ވިޔަފާރި

ތުނބުރީގައި 35 މިލިއަން ރުފިޔާގެ ޖެޓީއަކާއި ބަނދަރެއް ހަދަނީ

ގެސްޓް ހައުސް އައިލެންޑުގެ ގޮތުގައި ތަރައްގީކުރާ ލ.ތުނބުރީގައި 35 މިލިއަން ރުފިޔާގެ ޖެޓީއަކާއި ބަނދަރެއް ހަދަން މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބީލަމަށް ހުޅުވާލައިފި އެވެ.

އެމްއެމްޕީއާރުސީ ޑިރެކްޓަރު މުހައްމަދު އަސީލް މިއަދު ވިދާޅުވި ގޮތުގައި 500 ފޫޓު ދިގު 295 ފޫޓު ފުޅާ މި ބަނދަރުގައި އެއްފަހަރާ 42 ސްޕީޑް ލޯންޗާއި ބޮޑު ހަތް މަސް ދޯނި އަދި ލޭންޑިން ކްރާފްޓަކަށް ވަދެވޭ ވަރުގެ ބަނދަރެއް އޮންނާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ތުނބުރީގައި ދެ ޖެޓީއެއް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަނދަރުގެ މަސައްކަތް ފެށުމަކީ މި ޕްރޮޖެކްޓު 100 ޕަސެންޓް ކާމިޔާބުވުން. ބަނދަރުގެ މަސައްކަތް ފެށުމާއެކު އެހެން މަސައްކަތް ކުރާ ފަރާތްތަކުން އައިސް މަސައްކަތް ފެށިގެންދާނެ،" އަސީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަނދަރާއި ޖެޓީ ހަދަން ބަޔަކާ ހަވާލުކޮށް ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން ޖެހޭނެ ކަމަށެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިސާ ލިބިފައިވާ ކަމަށް އަސީލް ވިދާޅުވި އެވެ.

"މި މަޝްރޫއަށް ބިޑް ފޮތް ވިއްކަނީ. އެއީ ރާއްޖޭގައި މިފަދަ މަސައްކަތް ކުރަނީ މަދު ބަޔަކު ކަމަށްވާތީ. އަޅުގަނޑުމެންގެ މަގުސަދަކީ މި މަސައްކަތް އެޕްރީލް މަހު ބަޔަކާ ހަވާލު ކުރުން،" އަސީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ވަނީ ތުނބުރީގައި ތިން ބީޗް ރިސޯޓު ހެދުމަށް ވެސް ބީލަމަށްވެސް ހުޅުވާލާފަ އެވެ. އަދި ތިން ފަރާތްކުނަ ވަނީ ބިޑް ވެސް ހުށަހަޅާފަ އެވެ. މިހާރު ދަނީ ހުށަހެޅި ބިޑްތައް އިވެލުއޭޓް ކުރަމުންނެވެ.