ރާއްޖެ ކުޅިވަރު

ތިން ލަނޑުން ބަލިވެ އޭއެފްސީ ކަޕުން ނިއު ކަޓައިފި

ސިންގަޕޫރުގެ ބެލަސްޓިއާ އެފްސީ އަތުން މިއަދު 3-0އިން ބަލިވެ އޭއެފްސީ ކަޕުން ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކަޓައިފި އެވެ.

މި ދެ ޓީމު ފެބްރުއަރީ މަހު މާލޭގައި ކުޅެގެން 2-2އިން އެއްވަރުވި ނަމަވެސް ސިންގަޕޫރުގައި މިއަދު ކުޅުނު މެޗުން ބަލިވުމުން ނިއު މުބާރާތުން ކެޓީ ބާކީ އެއް މެޗު އޮއްވަ އެވެ. މިހާތަނަށް ކުޅުނު ފަސް މެޗުން ނިއު އަށް ލިބިފައިވަނީ އެންމެ ދެ ޕޮއިންޓެވެ. މިހެންވެ ކުރިއަށް އޮތް މެޗުން މޮޅުވިޔަސް ގްރޫޕުގެ ދެ ވަނަ މަގާމު ނުލިބޭނެ އެވެ.

ނިއު ހިމެނޭ ގްރޫޕް އެފްގެ އެއްވަނާގައިވަނީ 10 ޕޮއިންޓާއެކު ހޮންކޮންގެ ކިޗީ އެވެ. ދެ ވަނާގައިވަނީ މިއަދު ކިޗީ އަތުން 1-0އިން ބަލިވި ކާޔާ އެފްސީ އެވެ. އެ ޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ބެލަސްޓިއާ ވަނީ ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ.

2005 ވަނަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލް ކުޅުނު ނިއުރޭޑިއަންޓަކީ މި މުބާރާތުގައި މިހާތަނަށް ރާއްޖެއިން ދެވަނަ ބުރަށް ވެސް ދަތުރުކުރެވުނު ހަމައެކަނި ޓީމެވެ.

މުބާރާތުގައި ރާއްޖެއިން ވާދަކުރާ އަނެއް ޓީމަކީ ގައުމީ ޗެމްޕިއަން މާޒިޔާ އެވެ. އެ ޓީމު މާލޭގައި މާދަމާ ހަވީރު ބައްދަލުކުރާނީ ގްރޫޕް ޖީގެ އެއްވަނާގައިވާ އިންޑިޔާގެ މޯހަން ބަގާންއާ އެވެ. މި މެޗުން ބަލިވެއްޖެނަމަ މާޒިޔާ ވެސް މުބާރާތުން ކުރިއަށްދާން ވަރަށް އުނދަގޫވާނެ އެވެ. މިވަގުތު ގްރޫޕުގެ އެއްވަނާގައި ބޯހަން ބަގާން އޮތީ 10 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައި މިޔަންމާގެ ޔަންގޮން ޔުނައިޓެޑް ފަސް ޕޮއިންޓާއެކު އޮތްއިރު މާޒިޔާ އޮތީ ހަތަރު ޕޮއިންޓާއެކު ތިން ވަނާގަ އެވެ. ޓޭބަލުގެ ފުލުގައި އޮތީ ހޮންކޮންގެ ސައުތު ޗައިނާ އެވެ. އެ ޓީމަށް ލިބިފައިވަނީ މާޒިޔާ ބަލިކޮށްގެން ލިބުނު ތިން ޕޮއިންޓެވެ.