ރައީސް އަބްދުﷲ ޔާމީން

ކަލާމް އެވޯޑު ފުރަތަމަ ރައީސަށް: ގައުމަށް ފަހުރެއް!

އިންޑިޔާގެ ކުރީގެ ރައީސް ޑރ. އޭޕީޖޭ އަބްދުލްކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން މިވަނީ އެވޯޑެއް ތައާރަފްކޮށްފަ އެވެ. މި އަހަރު ފުރަތަމަ ފަހަރަށް މި އެވޯޑު ދޭއިރު އެވޯޑް ލިބޭ ބޭފުޅުންގެ ލިސްޓުގައި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން ވަނީ ހިމެނިވަޑައިގެންފަ އެވެ. މިއީ ގައިމުވެސް ބޮޑު ފަހުރެކެވެ. ރައީސްއަށް އެކަނި ލިބިވަޑައިގަތް ފަހުރެއް ނޫނެވެ. މުޅި ގައުމަށް ވެސް ލިބުނު ބޮޑު ފަހުރެކެވެ.

"ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016"ގެ ނަމުގައި ދޭ އެވޯޑް ރައީސް ލިބިވަޑައިގެންފައިވަނީ، އިންޓެނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ.

ވަރުގަދަ ލީޑަރެއްގެ އެވޯޑު!

އިންޑިއާގެ ކުރީގެ ރައީސް ކަލާމަކީ މި ސަރަހައްދުގައި އުފެދުނު އެންމެ ވަރުގަދަ އެއް ލީޑަރެވެ. އެންމެ ގިނަ ބަޔެއްގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެންނެވި އެއް ލީޑަރެވެ. އިންޑިއާގެ 11 ވަނަ ރައީސް ކަލާމަކީ މަޝްހޫރު ނިއުކުލިޔާ ސައިންޓިސްޓެއް ވެސްމެ އެވެ. ހަމައެފަދައިން އެކިއެކި ދާއިރާތަކުން ތަގުރީރު ކުރެއްވުމުގައި އެވަރުގެ ދެވަނައެއް ނެތް ބޭފުޅެކެވެ. އަހުލާގު ރަނގަޅު، ދީލަތި ހިތްހެޔޮ ބޭފުޅެކެވެ.

ކަލާމަކީ އިލްމީ ގޮތުން މުއްސަނދި، އިލްމް ކުރިއެރުވުމަށް ވެސް ބުރަ މަސައްކަތްޕުޅެއް ކުރެއްވި ބޭފުޅެކެވެ. "ރައްޔިތުންގެ ރައީސް" ގެ ގޮތުގައި މަޝްހޫރުވެވަޑައިގެންނެވި ބޭފުޅެކެވެ. ޕްރޮފެޝަނެއްގެ ގޮތުން އެއިރޯސްޕޭސް އިންޖިނިއަރިން ހާއްސަވެވަޑައިގެންނެވި ހުރިހާ ގޮތަކުން ވެސް ގާބިލު ބޭފުޅެކެވެ. އެ ގައުމުގެ ނިއުކްލިއާ ހަކަތަ މަޝްރޫއުގައި ކުޅުއްވި ފުޅާ ދާއިރާގެ ސަބަބުން އިންޑިއާގެ ރައްޔިތުންގެ ލޯބި ލިބިފައިވާ ކަލާމްއަކީ "އިންޑިއާގެ މިސައިލް މީހާ" ގެ ވަނަން ވެސް ދެވިފައިވާ އިއްޒަތްތެރިއެކެވެ.

އިންޑިއާގެ ރައީސް ކަމަށް ވެވަޑައިގަތުމަށް ފަހު ކަލާމް އަމާޒު ކުރެއްވީ އޭނާގެ ފަސް އަހަރުގެ ރިއާސީ މުއްދަތުގައި 500000 (ބައި މިިލިއަން ނުވަތަ ފަސް ލައްކަ) ކިޔަވާކުދިންނާ ބައްދަލު ކުރެއްވުމަށެވެ. ގިނަ ކުދިން އޭނާއަށް ކިޔަމުން އައީ "ކަލާމް ޗާޗާ" ("ކަލާމް އަންކަލް" ނުވަތަ "ކަލާމް ބޮޑުބޭބެ") ގެ ނަމުންނެވެ. އޭނާގެ ތަގުރީރުތަކުން ވެސް އެތައް ބަޔަކަށް އިބުރަތް ލިބި އަދި ހަޔާތާމެދު މުހިންމު ފިލާވަޅުތައް ލިބިގެން ދިޔައެވެ.

ރައީސްގެ ހިދުމަތުގެ ތާރީހު ވަރަށް ދިގު!

ހިންގުމުގެ ދާއިރާއިން ރައީސް ޔާމީނަށް މި ވަރުގަދަ ޝަހިސިއްޔަތުގެ އެވޯޑު ލިބިވަޑައިގެންފައިވާއިރު، ރައީސް ޔާމީންގެ ފަހުރުވެރި ދިގު ތާރީހެއް އެބަ އޮތެވެ. ގައުމަށް ހިދުމަތް ކުރެއްވުމުގައި ރައީސް ޔާމީން ވަނީ ގިނަ އަހަރު ހޭދަ ކުރައްވާފަ އެވެ.

ރާއްޖެއިން މަތީ ސާނަވީ ތައުލީމް ހާސިލުކުރެއްވުމަށްފަހު ގައުމުން ބޭރަށް ވަޑައިގެން ބޭރޫތުގެ އެމެރިކަން ޔުނިވާސިޓީން އިގުތިސޯދީ ތަރައްގީއާއި ފޮރިން އިންވެސްޓްމަންޓްގެ ދާއިރާއިން މަތީ ތައުލީމް ހާސިލު ކުރެއްވި އެވެ. އަދި އެ ދާއިރާއިން ރާއްޖެއަށް ޒުވާން އުމުރުފުޅުގައި ހިދުމަތްކުރައްވަން ފެއްޓެވި އެވެ. އެއަށްފަހު ވަޒީރެއްގެ ގޮތުގައި ރައީސް ޔާމީން ގައުމަށް ހިދުމަތްކޮށްދެއްވަން ފެއްޓެވީ އުމުރުން ހަމަ އެންމެ 30 އަހަރުފުޅުގަ އެވެ.

ވަޒީރެއްގެ ގޮތުގައި ރާއްޖޭގެ އިގްތިސޯދަށް ވަނީ ބޮޑެތި ކުރިއެރުއްވުންތަކެއް ހޯދައްވާފަ އެވެ. އިގްތިސޯދަށް އެމަނިކުފާނު ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފަ އެވެ. ރައީސް ޔާމީން ފާހަގަ ކުރެވުނީ، ބަނގުރޫޓްވި ކުންފުނިތަކެއް ކޮޅަށް ވެސް ޖެއްސެވި ގާބިލު ބޭފުޅެއްގެ ގޮތުގަ އެވެ. އެގޮތުން، ގައުމީ އެއާލައިން ކުންފުނި ބަންދުކުރަން ނިންމާފައިވަނިކޮށް އެ ކުންފުންޏަކީ ފައިދާ ކުންފުންޏަކަށް ބަދަލުކޮށްދެއްވީ ރައީސް ޔާމީނެވެ. ހަމައެފަދައިން އެސްޓީއޯ އާއި ސްޓެލްކޯ ވެސް ކޮޅަށް ޖެއްސެވީ ހަމަ ރައީސް ޔާމީނެވެ.

ވަޒީރެއްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަން ވެސް ރައީސް ވަނީ އެތައް އަހަރެއްވަންދެން ކުރައްވާފަ އެވެ. އެތައް ގާނޫނުތަކެއް ހެދުމުގައި ބައިވެރިވެވަޑައިގަންނަވާފަ އެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާފަ އެވެ.

ރައްޔިތުންނަށް ފަހިކޮށް ދެއްވުމުގެ އަމާޒެއް ގެންގުޅުއްވާ!

ރައީސް ޔާމީން ފާހަގަ ކުރެވިފައިވަނީ ރައްޔިތުންނަށްޖެހިފައިވާ ކަންކަން ފަހިކޮށް ދެއްވާ ރައީސެއްގެ ގޮތުންނެވެ. ރައްޔިތުންނަށް ދަތިވާ ކަންކަން ފަހިކޮށްދިނުމުގެ އަމާޒެއް ގެންގުޅުއްވާ ބޭފުޅެއްގެ ގޮތުގަ އެވެ. ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމަށް ބޮޑެތި މަޝްރޫއުތައް ފައްޓަވަމުންދާ ރައީސްއެއްގެ ގޮތުގަ އެވެ. ރައީސް ޔާމީންގެ ސަރުކާރަށް އަދި ތިން އަހަރު ނުވާއިރު ރާއްޖޭގައި މިހާތަނަށް އެންމެ ބޮޑެތި ބިޔަ މަޝްރޫއުތަކެއް ރައީސް މައުމޫނަށް ފަހު ފައްޓަވާފައިވަނީ ރައީސް ޔާމީނެވެ.

އެތައް ބަޔަކު އެކަމެއް ނުވާނެ ކަމަށް ބުނަމުން ދިޔަ، ޗައިނާ - މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފާހަގަކޮށްލެވެ އެވެ. އެ ބްރިޖްގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބިން ހިއްކައި ނިންމައި ތަރައްގީގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. މީގެ އިތުރަށް އައިހެވަން މަޝްރޫއާއި އެއާޕޯޓް މަޝްރޫއުއާއި އައިޖީއެމްއެޗް ތަރައްގީކުރުމުގެ މަޝްރޫއު ހިމެނެ އެވެ.

މަޝްރޫއުތައް ވަރަށް ގިނަ އެވެ. އޭގެ އިތުރަށް ވެސް މާލެއަކީ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ހެއްދެވުމަށް ވެސް ރައީސް ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރަސްފަންނާއި ސުނާމީ މައިޒާން ފަދަ ތަންތަން ވަނީ ތަރައްގީކުރައްވާފަ އެވެ. ސަލްޓަން ޕާކާއި އާޓިފިޝަލް ބީޗް ތަރައްގީކުރުން އަދި އޮތީ އެވެ.

ކަލާމް ޕުރަސްކާރް އަކީ ގަ އުމުތަކުގެ އިސްވެރިންގެ ތެރެއިން އެ ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީ އަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެ އަހަރަކު ދޭން ނިންމާފައިވާ އެވޯޑަކަށްވާއިރު މި އެވޯޑް އެންމެ ފުރަތަމަ ލިބިވަޑައިގަންނަވާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީނަށް ވެގެން ދިޔުމަކީ ގައުމަށް ލިބޭ ބޮޑު ފަހުރަކަށް ނޫނީ ނުވާނެ އެވެ. އަންނަ ބުދަ ދުވަސްވެގެން ދާނީ ރާއްޖެއަށް ތާރީހީ އަދި ފަހުރުވެރި ދުވަހަކަށެވެ.