަނުގެ އެހީތެރިކަން މުކައްލާގައި ހިންގި އޮޕެރޭޝަނުގައި ދީފައިވާ ކަމަށެވެ.

މަސްރަހު ދިރާސާ ކުރާ އެނަލިސްޓުން ލަފާ ކުރާގޮތުގައި، މުކައްލާގައި ހިންގި އޮޕެރޭޝަނަކީ، ޔަމަނުގެ ދާހިލީ ހަނގުރާމައިގެ ނާޖާއިޒް ފައިދާ ނަގައިގެން ޔަމަނުގެ އެކި ސަރަހައްދުތައް ހިސޯރު ކޮށްގެން އުޅޭ ޖަމާއަތްތަކުން، ސަރަހައްދުތައް މިނިވަން ކުރަން ހިންގާ ބޮޑު އޮޕެރޭޝަނެއްގެ އެއް ބައެވެ.

މި އޮޕެރޭޝަނުގައި ބައިވެރިވި ބައެއް މިލިޓަރީ އޮފިސަރުން ވިދާޅުވީ ސައުދީ ކޯލިޝަނުން މުކައްލާއަށް ވަނުމުން އަލްގައިދާގެ ފަރާތުން މާ ބޮޑު ހަމާލަތަކެއް ރައްދުގައި ފޮނުވާފައި ނުވާ ކަމަށެވެ. އަދި އަލްގައިދާގެ އަތް ދަށުން މުކައްލާ ނަގަން، މާ ބޮޑެތި މަސައްކަތްތަކެއް ކުރަން ވެސް ނުޖެހުނު ކަމަށެވެ.

ސައުދީ ކޯލިޝަނުން 800 ހަނގުރާމަވެރިން މަރާލި ކަމަށް ބުނެފައި އޮތަސް، މިއީ ތެދެއްކަން ކަށަވަރު ކޮށްދޭނެ މިނިވަން ތަހްގީގެއް ހިނގާފައެއް ނުވެ އެވެ.