ފަލަސްތީން

އިޒްރޭލުން ޖަލަށްލީ އެންމެ ހަގު ގައިދީ: މިހާރު މިނިވަނެއް!

އިޒްރޭލުން ޖަލަށްލީ ފަލަސްތީނުގެ އެންމެ ހަގު ގައިދީ މިނިވަންކޮށްފި އެވެ. އުމުރުން 12 އަހަރުގެ ދީމާ އަލް ވާވީ މިނިވަން ކުރީ ޖަލުގައި ދެ މަހާއި ފަނަރަ ދުވަސް ހޭދަކޮށްފަ އެވެ.

ދީމާ ކުށްވެރިވާ ކަމަށް އިޒްރޭލުން ކަނޑައަޅާފައިވަނީ އިޒްރޭލްގެ ރައްޔިތަކަށް ވަޅިން ހަމަލާދޭން އުޅުނު ކަމަށް ދީމާ އެއްބަސްވި ކަމަށް ބުނެ އެވެ. ދީމާ ޖަލަށްލީ ހަތަރު މަހަށެވެ. ދީމާ މިނިވަން ކުރީ ޖަލު ހުކުމް އެއްކޮށް ތަންފީޒުވެ ނުނިމެނީހެވެ. ދީމާ ދޫކޮށްލި ސަބަބެއް އިޒްރޭލަކުން ނުބުނެ އެވެ.

ބާރަ އަހަރުގެ ދީމާ ޖަލަށްލީއިރު އެ ގައުމުގެ ސިވިލް ލޯގައި ބުނެފައިވަނީ އުމުރުން 14 އަހަރު ނުފުރޭ ކުއްޖެއް ޖަލަށް ނުލެވޭނެ ކަމަށެވެ. އެ ގާނޫނަކީ އެ ގައުމުގެ ރައްޔިތުންނަށް ހާއްސަކޮށްފައިވާ ގާނޫނެކެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ހަދާފައިވާ މިލްޓަރީ ގާނޫނުގައިވާ ގޮތުން 12 އަހަރުގެ ކުއްޖެއް ވެސް ޖަލަށްލެވިދާނެ އެވެ.

ދީމާ ވަނީ ޖަލުން މިނިވަންވުމާއެކު އަލްޖަޒީރާއަށް އިންޓަވިއުއެއް ދީފަ އެވެ. ދީމާ ބުނީ، ޖަލުގައި އޭނާގެ އިތުރުން ވެސް ގިނަ ކުޑަކުދިންތަކެއް އެބަ ތިބަ ކަމަށާއި ޖަލުން ނުކުންނަން ޖެހުނީ ރައްޓެރިންތަކެއް ދޫކޮށްފައި ކަމަށެވެ.

"އަހަރެމެން ޖަލުގައި މުޅި ދުވަހު އެކީގަ އުޅެނީ، އެކީގަ ލަވަ ކިޔާ ހެދިން، އަހަރެން ޖަލުގައި ހުރިއިރު އެމީހުން އެހީވީ. ޖަލުން މިނިވަންވުމުން އަހަރެން ވަރަށް އުފާވޭ، އެކަމަކު އަދިވެސް ޖަލުގައި އެތައް ކުދިންތަކެއް ތިބުމުން ދެރަވޭ،" ދީމާ ބުންޏެވެ.

މިހާރު ވެސް އިޒްރޭޅްގެ ޖަލުތަކުގައި 438 ކުޑަކުދިން އެބަ ތިއްބެވެ. އޭގެ ތެރެއިން 98 ކުދިންނަކީ 16 އަހަރުން ދަށުގެ ކުދިން ކަމަށް ޕްރިޒަނާސް ރައިޓް ގުރޫޕުން އާންމުކުރި ތަފާސް ހިސާބުތަކެއްގައިވެ އެވެ.

ކޯޓުން ދީމާ ޖަލަށްލާނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދެއް އޭނާ ނުކުރެ އެވެ. އެއީ ކުޑަ ކުއްޖަކަށް ވާތީ އެވެ. ނަމަވެސް ގާޒީ ހަތަރު މަހަށް ޖަލަށްލުމަށް ހުކުމްކުރުމުން ހަދާނެ ގޮތް ހުސްވި ކަމަށް އޭނާ ބުންޏެވެ. ދިމާ ބުނީ ޖަލުގައި ހުރިއިރު އެއްވެސް މީހަކު އޭނާއަށް އަނިޔާނުކުރާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރި އިޒްރޭލްގެ ސިފައިން ވަރަށް ގަދަޔަށް އޭނާގެ ގައިގާ ތެޅި ކަމަށެވެ.

ޖަލުގައި ގިނަ ކަންތައްތަކެއް ދަސްވި ކަމަށް ވެސް ދިމާ ބުންޏެވެ. އެގޮތުން އަތްތެރި މަސައްކަތްތައް ދީމާ ދަސްކުރި އެވެ. ދީމާ ބުނީ، ޖަލުން ވަރަށް ރަނގަޅު މީހުންނާ ވެސް ދިމާވި ކަމަށެވެ. ހާއްސަކޮށް އަރަބި ޓީޗަރަކާ ބައްދަލުވެ ގާތް ގުޅުމެއް އުފެދުނު ކަމަށް ބުންޏެވެ.