ކައިރީގައި ނުވަތަ އެއް ކޮޓަރީގައި ނިދާފައި އޮންނަ މީހަކު ގުގުރި ދެމުމަކީ އެ ކޮޓަރި ހިއްސާކުރާ އެހެން މީހުންނަށް ނިދަން ވަރަށް އުނދަގޫވާ ކަމަކަށްވެ އެވެ. ކިތަންމެ ވަރުބަލިވެ ނިދި އައިސްފައި ހުއްޓަސް ނިދުމަށް އެޅޭ ހުރަހަކަށް ގުގުރީގެ އަޑު ވެގެންދެ އެވެ. މިއީ ބޮލަށް އުނދަގުވާ ޒާތުގެ އަޑެއްގެ އިތުރުން ގުގުރި ދަމާ މީހާގެ ސިއްހަތަށް ގެއްލުން ލިބޭ ކަމެއްވެސް މެ އެވެ.
ގުގުރި ދެމުމަކީ މީހާދެ ނިދި މަޑުކޮށް ނިދި މަދުކޮށްދޭ ކަމެއްވެސް މެ އެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ނިދި ނުލިބުމަކީ ޑިޕްރެޝަން އަށް މަގުފަހިވެ ހަނދާން ބަލިކޮށްލާ ކަމެކެވެ. އަދި އެކަށީގެންނުވާ ވަރަށް މީހާ ފަލަވެ، ޑައިބެޓިސްގެ މީހާ ބަދަލުކޮށްލާ ކަމެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވެ އެވެ. އަދި ގުގުރި ދެމުމަކީ ދެމަފިރިން ދެމެދު ބޯ ފާރެއް ލެވި ގުޅުމާއި ލޯތްބަށް ޝައުގުވެރިވާ މިންވަރު ކުޑަކޮށްލާ ކަމެއް ކަމަށްވެސް ސިއްހީ މާހިރުން ވިދާޅުވެ އެވެ.
ގުގުރި ދަމަނީ ކީއްވެ؟
ހަގީގަތުގައި ގުގުރި ދަމަން ދިމާވަނީ ނޭފަތާއި ކަރު ތެރޭގައި އޮކްސިޖަން ނުވަތަ ވައި ދައުރު ކުރަން އުނދަގޫވުމުން ވޯލްތަކުގެ ކައިރިފަށުގައި ހުންނަ ޓިޝޫތަކުގައި އޮކްސިޖަން ޖެހުމުގެ ސަބަބުންނެވެ. ގުގުރި ދަމަން މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ ބަލިވެ އިނުމާއި އެލާޖިކް ނުވަތަ ނާސަލް ނުވަތަ ސައިނަސްގެ ސަބަބުން މާބޮޑަށް ފަަލަވުމާއި ސިގިރޭޓު ބުއިމާއީ އުމުރުން ދުވަސްވުމާއި އަދި ޖެނެޓިކް ފެކްޓާސް ތަކުގެ ސަބަބުންނެވެ. ބައެއް ފަހަރު ބޭނުންކުރެވޭ ބޭހެއްގެ ސަބަބުންވެސް ގުގުރު ދަމަން މެދުވެރިވެ އެވެ.
ގުގުރި ދެމުމަކީ ޑޮކްޓަރަށް ދައްކައިން އެކަމަށް ހައްލު ހޯދަންޖެހޭ ކަމެކެވެ. ގުގުރި ދެމުމަކީ ބައެއް ފަހަރު އެމީހާއަށް އެކަން އިހުސާސް ނުވާ ކަމެކެވެ. އެކުގައި އުޅޭ މީހުން ބުނި ނަމަވެސް ގިނަ ފަހަރަށް ގަބޫލެއް ނުކުރެވޭ ނޫން ހެއްޔެވެ؟ އެމީހުން ދޮގުވެސް ހަދާފާނެ އެވެ. ގުގުރި ދެމޭ ކަމުގެ ބައެއް އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
- ނިދާ ހޭލާއިރު އަނގައާއި ކަރުތެރެ ހިކިފައި ހުރުން،
- ނިދާފައި އޮންނަ އިރު ނޭވާލާން އުނދަގޫވުން،
- ދުވާލު ގަޑީގައިވެސް ވަރުބަލިކަން އިހުސާސް ކުރެވުން
- ބޮލުގައި ރިއްސުން
- ކަންތައް ތަކަށް ސަމާލުކަންދޭން އުނދަގޫވުން ހިމެނެ އެވެ.
ގުގުރި ދެމުން ހުއްޓޭނީ ކިހިނެއް؟
ގުގުރި ދެމުން ހުއްޓާލަން ކުރަން ޖެހޭ ކަންކަމަކީ މާ އުނދަގޫ ކަންކަމެއް ނޫނެވެ. އެންމެ ފުރަތަމަ ކަމަކަށް ނިދަން އޮންނަ ޕޮޒިޝަން ބަދަލުކޮށްލާށެވެ. އެއީވެސް ގުގުރި ދެމުން ހުއްޓުވަން ކުރަން ވަރަށް އެފެކްޓިވް ކަމެކެވެ.
- ނޭފަތް މަސާޖްކޮށްލުން
ގުގުރި ދެމުން ހުއްޓުވަން މަސައްކަތް ކުރާއިރު ނިދުމުގެ ކުރިން ނޭފަތް މަސާޖްކޮށްލުމަކީ މުހިންމު ކަމެކެވެ. އެއީ ނޭފަތް ހުނދުރިވެސް ބޮޑަށް ހުޅުވި ނޭވާލާން ފަސޭހަވާ ކަމަކަށްވެ އެވެ. ނިދުމުގެ ކުރިން ހޫނުފެނުން ފެންވަރާލުމަށްފަހު މި މަސާޖް ކުރުން ރަނގަޅެވެ. އަދި ނިދުމުގެ ކުރިން ނާސަލް ސްޓްރިޕްސް ނުވަތަ ސްޕްރޭ އެއް ބޭނުން ކުރުމަކީވެސް ނޭވާލަން ފަސޭހަކޮށްދީ ގުގުރި ދެމުން ހުއްޓުވާ ކަމެކެވެ.
- ކޮޓަރިތެރެ ސާފުކޮށް ބާއްވާ.
ގުގުރި ދެމުން ހުއްޓާލަން ބޭނުމިއްޔާ ނިދާ ކޮޓަރު ވަރަށް ސާފުކޮށް ބާއްވަން ޖެހެ އެވެ. ހިރަފުސް ފަދަ ކަންކަމުން އެލާޖިކްވުން ހުއްޓުވޭނީވެސް އޭރުންނެވެ. މަދުވެގެން ހަފްތާއަކު އެއް ދުވަހު އެނދުގެ ބެޑްޝީޓު ބަދަލުކޮށް ކޮޓަރި ތެރެ ވެކިއުމްކޮށް ސާފުކުރަންވާނެ އެވެ. ގުގުރ ދެމުން ހުއްޓޭނީ ނިދާ ކޮޓަރގައި ހިރަފުސް ނައްތާލައިންނެވެ.
- ސިގިރޭޓު ބުއިން ހުއްޓާލާ
މިއަށްވުރެ މުހިންމު އެހެން ކަމެއް ނެތެވެ. ސިނގިރޭޓު ބުއިމަކީ ކަރުތެރެއާއި ނޭފަތް ބައްދާލާ ކަމެކެވެ. އެހެން ވުމުގެ ސަބަބުން ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެ ގުގުރި ދެމޭގޮތްވެ އެވެ.