ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކުޑަކުދިންގެ ދުވުން ޓީއެފްޖީ އާއެކު ކުރިއަށް ގެންދަން ނިންމައިފި

ކުޑަކުދިންގެ ދުވަހާއި ގުޅުވައި ދުޅަހެޔޮ ސިއްހަތުގެ މުހިންމުކަން ކުޑަކުދިންނަށް އަންގައި ދިނުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ "ބީއެމްއެލް ވާއު ކިޑްސް ރަން" ކުރިއަށް ގެންދަން ޓޯޓަލް ފިޓްނެސް ގްރޫޕް (ޓީއެފްޖީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލް ރީޓެއިލް ބޭންކިން ޑިރެކްޓަރު މުހައްމަދު
ޝަރީފް ވިދާޅުވީ ބީއެމްއެލް ވާއު ކިޑްސް ގެ އެހީގައި ބޭނުންތެރި މެސެޖްތަކެއް ފޯރުކޮށްދެވޭނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ޓީއެފްޖީގެ ސީއީއޯ ހުސެއިން ޒިނާން ވިދާޅުވީ މިއަހަރުގެ ދުވުމުގައި 600 ކުދިންނަށް ބައިވެރިވެވޭނެ ކަމަށާއި މި ދުވުމުގައި ކުދިން ދުވާނީ ބެލެނިވެރިޔަކާއި އެކުގައި ކަމަށެވެ. މި ދުވުމުގައި ތިން އުމުރު ފުރާއެއްގެ ކުދިންނަށް ބައިވެރިވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެއީ ތިން އަހަރާއި ފަސް އަހަރާއި ދެމެދާއި ފަސް އަހަރާއި ހަތް އަހަރާއި ދެމެދާއި އަދި ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ އުމުރުފުރަ އެވެ. މިއަހަރުގެ ދުވުން ފެށޭނީ އަންނަ މޭ މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 6:20 ގައެވެ.

ފަސް އަހަރާއި ހތް އަހަރާއި ދެމެދުގެ ކުދިން ބީއެމްއެލް ހެޑް އޮފީސް ކުރިމަތިން ދުވަން ފަށާއިރު ހަތް އަހަރާއި ނުވަ އަހަރާއި ދެމެދުގެ ކުދިން ދުވަން ފަށާނީ ބީއެމްއެލް ބަޒާރު ބްރާންޗް ކުރިމަތިންނެވެ. މީގެ އިތުރުން ތިން އަހަރާއި ފަސް އަހަރާއި ދެމެދުގެ އުމުރު ފުރާގެ ކުދިން މަޖީދީމަގުން ހުރި ގޮތަށް ގޮސް ރަސްފަންނު ބީޗަށް ދުވުން ނިންމާއިރު އަނެއް ދެ އުމުރު ފުރާގެ ކުދިން ދުވުން ފަށައިގެން މަޖީދީ މަގުން ދާ ކުދިންނާ ގުޅޭނީ ޗާންދަނީ މަގުން ގޮހެވެ. ދުވުން ނިމުމާއެކު ރަސްފަންނު ބީޗް ސަރަހައްދުގައި ކުރިއަށްގެންދާ ތަފާތު ހަރަކާތްތަކާއެކު ދުވުމުގައި ބައިވެރިވި ހުރިހާ ކުދިންނަށް މެޑަލް ދިނުން އޮންނާނެ އެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންވާ ކުދިން ރަޖިސްޓަރީ ކުރަން މިހާރު ވަނީ ފަށާފަ އެވެ. ބައިވެރިވާން ބޭނުންވާ ކުދިންގެ ބެލެނިވެރިން ރަޖިސްޓްރީ ކޮށްގެން ވސް ކުދިންނަށް ބައިވެރިވެވޭނެ އެވެ.